މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

އުމަރު ޒާހިރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިރޭ އެޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުމަރު ޒާހިރުގެ އިތުރަށް މި ރަސްމިއްޔާތުގައި ފުލުހުންގެ އިދާރާގައި ޑީއެންއޭ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޗީފް އިންސްޕެކްޓަރު ހުސައިން އަމުރާއި ގާނޫނީ އިލްމު ކިޔަވައިދެއްވަމުން ގެންދަވާ ލެކްޗަރާއެއް ކަމުގައިވާ އިބްރާހިމް ހާފިޒުވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.

މި ތިން ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެ ބޭފުޅުންގެ މެންބަޝިޕް ފޯމް ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ކަމާލުއްދީނާ ވަނީ ހަވާލުކުރައްވާފަ އެވެ.

މި ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިފަދަ އިލްމީ އަދި ތަޖުރިބާކާރު ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅެމުންދިއުމުގެ އަސްލަކީ މިހާތަނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށްވެސް ވިދާޅުވި އެވެ.