(03 ޖޫން 2017 އާ ގުޅޭ)

"ކާފާ.. ދުވަހަކު ވެސް ބަންގީގެ ފަހުން މިސްކިތަށް ދާން ޖެހުނުތަ؟" އަހަރެންގެ ހިތުގައި އޮތް އެއް ސުވާލު ކާފައަށް ހުށަހެޅީމެވެ.

"ކާފަ ކުޑައިރު އުޅުނީ ދަރިފުޅު ތި އުޅުނު ގޮތަށް. ބައެއް ނަމާދުތަކަށް ފަރުވާ ކުޑަކުރެވުނު. އެ ދުވަސްވަރު ބައެއް ފަހަރު މިސްކިތަށް ދެވުނީ ބަންގިގޮވާ ފަހުން. އެކަމަކު މިހާރު އިރާދަކުރެއްވިއްޔާ އެގޮތަކަށް ކަންތައް ދިމައެއް ނުވާނެ" ހިނިތުންވެލަމުން ކާފަ ބުނެލިއެވެ.

"ކާފައަށް ތި ބަދަލު އައީ ކީއްވެ؟" އަނެއްކާ ވެސް އަހަރެން ސުވާލުކުރީމެވެ. އަހަރެން ވެސް އެ ބަދަލު ގެނަން ބޭނުންވާތީއެވެ.

"ބުނަން ދަރިފުޅާ. އެ ބަދަލު އައީ ވަރަށް އަސަރު ހުރި ކަމަކާއެކު. އެކަން މެދުވެރިވީ އިރު ކާފަ ހުރީ ދަރިފުޅު ތިހުރި ޢުމުރުގައި" ކާފަގެ ވާހަކަ ކުރިއަށް ދާލެއް ލަސްކަމުން އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"އަސްލު ވީގޮތަކީ ކޮބައި؟ ދިމާވީ ކޮން ކަމެއް؟"

"ދަރިފުޅުގެ މުނިކާފައަކީ މި ރަށު ކުޑަ މިސްކިތުގެ މުދިމު. އެ ކާފަ އަކީ ވެސް ގަވައިދުން މިސްކިތަށް ދިޔަ މީހެއް. ކާފަ މި ގެންގުޅޭހެން އަތަރު ގެންގުޅުނު ކާފައެއް. މުނިކާފަ އެންމެ ހިތް ހަމަ ނުޖެހެނީ ޖަމާއަތަށް ކާފަ މިސްކިތަށް ނުދާތީ. އެކަމާ ހިތްހަމަ ނުޖެހިގެން މުނިކާފަ ހެދިގޮތަކީ ކާފަ މިސްކިތުގައި ބައިންދާ ނަސޭހަތް ދިނީ. އެދުވަހު އެކަން ކުރި ވަގުތު މިސްކިތުގައި އެއްވެސް މީހަކު ނެތް. ތިބީ މުނިކާފައާއި ކާފަ. އެދުވަހު މުނިކާފަ ވަރަށް ރުއި. ހިތުގައި ޖެހިގެން އެ ވާހަކަ ދެއްކި. އަދި އެންމެ ފަހު ނަސޭހަތަކަށް ވެސް ދޭން އޮތީ ޖަމާޢަތުގައި ނަމާދުކުރަން ކަމުގައި ބުނި. އެނަސޭހަތް ދޭން އަބަދު މުނިކާފަ ނުހުންނާނެކަމާއި އެކަމަކީ ކާފައަށާއި ކާފަގެ މުސްތަގުބަލަށް މުހިންމު ކަމެއްކަން ބުނެދިން. މުނިކާފަގެ އެ އަސަރުދަ ވާހަކަތަކުން ކާފަގެ ހިތް މަޑުމޮޅިވި. ކާފައަށް ވިސްނުނު. ކާފައަށް އުޅެވުނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލުކުރެވުނު" އެހިސާބަށް ކާފަގެ ވާހަކަ ކުރިއަށް ގެންދިއުމަށް ފަހު ވާހަކަ މެދު ކަނޑާލިއެވެ.

ކާފައަށް އުނދަނގޫވާ ގޮތްތަކެއް ވިއެވެ.

"ކިހިނެއްވީ ކާފާ. ދެންވީ ކިހިނެއް؟" ޝައުގުވެރިކަމާއެކު އަހަރެންނަށް ސުވާލުކުރެވުނެވެ. ފުން ނޭވާއެއް ލަމުން ކާފަގެ ވާހަކަ ފެށިއެވެ.

"ދެންވީ ގޮތަކީ... އެ ނަސޭހަތަށް ފަހު މުނިކާފަ ދިނީ މުނިކާފަގެ އަތުގައި އޮތް އަތަރު ފުޅި. އަދި ބުނި. އޭގެ ވަހުން ރޫހު ތާޒާ ކޮށްލާށޭ. އެ ވަހުން މުނިކާފަ ހަނދާން ކޮށްދޭނޭ. އެހެން ބުނުމަށްފަހު މުނިކާފަ އެދުނީ މުނިކާފަ ސުންނަތް ނަމާދެއް ކޮށްލަންދެން ކާފަ މިސްކިތުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށް. މުނިކާފަގެ އެ އެދުމަށް އިޖާބަދީ މިސްކިތުގެ ފަހަތު ސަފެއްގައި މަޑުކޮށްލައިގެން ކާފަ އިނިން" އެހެން ބުނި ވަގުތު ކާފަގެ ދޮ ލުލުން ކަރުނަ ނީރޭ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން އިސްދަށަށް ޖަހާލައި އެ މަންޒަރު ނުފެންނަކަމަށް ހެދީމެވެ.

"ދަރިފުޅާ. މުނިކާފަ ސަޖިދައަށް ގޮސް ދެނެއް ނުތެދުވި. އެތައް އިރެއް ވީއިރު ވެސް އޮތީ ސަޖިދާގައި. ބައިގަޑިއެއް ހައިއިރު ފަހުން ކާފަ ގޮސް ބެލިއިރު މުނިކާފަ ......" ކާފަގެ ވާހަކަ ހުއްޓާލިއެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އެ މުނިކާފަގެ މާތްކަން ހިތަށް އަރައި ހެޔޮ ދުއާކުރެވުނެވެ.

"ދަރިފުޅާ މިއީ ވަގުތީ ތަނެއް. މިތަނުގެ ނިމުން އަންނާނީ ކޮންއިރަކު ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގޭނެ. މުނިކާފަގެ އެ ވަކިވުން ވެގެން ދިޔައީ ކާފަގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަކަށް. މުނިކާފަ ބޭނުންކުރި އެ އަތަރުގެ ވަސް ވެގެން ދިޔައީ ހަގީގަތުގައި ވެސް ކާފައަށް ނަމާދު ހަނދާންކޮށްދޭ ބައިވެރިއަކަށް" ކާފަގެ ވާހަކަ އަހަރެން ގަބޫލުކުރީމެވެ. އެ ޖަޒުބާތީ އިހުސާސްތަކުން އަހަރެން ފެންވަރާލީމެވެ. އެ ވާހަކަތަކުން ހަޔާތުގެ މިސްރާބު ބަދަލުކޮށްލަން ނިންމީމެވެ. މާދަމާވެސް މިއަދުވެސް މަރުވެދާނެ ކަން ހަނދާންކުރީމެވެ. ހަޔާތަށް ބަދަލެއް އަންނަން ޖެހޭކަން ގަބޫލުކުރީމެވެ.

ކާފަގެ ކޮޓަރިން އަހަރެން ނުކުތީ އެކޮޓަރިއަށް އަހަރެން ވަން އިރު ހުރި މޫޑުގައެއް ނޫނެވެ. އެ މޫޑު ބަދަލުވީ ކާފަގެ ވާހަކަތަކުންނެވެ. ކާފަގެ ތަޖުރިބާ ތަކުންނެވެ.

މިއަދު އަހަރެންނަށް ބަދަލު އަތުވެއްޖެއެވެ. ކާފައާއެކު މިސްކިތަށް ދާން ފެށިއްޖެއެވެ. އަތަރުފުޅި ބޭނުން ކުރަންވެސް ފެށިއްޖެއެވެ. އޭގެ ވަހުން ނަމާދު ހަނދާން ކޮށްދެއެވެ. ކާފަ މަތިންވެސް ހަނދާންވެ އެވެ.

(ނިމުނީ)