(24 ޖޫން 2017 އާ ގުޅޭ)

"ބުނެވޭނެއްނު އެހެން ނުހަދަން. އެގޮތަށް ކަންތައް ކުރަނީ ނިޝާއާ ހެދި" އަހަރެންނަށް ބުނެވުނެވެ.

"ބަލަ މަ ކިހިނެއްތަ ހަދާނީ؟ އޭނާއަށް ވެސް އެނގެ ތީ ބަންގާޅިއެއްކަން. އެފަދަ މީހަކަށް ބައްޕަ ކިޔާކަށް އޭނާ ވެސް ބޭނުމެއް ނުވެ. މަށަށް ރަނގަޅީ ކަލޭ ވެސް ދެން ދިޔައްޔާ" ނިޝާގެ ވާހަކައިން އަހަރެންގެ ވާހަކަ ހުއްޓުނެވެ. ހާސްވާގޮތް ވިއެވެ. ދެލޮލުން ފެން ކަޅިވިއެވެ. އެއީ ދުވަހަކުވެސް ނުބުނާނެކަމަށް ނިޝާ ބުނި ޖުމުލައެވެ. އަހަރެން އެނބުރި ރަށަށް ދާންޖެހޭނެ ދުވަހެއް ނާންނާނެކަމަށް އޭނާ ބުނިބުނުމެވެ. ނަމަވެސް މިއަދު އެދުލުން އެ ޖުމުލަ ބުނެފިއެވެ. އަހަރެން ހިތުގައި ޖައްސައިފިއެވެ. އަހަރެން ރޮއްވައިފިއެވެ.

"އަހަރެން ދައްކަން ހުންނަނީ ބައިވަރު ވާހަކަ. އެއީ އަހަރެންގެ ދަރިފުޅު. އަހަރެން ދަރިފުޅޭ ގޮވަނީ. އެކަން މަނާ ނުކުރެވެނީ" ފޭދިފައިވާ ކަރުނަ ތިކިތައް ފުހެލަމުން އަހަރެން ބުނީމެވެ.

"އައްޗީ. ކަލޭ ދަރިފުޅޭ. ކަލޭ ދަރިއަކު މިގެއަކު ނުހުންނާނެ. މިހާރު ތި ދަނީ މާ މައްޗަށް. ތިވާހަކަ ނުދައްކާތި" ވައި އަޑުން ހަރުކަށި ރާގުގައި ނިޝާ އަހަރެންނަށް އަމުރުކުރިއެވެ.

"އަހަރެން ބޭނުންވާ ކަންކަން ނުވަނީ.. މިވާހަކަ ދައްކަނީ. މައްސަލަ ނެތީ" އަހަރެން ބިރު ކަނޑާލީމެވެ. އެ ވާހަކައިގައި ތިއްބާ އިވުނީ ދަރިފުޅުގެ ކޮޓަރު ހުޅުވާލި އަޑާއި އޭނާ ބަދިގެއާ ދިމާއަށް އަންނަ އަޑެވެ.

"މިއަދުވެސް މި ބޯކިރު ގަނޑު އަހަރެންގެ ރައްޓެހިންނާ ބެހުނު. މަންމައަށް ހެޔޮވާނެ ކޮންމެ ގޮތެއް ވިޔަސް. އަހަރެން ލަދުގަތަސް. މި މީހާގަނޑު ފޮނުވާލާކަށް ވެސް މަންމައަކަށް ނޭނގުނު ވިއްޔާ" ދަރިފުޅު ބޭނުންވީ އަހަރެން ކުށްވެރި ކުރާށެވެ. އޭނާގެ މަންމަގެ ކުރިމަތީ އަހަރެން ގޯސްކުރާށެވެ. އެއީ އޭނާގެ އާދައެވެ. އަހަރެން ފޮނުވާ ނުލައިގެން އެތައް ޝަކުވާއެއް އޭނާ ކޮށްފިއެވެ. އެތައް ވާހަކައެއް ދައްކައިފިއެވެ.

"ދެން ދަރިފުޅާ! ތި ޝަކުވާ ހުއްޓާލަން ވެއްޖެއްނު" ނިޝާގެ ވާހަކައިން އަހަރެންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާ ބިރުގެންފިކަން އަހަރެންނަށް ޔަގީން ކުރެވުމުންނެވެ.

"އެއްކަލަ މަންމަ. ބަލަ މަންމައެއްނު ބުނީ އޭނާ ފޮނުވާލާނެ ވާހަކަ. ލައްކަ ދުވަހު މިގޭގައި ގެންގުޅެވުނު ވާހަކަ. އޭނާ ރަނގަޅެއް ނުވިއެއްނު. ދެން ފޮނުވާލަންވީ" ނީޝް ވާހަކަދެއްކީ އަހަރެންނަށް އަޑުއިއްވަންކަން އަހަރެންނަށް އެނގެއެވެ.

(ނުނިމޭ)