ނަމާދުކޮށް ނިމުމާއެކު މީހުންތައް ފައިބަން ފެށިއެވެ. ކޮނޑުމަތިންނާއި ބޯމަތިން ވެސް މީހުން ހުރަސްކުރަން ފެށިއެވެ. އެކަކަށްވުރެ އަނެކަކު އަވަހަށް ފޭބޭތޯ އުޅޭހެން ވެސް ހީވެއެވެ. އަހަރެން މަޑުކޮށްލައިގެން އިނީ އެ ބައިގަނޑުގެ ތެރެއަށް ނުވަނުމަށެވެ. މިސްކިތުގެ ހުދު، ފުޅާ، ސިނޑި ކިތަންމެ ފުޅާ ނަމަވެސް އެ ސިޑި އެ ވަގުތު އޮންނަނީ ހަނިވެފައެވެ. ތޮއްޖެހިފައިވާ މީހުންގެ ސަބަބުން ކުޑަވެފައެވެ. އެހެންވެ އަހަރެން މަޑުކޮށްލީއެވެ.

މީހުން މަދުވެލުމާއެކު މަޑު ހިނގުމުގައި އަހަރެން ވެސް ހިނގައިގަތީމެވެ. މިސްކިތުގެ ދެކުނު ފަރާތަށް ނުކުމެވުނު އިރު ފެނުނީ ގުދުލީ ރެއްސެއްހެން ދަމާލާފައި އޮތް ދިގު ކިއުއެކެވެ. ހައިރާނުގެ ނަޒަރުން އެ ދިގު ކިއުއަށް އަހަރެންނަށް ބަލައިލެވުނީ ނުރުހުންވެ ހުރެއެވެ. ހިތަށް އެރީ އަރަން ނުވާ ޒާތުގެ ވާހަކަތަކެއްކަން ހަނދާން ކޮށްދިނީ ބަނޑުގައިވާ ހާންތިކަމެވެ. އެތަނުގައި ފަގީރުން ތިބޭނެކަމުގެ ޔަގީންދިނީ ހިތެވެ. އެ މީހުންނަށް އެހީވާން ޖެހޭކަން ވެސް ބުނެދިނީ ހަމަ އެ ހިތެވެ. ނަމަވެސް އެ ހިތުން ވެސް ޝަކުވާ ކުރެއެވެ. އެ އެހީ ދެވެނީ އެންމެ އައުލާ މީހާއަށްތޯ ސުވާލު އުފައްދައެވެ.

އަހަރެން ވެސް ހިނގައިގަތީ އެ ކިއުއާ ދިމާއަށެވެ. އަހަރެންގެ އަތުގައި ހުރި ފައިސާކޮޅުން ކިއުގައި ތިބި އެންމެންނަށް އެހީ ނުދެވޭނެކަން އެނގި ހުރެއެވެ.

ޖީބުގައިވާ 20 ރުފިޔާގެ ނޫޓުކޮޅު ނެގުމަށްފަހު އަހަރެން ބަހަން ފެށީމެވެ. މީހުންތައް ހީވީ ކެކި އަރައިގަތް ހެންނެވެ. ދަމާލާފައި އޮތް ކިއު ބޮނޑިވެގަތީ އެ މީހުންނަށް ލައްވާ ނުލައިފާނެތީ ތޯއްޗެކެވެ. އެލަނޑު ލިބުމުން ތޯއްޗެކެވެ.

މީހުންގަނޑު އުޅެގަތް ގޮތުން އަހަރެން ދެރަ ވިއެވެ. ލަދު ވެސް ގަތެވެ. އެކަން ނުކުރެވުނު ނަމަ މާ ރަނގަޅުވީހޭ ވެސް ހިތަށް އެރިއެވެ. އަހަރެންގެ އެ އެހީ ލައްވާލީ ބައެއް މީހުންނަށެވެ. އެކަމާ ޒުވާބު ކުރަންފެށީ އެ މީހުންނެވެ. ހަޅޭއްލަވައި އަޑުލާ ހެދީ ވެސް ހަމަ އެ މީހުންނެވެ.

އެ އެންމެންގެ ތެރެއިން ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ފުރާވަރުގެ ކުއްޖެކެވެ. ހަމްދަރުދީ އުފެދުނީ އެ ކުއްޖާ ޢަމަލުކުރި ގޮތުންނެވެ. އޭނާ އަތަށް ދިން ވިހި ރުފިޔާ، އެހެން މީހަކަށް އޭނާ ދިނުމުންނެވެ. އެ މަންޒަރު ފެނުނު އަހަރެންގެ ލޯ އެ ކުއްޖާއަށް ހުއްޓުނެވެ.

މާ އަލިނޫން މޫނެވެ. ކޮންމެވެސް ވަރަކަށް އަނދާފައި ހުރި، ފުރާވަރުގެ ބިހި ގިނަ މޫނެކެވެ. ގަޔަށް މަހާލާފައި އޮތް ހޮޔޮވަރު ނޫން ބާ، ނޫ ގަމީހުގެ ކުލަ ހުރީ ވެއްޓިފައެވެ. ލައިގެން ހުރި ޖިންސުގެ ކަށިމައްޗާ ދިމާގައި ބޮޑު ކަޅު ދެލިގަނޑެއް ޖެހިފައިވާއިރު އަރައިގެން ހުރި ފައިވާނުން ބޮޑު ބައެއް ފުންނާބުން ބޭރަށް ހުއްޓެވެ. ފެނުނު މަންޒަރުގެ ސަބަބުން އަހަރެން ޝައުގުވެރިވީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އެ އެންމެންގެ ތެރޭއިން އޭނާގެ ގާތަށް ހިނގައްޖެ ނަމަ ދެންވާނެ ގޮތް އަހަރެންނަށް އެނގެއެވެ. އަހަރެން ހުރީ އޭނާ ހަދާގޮތް ބަލާށެވެ. އެނާގެ އަތުގައި އޮތް ނޫޓު އެހެން މީހަކަށް ދިނުމަށް ފަހު އޭނާ ހިނގައި ގަތީ ޗާނދަނީ މަގުން އުތުރަށެވެ.

އޭނާ ދާ ގޮތް ބަލަމުން އަހަރެން ގޮސް އެރީ އަހަރެންގެ ސައިކަލަށެވެ. ބާރު ހިނގުމުގައި ހިނގާފައި ދިޔަ އެ ޒުވާނާގެ ފަހަތުން އަހަރެން އަޅުވާލީމެވެ. އެއީ ކާކުތޯ ބެލުމުގެ ބެނުމުގައެވެ. އޭނާ ސަލާން ޖަހަން އެތަނަށް އައި ސަބަބު ހޯދުމުގެ ނިޔަތުގައެވެ. އެއީ އެހެންޏާ ދުވަހަކު ވެސް އެ މީހުންގެ ތެރެއިން ފެނުނު މަންޒަރެއް ނޫނެވެ. އެ ޒުވާނާއަށް ވުރެ ފަނަރަ ވަރަކަށް ފޫޓު ފަހަތުގައި އިނދެ އަހަރެން ކުރިއަށް ދިޔައީމެވެ.

މާވެޔޮ މަގުން ގޯޅިއަކަށް އެޅުމަށްފަހު ޒުވާނާ މަޑުކޮށްލިއެވެ. އަހަރެން ވެސް ސައިކަލު ޕާކުކުރާކަމަށް ހަދައި އެހިސާބުގައި މަޑުކޮށްލީމެވެ. ނުވާކަމަށް ހަދާފައި އޭނާއަށް ބަލައިލީމެވެ. އޭރު އޭނާ އެތާ ހުރި ގެއަކަށް ވަންނަނީއެވެ.

ބާރު ހިނގުމުގައި ގޮސް އަހަރެން އެގޭ ދޮށުގައި މަޑުކޮށްލީމެވެ. ވަރަށް އާދައިގެ ގެއެކެވެ. އުވައިން ރާނާފައިވާ އިހުގެ ގެއެކެވެ. ދަބަރަށްވެ ހުލިވެފައިވާ ޓިނުން ގޭގެ މުސްކުޅިކަން ހާމަވެއެވެ. ދެ ކޮޅު ބަލައިލުމަށްފަހު އެ ގެއަށް ދެމިގަންނަން ހިތަށް އެރިވަގުތު ގޭތެރެއިން އިވުނި ހަޅޭކުގެ ބާރު އަޑުފައްގަނޑެކެވެ.

"ކަލޯގާތުގައި ބުނެފީމެއްނު. މިގެއަށް ނާންނާށޭ. މަށަކަށް ނުބެލޭނޭ. ކަލެއަށް ދޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތޭ. ކަލޭ ބަފަޔަށް ކާންދޭށޭ" އަޑުގައި ނެތްތަނަށް ހަޅޭއްލަވަމުން އައި އަންހެނެއްގެ އަޑު އަހަރެންނާ ކައިރިވާކަން އެނގުމުން އަހަރެން އެގޭ ދޮރުމަތިން ދުރަށް ޖެހިލީމެވެ. ހަމަ އެވަގުތު ދުންޖަހާފައި އެގެއިން ނުކުތީ އަންހެކެވެ. އޭނާ ކިޔަމުން ދިޔަ ފަތިވަރު އެގޭ ދޮރޯށިން ނުކުތް އިރުވެސް ހުރީ ކިޔާލަ ކިޔާލައެވެ. އޭނާ އައިސްފައި ހުރި ނުރުން ބޭލީ ބާވެ ރޫޅެން ކައިރިވެފައިވާ ދޮރުފަތަށެވެ. އެ އަނހެން މީހާ ބަން ކިޔާފައި ދޮރު ޖަހަމުން ހިނގައިގަތީ ބޭރަށެވެ.

(ނުނިމޭ)