(29 މެއި 2017 އާ ގުޅޭ)

"މަގޭ ކުރިމަތީ ފާޑުފާޑުގެ ވާހަކަ ނުދައްކާތި. މިތަނުން މިހާރު ރައްކާވޭ" ބޮޑު މީހާގެ އަތުގައި އޮތް ފޮތްގަނޑު އަހަރެންނާ ދިމާއަށް ހޫރާލަމުން ހަޅޭއްލަވައި ގަތެވެ. އޭރު އޮފީހުގައި ތިބި ބައެއް މީހުންވެސް ތިބީ ބިރުންނެވެ.

ސައިފު އެތަނުން ދުރަށް ދިޔައެވެ. މަސައްކަތުގައި ބައިވެރިވިއެވެ. އޭނާ ލައްވާ ގިނަ މަސައްކަތް ކުރުވުމަށް ބޮޑު މީހާ ބުނެފައިވާކަން ސައިފަށް އެނގެއެވެ. އެގޮތަށް މެދުވެރިވަނީ ސައިފުގެ ސަބަބުންކަން އޭނާ ގަބޫލުކުރެއެވެ. އޭނާގެ އަނގައިގެ ސަބަބުންކަން ވެސް ދަނެއެވެ.

ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތަކީ ސައިފަށް ހިތްހަމަޖެހުން ލިބިގެންދާ ވަގުތެވެ. އޭނާއަށް ހިތްހަމަޖެހުން ލިބެނީ އޭނާ އާއްމުކޮށްދާ މިސްކިތުންނެވެ. ކުރެވޭ ނަމާދުތަކުންނާއި ގުރުއާން ކިޔެވުމުގައި ހޭދަކުރެވޭ ވަގުތުތަކުންނެވެ. ރޯދަވީއްލުމަށް މިސްކިތުގައި ބައެއް މީހުން ކާތަށި އަތުރައިގެން ތިބޭ ނަމަވެސް އެކަމުގައި ބައިވެރިވާހިތެއް ސައިފެއް ނުވެއެވެ. އެ މަންޒަރުން އޭނާ ގަންނަނީ ލަދެވެ. ވަނީ ދެރައެވެ. އޭނާ ފަދަ ކިތަންމެ މީހަކު މި ދުނިޔޭގައި އުޅޭކަން އެ ހިތް ގަބޫލުކުރާތީއެވެ.

އެހެން ރޭތަކާ ޚިލާފަށް މަގުރިބް ނަމާދުކޮށްގެން ސައިފު އިނީ މިސްކިތުގައެވެ. ކާން ހޮޓަލަށް ދާން ބޭނުންނުވީއެވެ. ލިބިފައިވާ ހިތްދަތިކަމާއެކު އޭނާ ބޭނުންވީ އަޅުކަމުގައި ވަގުތު ހޭދަކުރާށެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވާށެވެ. ދުޢާކުރުމުގައި ވަގުތުތައް ދުއްވާލާށެވެ.

ހަތެއް ޖެހިއިރުވެސް ސައިފުގެ ޚަބަރެއްނުވިއެވެ. ހަތްގަޑި ބައިވި އިރުވެސް އޭނާގެ ޚަބަރެއް ނުވިއެވެ. ސައިފު މަސައްކަތަށް ނާންނާތީ ސައިޓާ ހަވާލުވެ ހުރި މީހާ ގުޅީ ބޮޑު މީހާއަށެވެ. ސައިފުގެ ކުށެއް ފެނުމުން އެކަން އެނގުމަށެވެ. ބޮޑުމީހާއަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. ސައިފުގެ ކުށެއް ފެނުނީތީއެވެ.

ބޮޑުމީހާ ސައިޓަށް އައީ ސައިފު ކޮބައިތޯ ބަލާށެވެ. ސައިޓުގައި މަސަކަތްކުރަން ތިބި މީހުންނާ ސުވާލުކުރުމުން އޭނާ މިސްކިތުން ފެނުނުކަމަށް ދެ މީހަކު ބުންޏެވެ. ސައިފު ސައިބޯން ނުދާކަމަށް ވެސް އެކަކު ބުންޏެވެ. އަދި އޭނާ އުޅެނީ ވަރަށް ދެރަވަގެންކަން ވެސް އެކަކު ބުންޏެވެ.

އަށެއް ޖެހިއިރުވެސް ސައިފުގެ ޚަބަރެއް ނުވިއެވެ. ބޮޑު މީހާ ހުރީ ހިތްހަމަ ނުޖެހިފައެވެ. މަސައްކަތުގައި ތިބި ބައެއް މީހުން ތިބީ ބިރުންނެވެ. ސައިފަށް ވާނެ ގޮތް ނޭނގޭތީއެވެ. ކޮންމެ ފަދަ ގޮތެއް ވެސް އޭނާ ހަދާފާނެތީއެވެ.

"އަހަރެންނަށް މަކަރު ހަދާފައި އުޅެވޭނެކަމަށް ހީވަނީތަ؟ މަގޭ އަތު ޖެހިއްޖެ ނަމަ ހޭއަރުވާލާން. ދޭ ހަމަ މިހާރު އޭނާ ހޯދައިގެން ގެންނަން. ކޮންމެ ތާކު އިނަސް އޭނާ ގޮވައިގެން އާދޭ." ބޮޑު މީހާ އަމުކުރީ ސައިޓާ ހަވާލުވެ ހުރި މީހާއަށެވެ. ސައިޓާ ހަވާލުވެ ހުރި މީހާ އެތަނުގައި މަސައްކަތްކުރަން ތިބި ދެ މީހުންނާއެކު ދިޔައީ ސައިފު އުޅޭގެއާއި އޭނާ އާއްމުކޮށް ދާ މިސްކިތްބެލުމަށެވެ.

10 ވަރަކަށް މިނެޓްފަހުން ބޮޑުމީހާއަށް ލިބުނީ ސައިފު މަރުވި ޚަބަރެވެ.

"ކިހިނެއްވީ؟ ކޮންތާކު؟" ބޮޑުމީހަށް ލިބުނު ހައިރާންކަމުގައި އޭނާއަށް ސުވާލުކުރެވުނެވެ.

"ވީގޮތެއް ނޭނގެ. އޭނާ އޮތީ މިސްކިތުގައި. ބައެއް މިހުން ބުނަނީ އޭނާ ތަރާވީހު ނަމާދު ސަޖިދައަށް ގޮސް ނުތެދުވެގެން ބެލިއިރު އޮތީ މަރުވެފައިއޭ" ކަންތައްވީ ގޮތް ބޮޑު މީހާއަށް އޮޅުންފިލުވައިދެމުން ދިޔައީ ސައިޓުގައި އިސްކޮށް މަސައްކަތްކުރަން ހުރި މީހާއެވެ.

ލިބުނު ޚަބަރާއެކު ބޮޑު މީހާ ހާސްވިއެވެ. ކަންބޮޑުވިއެވެ. ސައިފާމެދު ކަންތައް ކުރެވުނުގޮތް ހިތަށް ވަނެވެ. އޭނާއަށް އަމަލުކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލުކުރިއެވެ.

ސައިފުގެ ފުރާނަ ގެންދެވީއެވެ. ކެތްތެރިކަމާއެކު ހިތުން އެދެމުން ދިޔަ އެދުން ފުއްދެވީއެވެ. އެ މަރާއެކު އެންމެ ބޮޑު ބަދަލެއް އައީ ބޮޑުމީހާ އަށެވެ. އެންމެ ބޮޑު އަސަރެއް ކުރީވެސް އޭނާއަށެވެ. ސައިފު ކޮށްފައިވާ ޒުވާބުތަކުގެ އަޑު ބޮޑުމީހާގެ ކަންފަތުން ކެނޑިގެނެއް ނުދިޔައެވެ. އޭނާ ސައިފަށް ދިން ޖަވާބުތައް ބޮޑު މީހާގެ ދުލަކުން ފިލައިގެނެއް ނުދިޔައެވެ. ސައިފާމެދު ޢަމަލުކުރެވުނު ގޮތް ބޮޑުމީހާގެ ލޮލާ ވަތްކެތް ނުވިއެވެ.

ސައިފު ދިނީ އެންމެ މެސެޖެކެވެ. އެންމެން އެއްގޮތް ނުވާނެ ކަމުގެ މެސެޖެވެ. އެއްގޮތަށް ކަންކަން ނުހިނގާނެ ކަމުގެ މެސެޖެވެ. އެއްގޮތަށް ހިނގާނެކަމަށް ވިސްނާނަމަ ހީނުކުރާ އެތައް ކަމެއް ދިމާވެދާނެކަމުގެ މެސެޖެވެ. އެމެސެޖު ނަގައިނުގަނެވުނީ ބޮޑުމީހާއަށެވެ. އެފަދަ އެހެން މީހުންނަށް ވެސް މެއެވެ.

(ނިމުނީ)