(26 ޖޫން 2017 އާ ގުޅޭ)

"އެއްކަލަ މަންމަ. ބަލަ މަންމައެއްނު ބުނީ އޭނާ ފޮނުވާލާނެ ވާހަކަ. ލައްކަ ދުވަހު މިގޭގައި ގެންގުޅެވުނު ވާހަކަ. އޭނާ ރަނގަޅެއް ނުވިއެއްނު. ދެން ފޮނުވާލަންވީ" ނީޝް ވާހަކަދެއްކީ އަހަރެންނަށް އަޑުއިއްވަންކަން އަހަރެންނަށް އެނގެއެވެ.

"ދެން އެންމެ ރަނގަޅޭ. އޭނާ ފޮނުވާލަންވީމާ އެނގޭނީ މަންމައަށް. އެވަގުތު ޖެހުނީމާ މަންމަ އެކަން ކުރާނަން. އެއީ ދަރިފުޅާ ބެހޭ ކަމެއް ނޫން. ދަރިފުޅުގެ ބައެއް ކަންތައްތައް މީހާރު ވެސް އެ ކޮށްދެނީ އޭނާއެއްނު. ކިހިނެއް ކޮންމެ ދުވަހަކު މަންމަ ސްކޫލުދޮށަށް ދާނީ؟" ނިޝާ ސުވާލުކުރީ ދަރިފުޅަށެވެ.

"އަހަރެންނަށް ހެޔޮ ދުވަހަކު އޭނާ ނަޔަސް. ތި ބަންގާޅި ކަލޭގެ ފަރާތުން ދުވަހަކު އެހީއެއް ނުލިބުނަސް" ނިޝް ޖަވާބުދިނެވެ.

"ދެން ދަރިފުޅާ. ތިހެން ނުބުނެބަލަ؟" މަންމަ ކުރީ އިތުރު ސުވާލެކެވެ.

"އެނގޭ. ހުރިހާ ކަމެއް ވެސް އެނގޭ. ހުރިހާ ލަދެއް ގަންނަން ޖެހެނީ އަހަރެން. ހުރިހާ ކުދިން ދިމާކުރަނީ އަހަރެންނަށް. އަހަރެން ބޭނުމެއް ނޫން އެ މީހާގަނޑު އަހަރެންގެ އެއްވެސް ކަމެއްގައި އުޅޭކަށް. މިބުނީނު ބޭނުމެއް ނޫނޭ. ބޭނުމެއް ނޫނޭ" ނީޝް ފެށީ ރޯށެވެ. އެ މަންޒަރު ފެނި އަސަރުކުރީ އަހަރެންގެ ހިތަށެވެ. އޭނާ އަހަރެންދެކެ އެހައި ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ހެދުނީ ކޮން ގޯހެއް ހެއްޔެވެ؟

ހެދުނު ގޯހެއް ނަމަ ހެދުނީ ނިޝާއާއެކުގައެވެ. އެއީ އޭނާއާ ރައްޓެހިވުމެވެ. އޭނާއާ އެކުގައި އުޅުމެވެ. އޭނާ ބުނާގޮތަށް ހުރިހާ ކަމެއް ކުރުމެވެ. އެކަމަކު އެކަންކަން އަހަރެން ކުރީ އެ ދަރިފުޅަށްޓަކައެވެ. އެ ދަރިފުޅުގެ ހައްގުގައެވެ. އެދަރިފުޅަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދިނުމުގެ ބޭނުމުގައެވެ.

އެތައް ޚިޔާލުތަކެއް ފައިބަމުންދިޔަ ހިތަށް ލިބެމުން ދިޔައީ ނުތަނަވަސް ކަމެވެ. އަހަރެން ވަނީ ފަޚާނާއަށެވެ. އެތާ އިނދެވުނީ ކިހައި އިރަކު ކަމެއް ނޭނގެއެވެ. އެތަނުގައި ރުއީ ކިހައި ވަރަކަށް ކަމެއް ނޭނގެއެވެ. އަހަރެން ގޮތެއް ނިންމީމެވެ. އެކަނިވެރި ދަތުރު އޮޔާލައި ބެހުނު ނަމަވެސް ކޮންމެވެސް އަމާން ބަނދަރަކަށް ދެވޭތޯއެވެ.

ފާޚާނާއިން ނުކުތްއިރު ދަރިފުޅެއް ނެތެވެ. އޭނާވީ ކޮޓަރީގައެވެ. އަހަރެން ބަދިގެ ފަރާތަށް ދިޔައިރު ނިޝާ އިނީ ކާށެވެ.

"މިހާރު އެނގިއްޖެ ދޯ ދަރިފުޅު ވިސްނުން ހުރި ގޮތް" ވާހަކަ ފެށީ ނިޝާއެވެ.

"އަހަރެންނަށް ނޭނގެނީ.. އަހަރެން ދެރަވަނީ..." އަހަރެން ޖަވާބުދިނީމެވެ.

"ކަލެއަކަށް ނޭނގޭނެ އެއްކަމެއް ވެސް. ބަލަ ކަލޭދެކެ ނީޝް އެއްވެސް ލޯތްބެއް ނުވޭ. ދެން ކީއްކުރަން ތިހެން ތި އުޅެނީ. ކޯންޗެއް ހޯދަން ތި ހުންނަނީ؟" ނިޝާ ސުވާލުކުރިއެވެ.

"އަހަރެންދެކެ ނީޝް ލޯބި ނުވަނީ. ނިޝާ ސަކަރާތް ވައްތަރު ކަންތައްކުރަނީ. އަހަރެންނަށް އެނގެނީ. ގޯސް ވާހަކަދައްކާފައި ހުންނަނީ. އެއީ އަހަރެންގެ ދަރިފުޅު.. އަހަރެންގެ ދަރިފުޅު..." އަހަރެންނަށް ރޮވެން ފެށުނެވެ. އަމިއްލަ ދަރިފުޅު އަހަރެން ދެކެ ލޯބި ނުވީ ނިޝާ ކަންތައް ކުރި ގޮތުން ކަމަށް އަހަރެން ބުނީމެވެ. އެގޮތަށް ކަންތައްވީ ނީޝާގެ ސަބަބުން ކަމުގައި ވެސް އަހަރެން ބުނީމެވެ.

"އަހަރެން ނޯކިރީ ތިބެނީ. ނިޝާ ބެލީ އަހަރެން މަސައްކަތު މީހާ. ދަރިފުޅު ބައްޕަ ވައްތަރު ނެތީ." އަހަރެންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ބައެއް ފަހަރު ރަށު ބަހުންވެސް ވާހަކަދެއްކެން ފެށުނެވެ. އަޑު ގަދަކުރެވުނެވެ. ރުޅިވެސް އަންނަން ފެށިއެވެ. ނިޝާ ދުލެއް ނުކުރިއެވެ. އޭނާ ޖަދަލުކުރަން ފެށިއެވެ. އަހަރެންވެސް ޒުވާބުކުރަން ފެށީމެވެ. އެ މޫނުމަތީގައި ވަނީ ހީލަތްތެރިކަމެވެ. އައިސްފައި ވަނީ ލާނެއް ހިންޏެވެ.

"ބަލަ އަހަރެން ބުނެގެންނެއް ނޫން ކަލޭ މިތާ ތި މަޑުކުރަނީ. ކަލެއަށްވެސް އެހެން ގޮތެއް ނެތީ. އުޅޭނެ ގޮތެއް ނުހޯދުނީ. ކޮންމެހެން މި ނީޝް ބަލާކަން މިތަނުގައި ހުންނާކަށް ނުޖެހޭ" ނިޝާ ސުވާލު އުފެއްދީ އަހަރެން މަޑުކުރާ ސަބަބާމެދުއެވެ.

"ބަލަ ނިޝާ ބުނީ އަހަރެން މަޑުކުރާށޭ. ދަރިފުޅު ގާތުގައި މަޑުކުރާށޭ. ދަރިފުޅަށް ޚަރަދު ނުކުރެވެނީއޭ" ނިޝާ ދައްކާފައިހުރި ބައެއް ވާހަކަތައް އަހަރެން ދެއްކީމެވެ. އޭނާގެ ވާހަކަތަކަށް ޖަވާބު ދިނީމެވެ.

"މަށެއް ނުބުނުނަން. ބަލަ ކީއްކުކުރަން އަހަރެން ކަލޭ މަޑުކުރުވަންވީ؟ ތިއީ ކާކު؟" ހިތްހަމަ ނުޖެހުމާއެކު ނިޝާ ސުވާލުކުރިއެވެ. އެއްބަހެވެ. މިއަދު އަހަރެންނަކީ އެއްވެސް މީހެއް ނޫނެވެ. ނަމަވެސް އަހަރެންނަކީ އޭނާގެ ދަރިފުޅުގެ ބައްޕައެވެ. އެކަން ނިޝާއަށް އެނގޭނެއެވެ. އެކަން ނިޝާ ގަބޫލުކުރިއެވެ. އެ ވާހަކަތައް އަހަރެންގާތުގައި ބުންޏެވެ.

(ނުނިމޭ)