ނަސީބަކީ ތަފާތު އެއްޗެކެވެ. އެކި މީހުންނަށް ނަސީބު ލައްވާލަނީ ވެސް އެކި ގޮތަށެވެ. އަހަރެންނަކީ ނަސީބުވެރިއެކޭ ބުނެވިދާނެއެވެ. ނަމަވެސް އެއީ އިއްޔެއެވެ. މިއަދަކު އެހެނެއް ނުބުނެވޭނެއެވެ. ބުނާކަށް ވެސް ބޭނުމެއް ނޫނެވެ. މިއަދު އަހަރެން މި ހިނގަނީ ބަދު ނަސީބުގެ މަގެއްގައެވެ. މި މަގު އިޚުތިޔާރުކުރީ އަހަރެންނެވެ.
އަހަރެން ނިޝާއާ ރައްޓެހިވީ ލޯބިންނެވެ. އަހަރެންނަކީ ދޭސީއެއް ނޫންކަން އެނގިހުރެއެވެ. އަދި ނިޝާއަކީ ކާކުކަން ވެސް ދަނެގެންނެވެ. ނިޝާ ވެސް އަހަރެންދެކެ ލޯބިވާކަމާއި އަހަރެންނާ އެކު އުޅެން ބޭނުންވާކަން އެނގޭތީއެވެ. ދެމީހުން ކައިވެންޏާ ހަމައަށް ނުދަނީސް އެޅުނީ ޅައެއްޗެކެވެ. އޭގެ ޅަކަން އަހަރެންގެ އުންމީދުތަކަށް ވިހަލީފަދައެވެ. އަހަރެންނަށް ގަބޫލުކުރެވުނީ ހަޔާތުގެ ގޮށް ބާރުކޮށްލެވުނުކަމަށެވެ. ނަމަވެސް އެކަން ވީ ހީއަކަށެވެ. ދަރިފުޅު ލިބުމާއެކު ނިޝާގެ ވިސްނުން ބަދަލުވިއެވެ. އަހަރެންނާމެދު ދެކޭ ގޮތް ބަދަލުވިއެވެ. އަހަރެންގެ މައްޗަށް ގަދަވަން ފެށިއެވެ.
ނިޝާ އިއުތިރާފުވީ އޭނާއަށް އެދަރިފުޅުގެ ބައްޕަ ނޭނގޭކަމަށެވެ. އަހަރެން ވެސް ބޭނުންވީ ނިޝާ ބޭނުންވިގޮތެވެ. އެ ހިތްދަތި ކަމުގައި ނިޝާ ނިމިދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދެ މީހުން ވަކިގޮތެއް ކަނޑައަޅައިގެން އެއްބަސްވެގެން ތިބީ ފަހުން ކައިވެނި ކުރުމަށެވެ. އެ ފަހެއް ނައެވެ. އެދުވަހެއް ކަލަންޑަރަކުންނެތް ނުފެނުނެވެ. ދުވަސްތައް ފާއިތުވެދާތީ އަހަރެން ޝަކުވާ ފެށީމެވެ. ކައިވެނި ކުރަން ބޭނުންވާކަމަށް ބުނީމެވެ. ނަމަވެސް ނިޝާ ހެދީ ދެކޮޅެވެ. ކުރީ އިޢުތިރާޒެވެ.
ދަރިފުޅު ދެކެ ލޯބިވަންޏާ ދަރިފުޅަށްޓަކައި ހުރިހާ ކަމެއް ކުރާނެއެވެ. ދަރިފުޅުގެ މަންމަ ބޭނުންވާ ގޮތަށް އަމަލުތައް ބަހައްޓާނެއެވެ. މިއީ ނިޝާގެ ވާހަކައެވެ. އެ ވާހަކަތަކާއެކު އޭނާގެ އަމަލު ވެސް ބަދަލުވާން ފެށިއެވެ. އަހަރެންނާ މެދު ކަންކުރަމުން އައި ގޮތް ވެސް ބަދަލުވިއެވެ.
އަހަރެންގެ އުފާތައް މާޒީ ޖަހައިގަތެވެ. ހިތް ނުތަވަސްކަމާއި ހާސްކަމުގެ ކޮޅު ނުފެންނަ ކުރިމަގަކަށް ނުކުންނަން ޖެހުނެއެވެ. އަހަރެން ކެތްތެރިވީމެވެ.
އަހަރެން އުޅެންޖެހުނީ ނިޝާ ބުނާ ގޮތަކަށެވެ. ކުރަން ޖެހުނީ އޭނާ ބުނާ ކަމެކެވެ. އެންމެ ކުޑަމިނުން ދަރިފުޅު ގައިގައި އަތްލެވެނީ ވެސް ނިޝާގެ ހުއްދައާ އެކުއެވެ. އެހިސާބަށް ކަންތައް ދިޔަ ސަބަބު ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެނގޭ ކަމަކީ ދަރިފުޅާ އަހަރެން ގުޅުވަން ނިޝާ ބޭނުން ނުވާކަމެވެ.
"ކިހިނެއް ވެފައި ތި ހުންނަނީ؟ މިހާރު އެހަރަ ގަޑި ޖެހެނީއޭ" ގެއްލިފައި އިން ޚިޔާލުން އަހަރެންނަށް ނުކުމެވުނީ ނިޝާ ކުރި ސުވާލުންނެވެ.
"ބުނަން ސްކޫލާ އެހައި ކައިރިއަށް ނުދާތި. އެ މަންޖެ ރުޅި އަންނާނެ. އެ މަންޖެއާ ވާހަކަ ނުދައްކާތި" އަހަރެން ކަންތައް ކުރަންވާ ގޮތް ނިޝާ ހަނދާން ކޮށްދިނެއެވެ. އެކަން ހަނދާންކޮށް ނުދިނަސް އެކަންކުރަންވީ ގޮތް އަހަރެންނަށް އެގެއެވެ. އެ ދަރިފުޅު އަހަރެންދެކެ ހިތްހަމަ ނުޖެހޭ ކަމާއި ރުޅި އަންނަކަން އަހަރެން ދަންނަމެވެ. އަހަރެންނޭ ކިޔައިގެން ފާޑުފާޑުގެ ވަހަކަދައްކާކަން ވެސް އަހަރެންނަށް އެނގެއެވެ.
ގަޑިއަށް ބަލައިލަމުން އަހަރެން ނުކުތީ ބޭރަށެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައެވެ. 13 އަހަރަށް ދާ ދަރިފުޅު ސްކޫލަށް ލާށާއި ބަލައި ދިއުމަކީ އަހަރެންގެ ޒިންމާއެކެވެ. އެ ޒިންމާ އަހަރެން އަދާކުރަނީ އަދާކުރާ ހިތުންނެވެ. ދަރިފުޅު ދެކެ ލޯބިވާތީއެވެ. ދަރިފުޅަށް ކަމެއް ކޮށްދެވޭކަމުގެ އިހުސާސް ކުރެވޭތީއެވެ. ދަރިފުޅު ކިތަންމެ ރުޅިއަޔަސް، ހިތްހަމަ ނުޖެހުނަސް ދަރިފުޅު އުޅޭގޮތް އަހަރެންނަށް ފެންނާތީއެވެ.
އަހަރެން ހުރީ ސްކޫލު ދޮރާ ދިމާ މަގުމަތީގައެވެ. މަގުގެ އަނެއް ފަރާތުގައެވެ. އެހައި ދުރުން އަހަރެންގެ ލޮލުގައި އަހަރެންގެ ދަރިފުޅު އަޅައިގަތެވެ. އަހަރެން ފެނުމާއެކު ގޭޓާ ދިމާއަށް ދަރިފުޅު ހިނގައިގަތެވެ. އަހަރެން ވެސް ހިނގައިގަތީމެވެ. ނަމަވެސް ދަރިފުޅާ ދުރަށެވެ.
"ބޯކިރު... ބޯކިރު ބޯނަންހޭ؟" އަހަރެންގެ ފަހަތުން އައި ދެ ކުއްޖަކު ބާރުބާރަށް ލަވައެއްގެ ރާގުގައި ކިޔަމުން ދިޔައެވެ. އަހަރެން އަޅައެއް ނުލަމެވެ. އިވޭކަމަށް ވެސް ނުހަދަމެވެ.
"ބޯކިރު.... ބަންގާޅި ބޯކިރު......" އެ ދެކުދިން އަނެއްކާ ވެސް އަހަރެންނާ ދިމާކުރަން ފެށިއެވެ. އޭރު އަހަރެންނާ 10 ވަރަކަށް ފޫޓު ފަހަތުގައި ދަރިފުޅު ހުއްޓެވެ. އަހަރެންނަށް މަޖުބޫރުވީ ކެތްތެރިވާށެވެ. ލޭކެކުނަސް އިވޭކަމަށް ނުހަދާ ހުންނާށެވެ. އެއީ ދަރިފުޅުގެ ކަމެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެންނާ ދިމާކުރާނަމަ އެ ދަރިފުޅު އުފާވާނެކަން ވެސް އެނގެއެވެ.
"ނީޝް.... މިއީ ބީރެއް. އަޑެއް ވެސް ނުއިވޭ" އަހަރެންގެ ހީ ޔަގީންވީ އެހިސާބުންނެވެ.
"މަގުމަތީ ދިމާކުރަން ނުވަނީ އަހަރެން އުނދަގޫ ނުކުރަނީ" އެންމެފަހުން ނުހުރެވިގެން އަހަރެންނަށް ބުނެވުނެވެ.
(ނުނިމޭ)