(17 ޖޫން 2017 އާ ގުޅޭ)
"އަހަރެންގެ އުޅުމާމެދު ހިތްހަމަ ނުޖެހެންޏާ ދުރުވާންވީ. ކައިވެނީގެ ކުރިން ވެސް އަހަރެން އުޅުން ބަދަލު ނުވާނެކަމަށް ބުނިން. އަހަރެން ގޭގައި އިންނަން ބޭނުން ނުވާނެ ވާހަކަ ވެސް ބުނިން. މިއަދު ތި ޝަކުވާކުރުމުގެ މާނައެއް ނެތް. ބޭނުން ނުވާނަމަ ހިތްހަމަ ނުޖެހޭނަމަ އަހަރެން ދޫކޮށްލާ. ތިޔައީ އާ ކަމެއް ނޫން" އަހަރެން ވެސް ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކޮށެވެ. ހިތުގައި އޮތް ހިތްހަމަ ނުޖެހުމުގެ މައްޗަށް ނަފުސުގެ ކޮންޓްރޯލު އަތުލައިގެންނެވެ.
"އަހަރެން މިބުނަނީ ހަމަ ތެދަށް. އަހަރެން ބަދަލެއް ނުވާނެ. ބަދަލުވާކަށް ބޭނުމެއް ވެސް ނޫން" ފިރިމީހާގެ މޫނަށް ބަލަހައްޓައިގެންހުރެ އަހަރެން ބުނެލީމެވެ.
"ތިކަން އަހަރެންނަށް އެނގޭ. އެހެންވީމާ އަހަރެން މާދަމާ ގޮތެއް ނިންމާނަން. އެގޮތް އަހަރެން ބުނާނަން" ފިރިމީހާގެ ފަހު ޖުމުލައާއެކު އެނާ ހިނގައިގަތީ ބޭރަށެވެ. އަހަރެންނަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. ދެރައެއް ނުވެއެވެ. ދެރަވާކަށް ބޭނުމެއް ވެސް ނުވިއެވެ. އެއީ ވާނެ ގޮތްކަން އެނގެއެވެ. ފިރިހެނުންގެ ވައްތަރުކަން ވެސް އަހަރެން ދަންނަމެވެ. ޖެހިގެން އައި ދުވަހު އޮފީހަށް ދިޔައިރު ރޫހީ އިނީ ނެގިމަޑުވެފައެވެ.
"ކިހިނެއްވީ؟ މާ މަޑުން ތި އިންނަނީ؟" އެކުވެރިޔާ އިންގޮތުން އޭނާއަށް ކަމެއްވެފައި އިންކަން އަހަރެން ދެނެގަތީމެވެ.
"މާބޮޑު ކަމެއް ދިމައެއް ނުވޭ" އެކުވެރިޔާ ޖަވާބު ދިނެވެ. ބޮލުގައިވާ ރިހުންގަނޑު ދުއްވާލަން އަހަރެން ބޭނުންވީ ރޫހީއާ އަނގަތަޅާލާށެވެ.
"މާބޮޑުކަމެއްތާ ދިމާ ނުވަނީ. ކޮންމެވެސް ކަމެއް ދިމާވެއްޖެނު. އެއީ ހިއްސާނުކުރެވޭ ވަރު ކަމެއްތަ؟" އަހަރެން ސުވާލުކުރީމެވެ.
"ނޫން... ދެން...." ރޫހީ އުޅުނު ގޮތުން އަހަރެން ސުވާލުކުރީމެވެ.
"ބުނަން ކަންކަން ސިއްރު ކުރުމަކީ ގޯހެއް. ދިމާވާ ކަންކަން ހިއްސާކުރަންވާނެ. ކެރެންވާނެ. އެސާޓިވްވާންވާނެ" އަހަރެން ނަސޭހަތްދޭން ފެށީމެވެ.
"މިއުޅެނީ ފިރިމީހާ ހިތްހަމަ ނުޖެހިގެން" ވަރަށް ނުބުނަން އިދެފައި ރޫހީ ފެށިއެވެ.
"ކިހިނެއްވީ؟" އަހަރެން ސުވާލުކޮށްލީމެވެ.
"އިއްޔެ ދެއްކީ ހަމަ ތެދު. ފިރިމީހާ ބޭނުންވަނީ އަހަރެން ވަޒީފާއަށް ނައިސް ގޭގައި މަޑުކުރަން. އެކަމަކު އެއީ އަހަރެން އެހައި ބޭނުން ގޮތެއް ނޫން" ރޫހީ ބޭނުންވާ ގޮތާއި ދިމާވި މައްސަލަ އަހަރެންނާ ހިއްސާކުރިއެވެ.
"ފިރިމީހާއަށް އެކަށީގެންވާ އާމްދަނީއެއް ލިބޭތަ؟" އަހަރެން ސުވާލުކުރީމެވެ.
"ދެކޮޅުޖެހޭ ވަރުވޭ" ރޫހީ ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ.
"އަހަރެންނަށް ފެންނަނީ ފިރިމީހާއާ ވާހަކަދައްކަން. މާދަމާ ވާނެގޮތެއް ނޭނގޭނެ. ވަރިކޮށްލައިފިނަމަ ފައިސާ ލިބޭނެ ގޮތެއް ނޯންނާނެ. އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ ވަޒީފާގައި ހުރެގެން" އަހަރެން ވާހަކަދެއްކީ ކަންތައް ވެދާނެގޮތަކާމެދުއެވެ.
"ހިއެއްނުވޭ ފިރިމީހާ އެއްބަސްވާނެ ހެނެއް" ރޫހީއަށް ހީވާގޮތް އޭނާ ބުންޏެވެ.
"ކީއްވެގެނޯ ވަޒީފާއިން ވަކިވާން އެ ބުނަނީ؟" އަހަރެން އަނެއްކާ ވެސް ސުވާލެއް ކުރީމެވެ. އެ ސުވާލަށް ޖަވާބުދޭން ރޫހީއަށް ފަސޭހަ ނުވާނެކަން އެނގިހުރެއެވެ.
"ނޭނގޭ ސަބަބެއް. ފިރިމީހާ ބުނަނީ އަންހެނުން ތިބެން ޖެހޭނީ ގޭގައި ކަމަށް. ގޭގައި އިނދެގެން ކުރެވޭކަމެއް ދަސްކުރުމަށް ބުނަނީ" އޭނާ ޖަވާބު ދިނެވެ.
"ތިއީ ވެސް ވިސްނުމެއް. އެކަމަކު ތިއީ އަހަރެންނަށް އެއްބަސް ވެވޭނެ ގޮތެއް ނޫން. އަހަރެންނަމަ ތިކަހަލަ މީހަކާ އެކުގައެއް ނޫޅޭނަން." އަހަރެން ބުނީ އަހަރެންނަމަ ހަދާނެ ގޮތެވެ. އެވާހަކައިގައި އިންދާ ފޯނަށް އައީ މެސެޖެކެވެ. ބަލައިލިއިރު ފިރިމީހާގެ މެސެޖެކެވެ. އަހަރެން ކިޔަންފެށީމެވެ.
"އަހަރެން ބެނުންވާ ގޮތަށް ބަދަލު ނުވެވޭނެކަމަށް ބުނާތީ އަހަރެން ނިންމީ ވަރިކުރާން. މިހާރު ތިޔައީ އަހަރެންގެ އަންބެތް ނޫން" މެސެޖު ކިޔައިލެވުނީ ނޭވާ ހިފަހައްޓާލައިގެން އިދެއެވެ. ކުރިމަތީ ރޫހީ ވެސް އިނެވެ. އެކަމަކު ހާސްވާކަމެއް ނުދައްކަމެވެ. ހިތްވަރުކޮށްލާފައި ރޫހީއަށް އެ މެސެޖު ދައްކާލީމެވެ. ކަން ހިނގިގޮތް އަހަރެން ވެސް ހިއްސާކުރީމެވެ.
"ފިރިހެނުންނަށް އަންނާނީ މޫސުމެއް. އެ މޫސުމުގައި ތަފާތު ރޯޅިތައް އަންނާނެ. އެ ރޯޅިގައި އެ މީހުން ބޭނުން ކޮންމެ ކަމެއް ކުރާނެ. އެއް ގޮތަކީ އެ ރޯޅީގައި ހަފުސްވުން. އަނެއް ގޮތަކީ އެ ރޯޅިތަކުން ދުރަށް ދިއުން. އަހަރެން ނިންމީ ދުރަށްދާން" އަހަރެން ނިންމި ގޮތް އެކުވެރިޔާއަށް ހިއްސާކުރީމެވެ. ދިރިއުޅުމާމެދު އަހަރެން ވިސްނާގޮތް ހާމަކުރީމެވެ. އެކުވެރިޔާ އިނީ އަނގަ ހުޅުވިފައެވެ.
(ނިމުނީ)