(10 ޖޫން 2017 އާ ގުޅޭ)

"މާރުކޭޓް ކައިރިއަށް" އެ ކުއްޖާ ޖަވާބު ދިނެވެ.

"އަހަރެންނާ އެކު ސައިކަލުގައި ދާންވީނު. އަހަރެން ވެސް މި ދަނީ މާރުކޭޓަށް. އަހަރެން ގެންގޮސްދީފާނަން" އަހަރެން ދިނީ ދަޢުވަތެކެވެ. އޭނާއާ ގިނަ ވާހަކަދައްކާލެވޭނޭ ހިތައެވެ. ގިނަ މަޢުލޫމާތު ހޯދައިގަތުމުގެ ބޭނުމުގައި ވެސް މެއެވެ. އަހަރެންގެ މި އެދުމަށް އެ ކުއްޖާ ވަރަށް ވިސްނިއެވެ. ޖަވާބު ނުދީ އިރުކޮޅަކު ހުރުމަށްފަހު އަހަރެންނާއެކު ސައިކަލާ ދިމާއަށް އޭނާ ވެސް ހިނގައިގަތެވެ.

ސައިކަލު ދުއްވާލަމުން އަހަރެންގެ ވާހަކަ ފެށީމެވެ.

"ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟" ފުރަތަމަ ވެސް އަހަރެން އެހީ އޭނާގެ ނަމެވެ.

"އަހުސަން" އެކުއްޖާ ޖަވާބުދިނީ ވަރަށް ކުރުކޮށެވެ.

"އަހުސަން ކޮންމެ ހުކުރު ދުވަހަކު ވެސް މަރުކަޒު ދޮށަށް ދަންތަ؟" ގިނަ ވާހަކަތަކެއް ނުދައްކާ އަހަރެން އަމާޒު ހިފީ އަހަރެން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ.

"ނޫން ނުދަން. ބައެއް ދުވަސް ދުވަހު ދަން" ވަރަށް މަޑުމަޑުން އަހުސަން ޖަވާބު ދިނެވެ.

"މިއަދު ކީއްވެ އަހަރެން ދިން ވިހި ރުފިޔާ އެހެން މީހަކަށް ދިނީ؟" އަހަރެންގެ ސުވާލަށް ޖަވާބު ނައިސް އިރުކޮޅެއް ވުމުން އަނެއްކާ ވެސް އަހަރެން އަހައިލީމެވެ.

"ކީއްވެ އެހެން ހެދީ؟"

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަށް ވުރެ ބޮޑަށް ފައިސާ ބޭނުންވާ މީހުން އެތަނުގައި ތިބި. އެހެންވެ އަހަރެން ބޭނުންނުވީ. ބައެއް ފަހަރު އެމީހުން އުޅޭގޮތުން އަހަރެން ވަރަށް ދެރަވޭ. އެތަނަށް ދާން އަހަރެން ބޭނުން ނުވަނީ އެމީހުން ޒުވާބުކުރާތީ" އަހުސަންގެ ޖަވާބުން އަހަރެން އިތުރު ދެ ސުވާލު އުފެއްދީމެވެ.

"އަހުސަނަކީ ފަގީރެއްތަ؟ އެތަނުގައި ހުންނަން ޖެހޭ ކުއްޖެއްތަ؟"

"އަހަރެން އެ ތަނަށް ދާކަށް ބޭނުމެއް ނޫން. ނަމަވެސް ފައިސާ ނުހޯދާނަމަ މަންމަ ވަރަށް ރުޅި އަންނާނެ. އަހަރެންނަށް ފައިސާ ލިބެނީ ސަލާން ޖަހައިގެން. އެނޫން ގޮތަކުން ފައިސާއެއް ނުލިބޭ. ރޭވެސް އަހަރެން މިހުރީ ހާރު ނުކައި. ބައްޕައަށް ގަންނަން ޖެހޭ ބޭހެއް ވެސް އެހުރީ ނުގަނެވި. މަންމަ ހަޅޭއްލަވަނީ އެކަމާ. ބައްޕައަށް ޚަރަދު ކުރުމަކީ ވެސް މަންމައަށް އުނދަގޫ ކަމެއް." އަހުސަނު އޭނާގެ ހާލު އޮޅުންފިލުވައިދެމުން ދިޔައެވެ. އާއިލާގެ އެތައް ވާހަކައެއް އަހަރެންނާ ހިއްސާކުރިއެވެ.

"މަންމަމެން މަސައްކަތެއް ނުކުރޭތަ؟ އެހެން މީހުން ކޮބާ؟" އެ މީހުންގެ ހާލު ތަސައްވަރު ކުރެވުނު ނަމަވެސް އަހުސަނުގެ ދުލުން އެ ވާހަކަތައް އަޑުއަހަން އަހަރެން ބޭނުންވިއެވެ.

"މަންމައަކީ ގޭގައި ހުންނަ މީހެއް. ބައްޕައަކީ ބަލި މީހެއް. ދެން ހުންނަނީ ކޮއްކޮ. އެއީ ކުޑަ ކުއްޖެއް. ފައިސާ ލިބޭނެ ގޮތެއް ނެތް" އަހުސަންގެ އާއިލީ ހާލަތު އޭނާ އޮޅުން ފިލުވައި ދިނެވެ.

"ތިއުޅެނީ ކާކު ގެއެއް؟" އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"އެއީ އަހަރެމެންގެ ގެ. ބައްޕައަށް ލިބިފައިވާ ތަންކޮޅެއް" އަހުސަނު ޖަވާބު ދިނެވެ. އަހަރެން ހިތަށް އެރިއެވެ. މާލޭގައި ވެސް ފަގީރުން އުޅެއެވެ. ގެދޮރު ހުއްޓަސް އުޅެވޭނެ ގޮތެއް ނެތިފައި ތިބި މީހުން ތިބެއެވެ. އެ މީހުން އެހާލުގައި އުޅޭއިރު އެހެން މީހުންގެ ހާލަކީ ކޮބައި ހެއްޔެވެ؟

ވާހަކައިގައި އެހިސާބަށް ދެވުމުން އަހަރެން ބުނީމެވެ.

" އަހަރެން އަހުސަނަށް އެހީތެރި ވާނަން" އަހަރެންގެ ޖީބުން 1000 ރުފިޔާ ނަގައި އަހުސަނަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ހިފަން ނުހިފަން އުޅެފައި އޭނާ ހިފިއެވެ.

"މިހާ ގިނަ ފައިސާ ގެން ގޮސްފި ނަމަ މަންމަ ސުވާލު ކުރާނެ. ކީކޭ އަހަރެން ބުނަންވީ؟" އަހުސަނު ކުރި ސުވާލުން އަހަރެން ހައިރާންވިއެވެ.

"މަންމަ ކީއްވެ ސުވާލުކުރަންވީ؟" އަހަރެންނަށް އަހައިލެވުނެވެ.

"މަންމަ ބުނެފައި އޮންނަނީ ސަލާންޖަހައިގެން ހޯދާ ފައިސާ ނޫނީ ނުނެގުމަށް. މިގޮތަށް މީހުން ފައިސާ ދޭނީ ކޮންމެވެސް އެދުމެއް އޮތީމާ ކަމަށް މަންމަ ބުނާނެ. މިގޮތަށް ފައިސާ ހޯދިކަން އެނގިއްޖެ ނަމަ މަންމަ ހިތްހަމަ ނުޖެހޭނެ" އަހުސަނުގެ ވާހަކަތަކުން އަނެއްކާ ވެސް އުފެދުނީ އިތުރު ސުވާލެކެވެ.

"ކީއްވެ މަންމަ އެގޮތަށް ވިސްނަނީ؟"

"އެއީ ތިގޮތަށް ފައިސާ ދިން މީހަކު އަހަރެމެންގެ ގެ ބޭނުންވެގެން އުޅުމުން. އެނާ އުޅުނީ އޭނާގެ މުއްސަނދި ކަމުގެ ދަޅަ ދައްކައިގެން މަންމައަށް އޮޅުވާލަން" އަހުސަންގެ ޖަވާބުން އަހަރެންނަށް ވިސްނުނީ އެ މަންމަގެ ބުއްދިއެވެ. އޭނާގެ ވިސްނުން ހުރި ދުރުމިނެވެ.

"ބުނަން ކޮންމެ ދުވަހަކު އަހަރެމެން ގެއަށް އާދޭ. އަހުސަނަށް ފައިސާ ލިބޭނެ. އަހަރެންގެ ފިހާރައަށް ދިޔަޔަސް ފައިސާ ލިބޭނެ. އެ އިންތިޒާމު އަހަރެން ހަމަޖައްސާނަން. އަހަރެން މި އެހީ މިވަނީ ހަމަ ލިއްލާހިއަށްޓަކައި. އެއްވެސް އެދުމެއްނެތް" އަހަރެން އެހީތެރިވާން ނިންމި ސަބަބު އަހުސަނަށް ބުނެދިނީމެވެ. އަހަރެން އުޅޭ ގެއާއި ފިހާރަވެސް ދެއްކީމެވެ. އޭނާ ކަންކުރަންވީ ގޮތް ވެސް އޮޅުން ފިލުވައި ދިނީމެވެ.

އަހުސަނަށް އެހީތެރިވުމަކީ އަހަރެންނަށް ލިބުނު އުފަލެކެވެ. ކޮންމެ ހުކުރު ދުވަހަކު އޭނާއާ ބައްދަލުވެއެވެ. އޭނާއަށް 500 ރުފިޔާ އަހަރެން ދެމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ އެހީތެރިވާން ޖެހޭ ފަރާތެކެވެ. އަޅާލާނެ އިތުރު ބަޔަކު ނެތް ފަގީރެކެވެ. މީހެއްގެ ފަގީރުކަން އެނގެނީ އޭނާ ހިނގާ ހިނގުމަކުންނެއް ނޫނެވެ. އޭނާ އުޅޭ އުޅުމަކުން ވެސް ނޫނެވެ. އޭނާ ޖަހާ ސަލާމަކުން ވެސް ނޫނެވެ. އަހުސަނު ފެނުނު ފުރަތަމަ ދުވަހު އޭނާ ޖެހި ސަލާމަކީ އަހަރެންގެ ހިތުން އޭނާ ޖާގަ ހޯދި ސަބަބެވެ. މި ހިތުން އެހިތުގެ ހަގީގަތް ހޯދަން މަޖުބޫރުވި ހާދިސާއެވެ.

(ނިމުނީ)