ހަމީދު އިނީ ގޭގައި ހުރި އުނދޯލީގައެވެ. ރޭޑިއޯއިން އިވެމުން ދިޔައީ މިފަހަރުގެ އީދު ފާހަގަކުރުމަށް ރ. މީދުގައި ކުރަން ރޭވިފައިވާ ކަންކަމެވެ. އެ ވާހަކަތަކުގެ ތެރެއިން ހަމީދު ހަނދާންތައް ގޮސް އޮބާލީ މީގެ 7 އަހަރު ކުރީގެ މާޒީއަށެވެ.
އެއީ ރަށުގެ ޒުވާނުން ހޭބޯ ނާރައި އީދުގެ ތައްޔާރީތައް ވުމުގައި އުޅެނު ދުވަހެކެވެ. އެހެން ފަހަރުތަކަށް ވުރެ ޢީދުގެ ފޯރި ގަދަ ކުރެވޭތޯ މަސައްކަތް ފެށި ދުވަހެވެ. އެކަމުގައި އިސްވެ އުޅެނީ ހަމީދެވެ. އެއީ ޒުވާނުން ޖަމިއްޔާގެ ޚަޒާންދާރެވެ. ޢަމަލީގޮތުން ކަންކަމުގައި ޙަރަކާތްތެރިވުމުގައި ނަމޫނާއެކެވެ.
ކުރަން ރޭވި އެންމެ މުހިންމު ކަމަކީ ބޮޑުމަސް ނެރުމާއި ކޯޑި ނެރުމެވެ. ސަގާފީ އެ ކުޅިވަރުތަކަކީ އެ ރަށުގައި މާ މަގުބޫލު ކުޅިވަރުތަކަކަށް ނުވިނަމަ ވެސް އޭގެ ފޯރު އިތުރު ކުރުމަށް ޒުވާނުން ނިންމިއެވެ. އެ ނިންމުން ތަންފީޒު ކުރުމަށް ނިކުތީ ރަށުގެ ޒުވާނުންނާއި ފުރާވަރުގެ ލާނެތް ކުދީންނެވެ. އެމީހުން ވަލުތެރެއަށް ވަނީ މަސައްކަތަށް ބެނުންވާނެ ތަކެތި ހަމަކުރާށެވެ.
ފަންކަނޑާ ވާހަކަ ދައްކާ ނުނިމެނީސް ހަމީދު ގޮސް އަރާއޮތީ ރުކުގައެވެ.
"ކިތައް ފަން ކަނޑަންވީ؟" ރުކުގައި އޮތް ހަމީދު ބާރު އަޑުން ގޮވާލިއެވެ.
"ކަލެއަށް ކަނޑަން ކެރުނު ވަރެއް. ރުއް އޮރިޔާން ނުކުރާތި" ކޯޑި ތައްޔާރުކުރުމުގައި އުޅުނު ޒުވާނަކު ޖަވާބު ދިނެވެ.
"ދެން ސަމާސާ ނުކޮށް ބުނެބަލަ؟ މި ރުކުން ކިތައް ފަންތަ ކަނޑަންވީ؟ އަނެއް ދެ ރުކަށް ވެސް މީހުން އަރާނެއްނު" އަނެއްކާ ވެސް ހަމީދު ސުވާލުކުރިއެވެ.
"އެރި މީހާއަށް ދޯ އެނގޭނީ ކަނޑަންވީ ވަރު. އަހަރެމެން މި ތިބީ ވަރިހަމަ ކިޔަން" މިފަހަރު ޖަވާބު ދިނީ އެހެން ޒުވާނެކެވެ.
"އާނ. މަށަށް އެނގޭނީ ކަނޑަންވީ ވަރެއް. ޖެހުނު ފަނެއް ބިމާ ހަމަކުރާނަން" ހަމީދުގެ ޖުމުލަތާކާއެކު ފަހަރަކު ފަނެއް ކަނޑަމުން ދިޔައެވެ. އެ އަވަސް ހަރަކާތުން ބިމުގައި ފަނެއް، ވައިގައި ފަނެއް، ރުކާވަކިވުމަށް ލެނބެމުން ފަނެއް ދިޔައެވެ.
"ހޯހޯ... ދެން ހުއްޓާލާ. އީދު އަންނަން އުޅުނަސް ތީ ބޮޑުވަރު. މުޅި ރުއް ތި އޮރިޔާންކޮށްލީނު" ފަންތައް ބިމުގައި ޖެހެމުން ދިޔަ އަޑުފައްގަނޑުގެ ތެރެއިން ހަޅޭއްލަވަން ފެއްޓީ ތަންކޮޅެއް ހަރު ޒުވާނެކެވެ.
"މަވެސް ބަލައިލީ ކަލޭމެންނަށްތޯ ކެރެނީ މަށަށްތޯ ކެރެނީ. މިހާރު ހުންނާނީ ފަންކެނޑިފައި. ތި ފަނުން މި ޢީދަށާއި އަންނަ އީދަށް ވެސް ވާނެ" ރުކުން ފައިބަމުން ހަމީދު ވާހަކަދައްކަމުން ދިޔައެވެ.
މީހުންގަނޑު މަސައްކަތް ފެށިއެވެ. އެއްބަޔަކު ފެށީ ބޮޑުމަސް ވިޔާށެވެ. އަނެއް ބަޔަކު ކޯޑި ތައްޔާރުކުރަން ފެށިއެވެ. ހަމީދު އުޅުނީ ކޯޑި ތައްޔާރުކުރުމުގައެވެ.
"މިއީ މިފަހަރު އަންހެން ވެރީންނަށް ދެވޭ ރަނގަޅު ހަދިޔާއެއް. އެމީހުން ލައްވާ ކޯޑި ކަނޑުވާނީ. އޭރުންތާ އަހަރެމެން ބޭނުން ގޮތެއް އެ މީހުންނަށް ހެދޭނީ" ހަމީދު ވާހަކަދައްކަމުން ދިޔައީ ކޯޑި ހެދުމުގައި އެންމެ އިސްކޮށް ހުރި ޖަމީލާއެވެ.
"މިކަން ހިތުގައި ބާއްވައިގެން ދޯ ތިޔަ ރުއް ކޮށާލީ" ޖަމީލު ދިމާކޮށްލިއެވެ.
"ކޮންމެ އެއްޗެއް ހިތުގައި އޮތަސް ހެޔޮތާ. ފަން ކެނޑިއްޖެއްނު. ބޭނުންވާ ކަންތައް ވެއްޖެއެއްނު" ހަމީދު އަނގަޔަކުން ދެރައެއް ނުވެއެވެ.
"ކޯޑި ކަނޑުވަން ވާނީ ތި ގޯތި ރުގިއްޔާ ލައްވާ" ޖަމީލު ބޭނުންވީ ހަމީދުގެ އަނގަގޮއްވާށެވެ.
"އެ މަންޖެމެން މިކަމަކަށް ނާންނާނެ" ހަމީދު ވިސްނާލިއެވެ.
"ގަދަކަމުން ގެންނާނީ. މި ހަރަކާތްތަކުގައި ބައިވެރި ނުވާ މީހަކު މިރަށުގައި ހުރިޔަ ދީގެން ނުވާނެ. މިކަން މިކުރަނީ ކަމަކުތާ؟" ޖަމީލު ވާހަކަދެއްކީ ޖަމިއްޔާގެ މަގުޞަދު ވެސް ހާޞިލުވާނެ ގޮތަކަށެވެ.
"މަށަށް ހީވަނީ ވަރަށް ގިނަ މީހުން ނުކުންނާނެ ހެން" ހަމީދަށް ހީވާ ގޮތް އޭނާ ފާޅުކުރިއެވެ.
"ހީވާގޮތުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ތިގޭ ރުގިއްޔާ ވެސް ނެރެންވާނެ. މަ ބެނުމީ އެ މަންޖެ ލައްވާ މިކަން ކުރުވަން" އަނެއްކާ ވެސް ޖަމީލު ދެއްކީ ރުގިއްޔާގެ ވާހަކައެވެ. ބޭނުމަކީ ހަމީދު ރޭރު ކުރުވުމެވެ.
"ބަލަ މޮޔަ ވީތަ؟ ރުގިއްޔާ ނޫނަސް އަންހެނުން އެބަ ތިއްބެއްނު. އެމީހުން ލައްވާ ވެސް ކުރެވިދާނެއްނު" ހަމީދުގެ ޖަވާބުން ޖަމީލު ފެށީ ހޭށެވެ. އެތާ ތިބި އެހެން މީހުން ވެސް ހޭން ފެށިއެވެ.
"އާނ.. ރުގިއްޔާ ލައްވާ މިފަހަރު މިކަން ކުރުވަން ވާނެ. އޭރުންތާ އަހަރެމެން ބޭނުން ގޮތެއް ހެދުމަށް އެ މަންޖެ ލިބޭނީ" ޖަމީލު ވާހަކަދެއްކީ ހަމީދު ރުޅިއަރުވާށެވެ. އެ ދިމާކުރުމުގައި ދެން ތިބި މީހުން ވެސް ބައިވެރިވަމުން ދިޔައެވެ. ހަމީދު ވެސް ރުޅި ގަދަވަމުން ދިޔައެވެ. އޭނާގެ ކޮންޓްރޯން ނެއްޓީ އެންމެ ފަހުން ޖަމީލު ބުނި ޖުމުލައިންނެވެ.
(ނުނިމޭ)