ކާފަ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. އެއީ ޖަމާޢަތުގައި ނަމާދު ކުރުމެވެ. އެކަން ނުކުރާނަމަ ކާފަ ވަރަށް ހިތްހަމަ ނުޖެހޭނެއެވެ. ކޮންމެ ނަމާދެއް ނިންމުމަށްފަހު އަހަރެން މިސްކިތުގައި އިންތޯ ކާފަ ބަލައެވެ. އަހަރެން ހިތްހަމަ ނުޖެހޭ ކަމަކަށް އެކަން ވިޔަސް، އެކަން ވެގެން ދިޔައީ އަހަރެން ޖަމާޢަތުގައި ބައިވެރިވުމަށް ލިބުނު ހިތްވަރަކަށެވެ.

ކާފައާއެކު މިސްކިތަށް ދިޔަ ދުވަހެކެވެ. ކާފަގެ ގައިން ދުވާ މީރުވަސް އަހަރެންގެ ގައިންވެސް ދުވާ ފަދައެވެ.

"ކާފާ. ހާދަ މީރު ވަހެކޭ އެ ދުވަނީ" އަހަރެންނަށް ބުނެވުނެވެ.

"އެއީ އަތަރު ވަސް. އަން ދަރިފުޅު ވެސް މި ފުޅިން އަތަރު ކޮޅެއް އުނގުޅާލަބަލަ" ކާފަގެ ގަމީހު ޖީބުން އަތުމުށުން ފޮރުވާލެވޭ ވަރުގެ ކުޑަ އަތަރު ފުޅިއެއް ނެގުމަށްފަހު އަހަރެންގެ އަތުގައި އުނގުޅާލަ ދިނެވެ.

"ދެ އަތުން އުނގުޅާލާ. ދެން ގަމީހުގައި އުނގުޅަލާ. އޭރުން ވަސް ގިނަ އިރު ހުންނާނީ. އެހެން ނޫނިއްޔާ ވަރަށް އަވަހަށް ވަސްފިލާނެ" ކަންތައް ކުރަންވީ ގޮތާއި އެކަން އެގޮތަށް ކުރަނީ ކީއްވެގެން ކަންވެސް ކާފަ ކިޔައި ދިނެވެ.

"ކާފަ މިސްކިތަށް އަންނަ ކޮންމެ ފަހަރަކު ވެސް އަތަރު އުނގުޅަންތަ؟" އަހަރެން ސުވާލުކުރީމެވެ.

"މިއީ ކާފަ ހަނދާނުގައި ހުންނަން ފެށީއްސުރެ ކާފަ ކުރަމުން އަންނަ ކަމެއް. ކާފަ މިސްކިތަން އަންނަނީ ވަރަށް ތައްޔާރުވެގެން. މިކަން ކާފަކުރަނީ ވަރަށް ކުރާހިތުން. ނަމާދަށް އައުމަކީ އެކަމަށް ބޭނުންވެގެން ކުރާކަމަކަށް ވާންވާނެ. ދަރިފުޅު ވެސް މިސްކިތަށް ދާންވީ އެކަންކުރާ ހިތުން. ކާފަމެން ބުނީމާ ނަމާދަށް ދިއުމާއި އެކަން ކުރާހިތުން އެކަން ކުރުމަކީ އަދި ތަފާތު ދެކަމެއް" ކާފަ އޮޅުން ފިލުވާދޭން ބޭނުންވީ ނަމާދަށް ދާ ސަބަބެވެ.

"ތިކަން އަހަރެންނަށް ވެސް އެނގޭ. އެކަމަކު ކޮންތާކު ކާފަ އަތރު ހޯދަނީ؟" ކާފަގެ ވާހަކަތައް ހުއްޓުވަން އަހަރެން ކުރީ އިތުރު ސުވާލެކެވެ.

"ކާފަ ހުންނާނެ ހުސްނުވާވަރަށް އަތަރު ގެނެސްފައި. ކޮންމެ އަހަރަކު މާލެއަށް ކާފަ ކުރަނީ އެއް ދަތުރު. އެ ދަތުރު އަތަރު ގެންނަނީ" ކާފަ އޮޅުން ފިލުވައި ދިނެވެ.

" ކޮންމެހެން އަތަރު ޖަހަން ޖެހޭތަ؟" ކާފަގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"ކޮންމެހެން ޖަހާކަށް ނުޖެހޭ. ނަމަވެސް އެ ޖެހުމުން ކާފަ ހިތްހަމަ ޖެހޭ. އެހެންވީމާ ނުޖަހަންވީ ސަބަބެއް ވެސް ނެތް. ކާފަ ގަބޫލުކުރަނީ އެއީ ސާފުތާހިރުވެ ރީތިވުމުގެ ބައެއްކަމަށް. އެެހެންވީމާ އެކަންކުރުން މޮޅު އިތުރުކަމަށް ކާފައަށް ވިސްނެނީ" ކާފަ ހާމަކުރީ ކާފަ ގަބޫލުކުރާ ގޮތެވެ.

ކާފައާއި އަހަރެންނަށް މިސްކިތަށް ދެވުނީ އެކުއެކީގައެވެ. އޭރު މުދިންބެ ވެސް މިސްކިތަށް އަރަނީއެވެ. އަހަރެންވެސް ކާފައާއެކު މިސްކިތަށް އަރައި ސުންނަތް ކޮށްލީމެވެ.

މިސްކިތުގައި އިނދެ އަހަރެންނަށް ވިސްނެމުން ދިޔައީ ކާފަގެ ވާހަކަތަކެވެ. ތެދެކެވެ. ކާފަ މިސްކިތަށް އަންނަނީ އަންނަ ހިތުންނެވެ. އަހަރެންގެ ހަޔާތުގައި ކޮންމެ ދުވަހަކު ވެސް ބަންގިދިނުމުގެ ކުރިން މިސްކިތުގައި ކާފަ ހުރެއެވެ. އެކަމަށް ކާފަ ސަމާލުކަން ދެއެވެ. އެކަމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ކާފަ ދެކެއެވެ. އެކަަމަކު އަހަރެންނަށް މި އުޅެވެނީ ކިހިނެއް ހެއްޔެވެ؟ ނަމާދާ މެދު ކަންތައް މިކުރެވެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެތައް ސުވާލަކުން އަހަރެންގެ އަމިއްލަ ނަފުސު ހިސާބު ކޮށްލީމެވެ. އެއާއެކު ޢަޒުމެއް ވެސް ކަނޑައެޅީމެވެ.

ނަމާދުކޮށް ނިންމައިގެން އަހަރެން ގެއަށް ހިނގައިގަތީ ކާފައާއެކުއެވެ. ގެއަށް ގޮސް ކާފަގެ ކޮޓަރީއަށް ވަނީ ކާފައާ ސުވާލުތަކެއް ކުރާނަމޭ ހިތުގައެވެ.

"ކާފާ.. ދުވަހަކު ވެސް ބަންގީގެ ފަހުން މިސްކިތަށް ދާން ޖެހުނުތަ؟" އަހަރެންގެ ހިތުގައި އޮތް އެއް ސުވާލު ކާފައަށް ހުށަހެޅީމެވެ.

(ނުނިމޭ)