އަހަރެން އަބަދުވެސް ގަބޫލުކުރާ ކަމެއް އޮވެއެވެ. އަންހެނުން ތިބޭނީ ހަމައެކަނި ގޭގައެއް ނޫނެވެ. އެމީހުންނަށް ވަޒީފާ އަދާކުރެވެން ޖެހޭނެއެވެ. ބޭރަށް ދެވެން ޖެހޭނެއެވެ. އަހަރެން ކުރީގެ ދިރިއުޅުން އޮޔާލީ އެ ވިސްނުމަށް އެބަސް ނުވެވުނީތީއެވެ.

"މިއީ އަހަރެންގެ ވިސްނުން. މިކަމަށް ބަދަލެއް ނާންނާނެ" އަހަރެން ޖަވާބު ދިނީ އޮފީހުގެ އެކުވެރިޔާ ރޫހީ ކުރި ސުވާލަށެވެ.

"އެކަމަކު މިހާރު އެއް ކައިވެނި ތިވަނީ ރޫޅިފައި. ޖެހުނީ ހަމަ ތިމައްސަލަ. އަނެއްކާ ވެސް" ރޫހީގެ ވާހަކަ އަހަރެން މެދުކަނޑުވާލީމެވެ.

"މިއީ އަހަރެންގެ ނިންމުން. އަހަރެންނަށް ގަބޫލުކުރެވޭ ގޮތް. އަންހެނަކަށް ވީތީއޭ ކިޔާފައި އަހަރެމެންގެ މިނިވަންކަމަކަށް އެކަކަށް ވެސް ނޭރޭނެ" އަހަރެން ވާހަކަދެއްކީ އަހަރެންގެ ދިފާއުގައެވެ.

"ބުނީމެއްނު ފިރިމީހާ ކަންތައް ބޮޑުކުރާ ވާހަކަ. މިހާރު ކިހިނެއް އެކަން؟" ރޫހީ ސުވާލުކުރީ މިހާރުގެ ހާލަތާމެދުއެވެ.

"ލަނޑުދެވޭނީ އެއްފަހަރު. ނަރެއްހައި ތަން ދޫކޮށްލިއްޔާ ކެނބެއްހައި ތަން ދަމައިގަންނާނެ" އަހަރެން ޖަވާބުދިނީ އަހަރެންގެ ވިސްނުމަށެވެ.

"ތީގެ މާނައަކީ ކައިވެނި ރޫޅުނަސް ބަދަލެއް ނުގެންނާނަމޭތަ؟" ރޫހީ ސުވާލުކުރިއެވެ.

"މި ނިންމުމަކަށް ބަދަލެއް ނާންނާނެ. މިހާރު ވެސް ޝަކުވާކުރޭ. އަހަރެން އަޅައެއް ނުލަން. އިނުމުގެ ކުރިން ވެސް އަހަރެން ކަންކުރާނެ ގޮތް އޮންނާނީ ބުނެފައި. އަދި ކުރީގެ ދިރިއުޅުން ބަދަލުކުރި ސަބަބުވެސް އޮންނާނީ ކިޔައިދީފައި" އަހަރެން ބުނީމެވެ.

"ދެން ކީއްވެ ޝަކުވާ ކުރަނީ؟" ރޫހީ އެއްސެވެ.

"ތިޔޭ މައްސަލައަކީ. ފިރިހެނުންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ ބައެއް. މިއަދު ދައްކާ ވާހަކަ މާދަމާ ހަނދާނެއް ނުހުންނާނެ. މިއަދު ކުރާކަމެއް މާދަމާއަކުން ނުފެންނާނެ. އަހަރެން ހިތަށް އަރައި އެމީހުން ހަނދާނަށް ހުންނަނީ ކިހިނެއް ވެފައިބާއޭ" އަހަރެން ބުނީމެވެ.

"ނަސީބަކުން އަހަރެންގެ ފިރި މީހާ ތިކަހަލަ ކޫސަނި ޝަކުވާތަކެއް ނުކުރޭ. އޭނާ ވަރަށް އަންޑަސްޓޭންޑިން. އަހަރެންކުރާ ކޮންމެ ކަމެއް ވަރަށް ބަލައިގަނެ" ރޫހީ ތަޢުރީފުކުރަން ފެށީ އޭނާގެ ފިރިމީހާއަށެވެ.

"ތިވެސް އެނގޭނީ ދުވަސްކޮޅެއް ވެލީމާ. އަދި ތިވީ ހައެއްކަ މަހެއްނު. ފުރަތަމަ ކޮޅު ވަރަށް ރަނގަޅުވާނެ. ބުނާ ކޮންމެ ގޮތެއް ހަދާނެ. ހޭނެލީމާ ބޮަލަށް އަރާނެ" އަހަރެން ބުނީމެވެ.

"ރަނގަޅު މީހަކު ދިމާވުން ތީ ނަސީބު" އަހަރެންގެ ވާހަކައަށް އޭނާ އިތުރު ޖަވާބެއް ނުދިނުމުން އަހަރެން ބުނީމެވެ. އެ މައުލޫގައި އެތައް ވާހަކައެއް ދެއްކުމަށްފަހު އަހަރެން ގެއަށް ދިޔައީ ރޫހީއަށް ރަނގަޅު ފިލާވަޅެއް ނަގައި ދިނުމަށްފަހުއެވެ. އަންހެނުންނަކީ ކޮންބައެއްކަމާއި ކިހައިވަރެއްގެ ބައެއްކަން ވިސްނައި ދިނުމަށްފަހުއެވެ.

އަހަރެން ގެއަށް ދިޔައިރު ފިރިމީހާ ހުރީ އަހަރެންގެ އިންތިޒާރުގައެވެ.

"މިއަދު ވެސް ލަސްވީ؟" ކުރި ސުވާލުން އަހަރެން ހިތްހަމަ ނުޖެހުނެވެ.

"މައްސަލައެއް ނޫންތާ" އަހަރެން ބުނެލީމެވެ.

"މައްސަލައަކަށް ނުވާނެ އެއްވެސް ކަމެއް. ފިރިމީހާ ނުކައި ހުއްޓަސް ހެޔޮ، ބޭރަށް ނުދެވިފައި ހުއްޓަސް ވަރިހަމަ. އަދާކުރަންޖެހޭ ޒިންމާއެއް، ކޮށްދެންޖެހޭ ކަމެއް ނޯވޭ ވިއްޔާ" އަހަރެންނާ މެދު ހިތްހަމަ ނުޖެހިފައި ހުރިކަން އޭނާ ހާމަކުރީ ދެއްކި ވާހަކަތަކުންނެވެ.

"ކޮން ކަމަކާތަ ހިތްހަމަ ނުޖެހިގެން ތި އުޅެނީ؟" އަހަރެން ސުވާލުކުރީމެވެ.

"ހިތްހަމަ ނުޖެހެނީ ތި އުޅޭގޮތާ މެދު. އަހަރެންނަށްވުރެ އޮފީސް މުހިންމުވީތީ. ގޭގެ ކަންކަމަށްވުރެ އޮފީހުގެ މަސައްކަތްތައް މުހިންމުވީތީ" ފިރިމީހާގެ އަޑުން މާބޮޑު ރުޅިވެރިކަމެއް ނުދެއްކީ އަހަރެންގެ ރުޅި އެއަށްވުރެ ގަދަވާނެކަން އެނގޭތީ ކަންނޭނގެއެވެ.

"އަހަރެންގެ އުޅުމާމެދު ހިތްހަމަ ނުޖެހެންޏާ ދުރުވާންވީ. ކައިވެނީގެ ކުރިން ވެސް އަހަރެން އުޅުން ބަދަލު ނުވާނެކަމަށް ބުނިން. އަހަރެން ގޭގައި އިންނަން ބޭނުން ނުވާނެ ވާހަކަ ވެސް ބުނިން. މިއަދު ތި ޝަކުވާކުރުމުގެ މާނައެއް ނެތް. ބޭނުން ނުވާނަމަ ހިތްހަމަ ނުޖެހޭނަމަ އަހަރެން ދޫކޮށްލާ. ތިޔައީ އާ ކަމެއް ނޫން" އަހަރެން ވެސް ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކޮށެވެ. ހިތުގައި އޮތް ހިތްހަމަ ނުޖެހުމުގެ މައްޗަށް ނަފުސުގެ ކޮންޓްރޯލު އަތުލައިގެންނެވެ.

(ނުނިމޭ)