(07 ޖޫން 2017 އާ ގުޅޭ)
"ކަލޯގާތުގައި ބުނެފީމެއްނު. މިގެއަށް ނާންނާށޭ. މަށަކަށް ނުބެލޭނޭ. ކަލެއަށް ދޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތޭ. ކަލޭ ބަފަޔަށް ކާންދޭށޭ" އަޑުގައި ނެތްތަނަށް ހަޅޭއްލަވަމުން އައި އަންހެނެއްގެ އަޑު އަހަރެންނާ ކައިރިވާކަން އެނގުމުން އަހަރެން އެގޭ ދޮރުމަތިން ދުރަށް ޖެހިލީމެވެ. ހަމަ އެވަގުތު ދުންޖަހާފައި އެގެއިން ނުކުތީ އަންހެކެވެ. އޭނާ ކިޔަމުން ދިޔަ ފަތިވަރު އެގޭ ދޮރޯށިން ނުކުތް އިރުވެސް ހުރީ ކިޔާލަ ކިޔާލައެވެ. އޭނާ އައިސްފައި ހުރި ނުރުން ބޭލީ ބާވެ ރޫޅެން ކައިރިވެފައިވާ ދޮރުފަތަށެވެ. އެ އަނހެން މީހާ ބަން ކިޔާފައި ދޮރު ޖަހަމުން ހިނގައިގަތީ ބޭރަށެވެ.
ފުރުޞަތުގެ ބޭނުން ކޮށް އަހަރެން އެތެރެއަށް ވަނީމެވެ. ހީވީ މާޒީއަށް ދެވުނު ހެންނެވެ. މުސްކުޅި އާސާރީ ހިސާބަކަށް ވަދެވުނުހެންނެވެ. މާލޭގައި އެފަދަ ތަނެއް ހުރެދާނެ ބާއެވެ. އެހާ ހާލުގައި ބަޔަކު އުޅެދާނެ ހެއްޔެވެ؟
"އައްސަލާމް ޢަލައިކުމް" ދޮރުން އެތެރެވެ އޮތް ހިނި ގޯޅިން ހިނގައިގަންނަމުން އަހަރެން ދެ ފަހަރަކު ސަލާން ގޮވާލީމެވެ. އަޑެއް ބަޑެއް ނުއިވުމުން އަހަރެން ކުޑަކޮށް އެތެރެއަށް ޖެހިލުމަށް ފަހު އިތުރަށް ސަލާން ގޮވާލީމެވެ.
"މަންމަވީ ބޭރުގައި" ގޭތެރެއިން ކުއްޖަކު ގޮވާލާ އަޑު އިވުނެވެ. އަހަރެން އަނެއްކާ ވެސް ކުރިއަށް ވުރެ ބާރަށް ސަލާން ގޮވާލީމެވެ.
"މަންމަ ދިޔައީ ބޭރަށް. ދެންމެ ދިޔައީ" ކުރިއަށްވުރެ ބާރަށް އެ ކުއްޖާ ވެސް ގޮވާލިއެވެ.
"މަންމަ ހޯދާކަށް ނޫން" އަހަރެން ވެސް ކުރިއަށް ވުރެ ބާރަށް ބުނެލީމެވެ. އެހެން ބުނެ ނުނިމެނީސް އެއްކަލަ ޒުވާނާ އަހަރެންގެ ކުރިމަތީ ހުއްޓުނެވެ.
"ކިހިނެއްވީ؟ ކާކު ހޯދަން؟" އޭނާ ސުވާލު ކުރިއެވެ.
"އަހަރެން ހޯދަން އައި ކުއްޖާއާ މިހުރީ ބައްދަލުވެފައި. އަހަރެން ވާހަކަދައްކާލަން ވަގުތު ކޮޅެއް ދެވިދާނެތަ؟" ހިނިތުންވެ ހުރެ އަހަރެން ބުނީމެވެ.
"ކިހިނެއްވީ؟" ހައިރާންވެ ހުރެ އޭނާ ސުވާލުކުރިއެވެ.
"މާބޮޑު ކަމެއް ނުވޭ. އަހަރެން ބޭނުމީ ހަމަ ވާހަކަދައްކާލަން" އަހަރެން އަނެއްކާ ވެސް ބުނީމެވެ. އޭނާ އުޅުނުގޮތުން ބިރުން އުޅޭހެން އަހަރެންނަށް ހީވިއެވެ.
"އަހަރެން ހޯދަން މީހުން އަންނަންޏާ މަންމަ ވަރަށް ރުޅި އަންނާނެ. ކަމެއް ނެތިއްޔާ އަވަހަށް ދޭ" އޭނާ ބޭނުންވީ އަހަރެން ފޮނުވާލާށެވެ.
އެހެން ބުނިތަނާ ބޭރު ދޮރު ހުޅުވާލުމަށް ފަހު ލެއްޕުނު އަޑު އިވުނެވެ. އަހަރެން ކުރިމަތީ ހުރި ސޮރަށް ވީނުވީއެއް ނޭނގުނެވެ. އަހަރެންނަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ.
"ކީއް ކުރަނީ މިތާ؟" ސުވާލުކުރީ ގޭތެރެއަށް ވަދެގެން އައި މެދު ދޮށީ ޢުމުރުގެ އަންހެން މީހާއެވެ. އަހަރެން ވިސްނާލީމެވެ. ތެދަށް ޖަވާބު ދީފިނަމަ ވެދާނެ ގޮތް އަހަރެންގެ ހިތުގައި ތަސައްވަރު ކުރެވުނެވެ.
"ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު އުޅޭތަ މިގޭގައި" ދޭނެ ޖަވާބެއް ނޭނގުމުން ކޮންމެވެސް ސުވާލެއް ކޮށްލީމެވެ.
"ތީކާކު؟" އަނެއްކާ ވެސް އޭނާ ކުރީ ސުވާލެކެވެ.
"މިއީ އެފަދަ ފަރާތްތަކަށް އެހީތެރިވާ ފަރާތެއް" އަހަރެން ޖަވާބުދިނީމެވެ.
"ތިޔަ ކަހަލަ އެހީތެރިކަން ރަނގަޅީ ނުވިއްޔާ. ތިގޮތަށް މޮޅު ވާހަކަދައްކާނެ ކަމެއް ނެތް. ކަލޭމެންނަށް ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ. ވާކަމެއް ހަރާން. ބޮޑު އަށީގައި އެއޮތް މީހާގަނޑު ގެންދާށޭ އަހަރެން ކިޔައިތާ ކިހައި ދުވަހެއް. އެ މުސީބާތުން ސަލާމަތް ނުވިތަނގައި އެދުއްޕާން ވެސް މިޖެހުނީ މަށަށް. މޮޅު ވާހަކަތަކެއް ދައްކަން ކޮންމެހެން މިގެއަށް އަންނާނެކަމެއް ނެތް" ހިތަށް އެރިހާ ވާހަކައެއް ގޮވަމުން އެ އަންހެން މީހާ ވަނީ ގޭތެރެއަށެވެ. އަހަރެން ހުރީ ބަސްހުއްޓިފައެވެ. ހިނގައި ގަންނަން ވެސް ނޭނގިފައެވެ.
މާޔޫސްކަންމަތީ ހުރެ އަހަރެން އެގެއިން ނުކުތީމެވެ.
އިރުތަކެއް ވަންދެން އަހަރެން ބޭރުގައި މަޑުކުރީމެވެ. އެކުއްޖާ ނުކުމޭތޯއެވެ. އެ މީހުން އުޅޭ ހާލު އިތުރަށް އޮޅުންފިލުވަން ބޭނުންވީތީއެވެ.
އެ އިންތިޒާރުގައި މާގިނަ އިރަކު ހުންނާކަށް ނުޖެހުނެވެ. އެކުއްޖާ ނުކުތެވެ. އޭނާ ލައިގެން ހުރީ ހަމަ ކުރިން ލައިގެން ހުރި ގަމީހެވެ. އަރައިގެން ހުރީ ހަމަ އެ ފައިވާނެށެވެ. އަހަރެން ފެނުމުން އޭނާއަށް ކުޑަކޮށް އުނދަގޫވިކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެކުއްޖާ އަހަރެންނާ އަރާ ހަމަވުމުން އަހަރެން ވާހަކަދައްކަން ފެށީމެވެ.
"އަހަރެން މަޑުކޮށްލައިގެން މިހުރީ ނުކުންނަން ދެން" ގާތް ރައްޓެއްސަކު ވާހަކަދައްކަން ފަށާކަހަލަ ގޮތަކަށް އަހަރެންގެ ވާހަކަ ފެށީމެވެ.
"އަހަރެން ހޯދަނީ ކީއްކުރަން؟" ހައިރާންވެ ހުރެ އެ ކުއްޖާ ސުވާލުކުރިއެވެ.
"އަހަރެން ބޭނުން ބައެއް ކަންކަން އޮޅުން ފިލުވަން. އެހެންވެ މި މަޑުކުރީ" އޭނާ ކުރި ސުވާލަށް އަހަރެން ޖަވާބުދިނީމެވެ.
"ކޮންތާކަށް ދާން ތި އުޅެނީ؟" އެ ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން ފެށީމެވެ.
"މާރުކޭޓް ކައިރިއަށް" އެ ކުއްޖާ ޖަވާބު ދިނެވެ.
(ނުނިމޭ)