(14 ޖޫން 2017 އާ ގުޅޭ)
"އާނ.. ރުގިއްޔާ ލައްވާ މިފަހަރު މިކަން ކުރުވަން ވާނެ. އޭރުންތާ އަހަރެމެން ބޭނުން ގޮތެއް ހެދުމަށް އެ މަންޖެ ލިބޭނީ" ޖަމީލު ވާހަކަދެއްކީ ހަމީދު ރުޅިއަރުވާށެވެ. އެ ދިމާކުރުމުގައި ދެން ތިބި މީހުން ވެސް ބައިވެރިވަމުން ދިޔައެވެ. ހަމީދު ވެސް ރުޅި ގަދަވަމުން ދިޔައެވެ. އޭނާގެ ކޮންޓްރޯން ނެއްޓީ އެންމެ ފަހުން ޖަމީލު ބުނި ޖުމުލައިންނެވެ.
"މަ މި ބުނީނު ކަލޭމެން ބޭނުން ގޮތެއް ހަދާކަށް އެ މަންޖެއެއް ނުލިބޭނޭ. އެމަންޖެ މިކަމެއް ނުކުރާނޭ. އަޑެއް ނުއިވޭތަ؟ ކަލޭމެން މޮޔަ ވީތަ؟ އެނޫން އަންހެނަކު ނުފެނުނީތަ؟" ހަމީދުގެ އަޑު ބާރުވާން ފެށުމުން އޭނާ ހިތްހަމަ ނުޖެހުނީކަން ޖަމީލު ދެނެގަތެވެ.
"މައްސަލައެއް ނެތް. ދެން އަވަހަށް މިކަމާ އުޅެމާ ހިނގާ. ތި ވާހަކަ ދައްކާނީ ފަހުން"
"އާނ. އެމަންޖެ ނެރެންވާނެ. ރުކަށްވެސް އަރުވަން ވާނެ. ބޭނުން ގޮތެއް ވެސް ހަދަންވާނެ" އެތަނުން ފެޔަށް ހިނގައި ގަންނަމުން އަޑުގައި ނެތްތަނަށް ހަމީދު ބުންޏެވެ. އެހެން ބުނަމުން ހަމީދުދުއްވައި ގަތީއެވެ. އޭނާ ގޮސް އެރީ ކުރިން އެރި ރުކަށެވެ. އެންމެނަން ލިބުނީ ހައިރާންކަމެވެ. ރުކުގައި އޮވެ ހަމީދު ގޮވަމުން ދިޔަ ފަތިވަރާއި ދައްކަމުން ދިޔަ ވާހަކަތަކުން ޖެހިލުންވެސް ވިއެވެ.
"މަށަށް ހީވަނީ ގޯހެއް ވެއްޖެހެން. އެހެން ނޫންނަމަ އެގޮތަކަށް ވާހަކައެއް ނުދައްކާނެ. ރުކަކަށް ނާރާނެ" ޖަމީލު ވާހަކަދެއްކީ މަސައްކަތުގައި ދެން ތިބި މީހުންނާއެވެ.
"ހަމީދުގެ ދުލުން އެ ދައްކަނީ އޭނާ ދައްކާ ޒާތުގެ ވާހަކަތަކެއް ނޫން. އޭނާ ބާލުވަމާ ހިނގާ؟" ޚިޔާލު ދިނީ އެހެން ޒުވާނެކެވެ.
"މަށަށް ހީވަނީ އެއްޗެއް އަވަލީހެން. އެ އުޅޭގޮތުން ބިރުވެސް އެބަ ގަނޭ. ކިހިނެއް ހަދާނީ؟" ކުރިން ވާހަކަދެއްކި ޒުވާނާ ސުވާލުކުރިއެވެ.
"ދޭބަލަ އިރުރީސްބެ ބަލައި. މުދިންބެ ވެސް ގެންނާތި" ކަން ކުރަންވީ ގޮތް ބުނެދިނީ ޖަމީލެވެ.
އިދުރީސްބެ އައެވެ. އޭރު ހަމީދު ހަޅޭއްލަވަނީ އެވެ. އަޑުގައި ނެތްތަނަށް އައުގުރާނަ ގޮވަނީއެވެ. މީހުން ތިބީ ބިރުން ހަލާކުވެފައެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ. ރުކަށް އަރަން ފެށުމުން ރުކުގައި ހުރި ކުރުނބާތައް އޭނާ އުކާތީވެ އެ ރުކާ ގާތްވަން ނުކުރިފައެވެ.
އިދުރީސްބެ ވާހަކަތަކުން އެނގުނީ ހަމީދު މޮޔެވަފައި ހުރިކަމެވެ.
"ކާކު މި ފަންތައް ކެނޑީ؟" އިދުރީސްބެ ސުވާލުކުރިއެވެ.
"ބައެއް ފަން ކެނޑީ ހަމީދު" ޒުވާނަކު ޖަވާބު ދިނެވެ.
"އޭނާ އަރާ އެއިނީ އޭނާ ފަންކެނޑި ރުކަށްތަ؟" އިދުރީސްބެ ސުވާލަށް ލިބުނު ޖަވާބު އެކަން ހިނގާފާނެކަމަށް އިދުރީސްބެއަށް ހީވި ހީވުން ޔަގީންވިއެވެ.
"ތިވާނީ ޖިންނީގެ ކަމަކާ. އެރުކުން ދިމާވެގެން އުޅޭ ކަމަކާ ވައްތަރީ" އިދުރީސްބެއަށް ހީވި ގޮތް އޭނާ ބުނެދިނެވެ. އެއަށްފަހު އެނާގެ މަސައްކަތް ފެށީ ޖިންނީގެ ބާރު ކަނޑުވާލުމަށެވެ. އެކަމަށް ނެގީ ވަގުތު ކޮޅެކެވެ. ހަމީދު ރުކުން ފައިބަން ފެށިއެވެ. ކުށްވެރިއަކު ފަދައިން ބިރުން ހުރެ އިދުރީސްބެގާތަށް ހާޒިރުވިއެވެ. އަދި ކަންވީ ގޮތް ހުތުރު އަޑުކުން ކިޔައިދޭން ފެށިއެވެ. އެއަށްފަހު ވަރުތަކެއް ޖައްސަން ފެށިއެވެ. ހެދިހުރި ބޮޑު ހަށިގަނޑަށް ގޮތްތަކެއްވެ އޭނާ ބިންމައްޗަށް ދެމުނެވެ.
ހަމީދު ހޭވެރިކަންވީ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އޭނާއަށް ހަގީގަތް ކިޔައިދިނީ އިދުރީސްބެއެވެ. ރުކުގެ ފަނެއްގައި އިން ޖިންނިއެއްގައި ކަތިވަޅިން ޖެހުމުން އެކަމުގެ ބަދަލު ހިފީކަމަށް އިދުރީސްބެ ބުންޏެވެ.
"ބައްޕާ މި އޮތީ އީދު ހަދިޔާއެއް" ހަމީދާ ވާހަކަދެއްކީ އޭނާގެ 7 އަހަރަށްދާ ދަރިފުޅެވެ. ޚިޔާލުގެ މާޒީން ހަމީދަށް ނުކުމެވުނު އިރު ދަރިފުޅު އޭނާއަތުގެ ތެރެއަށް ކާޑެއް ލަނީއެވެ. އެކާޑުގެ ބޭރުގައި ވަނީ އެކި ކުލަތައް އޮއްސާލާފައިވާ ހަނދުފަޅިއަކާ ގުއްބު ތަކެކެވެ. އޭގެ ތިރީގައި އިނގިރޭސި އަކުރުން ޢީދު މުބާރަކު ލިޔެފައިވެއެވެ.
ހަމީދު އެ ކާޑު ހުޅުވާލިއެވެ. އޭގައި ކުރަހާފައި ވަނީ ދިވެހި ރުކެކެވެ. ދެން ކުރަހާފައިވަނީ ބޮޑު މަހެކެވެ. އެ ކުރަކި ކުރެހުމާއެކު ތާނައަކުން "އީދު މުބާރަކު" މިހެން ލިޔެލާފައި އޮތެވެ. ހަމީދަށް އަނެއްކާވެސް ވަދެވުނީ މާޒީގެ ތެރެއަށެވެ. އޭނާ ހިތަށް އެރިއެވެ. ލިބުނު އީދު ހަދިޔާ ކުޑައެއް ނޫނެވެ.
(ނިމުނީ)