(28 ޖޫން 2017 އާ ގުޅޭ)

"މަށެއް ނުބުނުނަން. ބަލަ ކީއްކުކުރަން އަހަރެން ކަލޭ މަޑުކުރުވަންވީ؟ ތިއީ ކާކު؟" ހިތްހަމަ ނުޖެހުމާއެކު ނިޝާ ސުވާލުކުރިއެވެ. އެއްބަހެވެ. މިއަދު އަހަރެންނަކީ އެއްވެސް މީހެއް ނޫނެވެ. ނަމަވެސް އަހަރެންނަކީ އޭނާގެ ދަރިފުޅުގެ ބައްޕައެވެ. އެކަން ނިޝާއަށް އެނގޭނެއެވެ. އެކަން ނިޝާ ގަބޫލުކުރިއެވެ. އެ ވާހަކަތައް އަހަރެންގާތުގައި ބުންޏެވެ.

"މިއީ ދަރިފުޅުގެ ބައްޕަ" އަހަރެން އެއްވެސް ޖެހިލުމެއް ނެތި ބުނީމެވެ.

"ބައްޕައޭ. މަގޭ ދަރިފުޅުގެ ބައްޕައެއް ނުހުންނާނެ. ކޯޓުން ހުކުމް ކޮށްފައި އޮތީ ތަ؟ ކަލޭތީ ބައްޕަ ނަމަ ކޯޓުން އޮންނާނީ އެގޮތަށް ނިންމާފައި" ނިޝާގެ ފެށީ އާ ވާހަކައެކެވެ. އެއީ ހަގީގަތެވެ. ކޯޓުން އެ ނިންމުން ނިންމި ގޮތާއި އެނިންމުން ނިންމި ސަބަބު އެންމެ ރަނގަޅަށް އެނގޭނީ ނިޝާއަށެވެ. އެދުވަހު އޭނާ ރުއި ރުއިމާއި އަހަރެންގެ ގާތުގައި ދެއްކި ވާހަކަތައް އެނގޭނީ އަހަރެންނެވެ. ނަމަވެސް އެ ހުރިހާ ކަމެއް އޭނާގެ ހަނދާނުން ފިލީއެވެ. އަހަރެން ވަރުގެ ގޯސްމީހަކު ދުނިޔެ މަތީގައި ނެތީއެވެ. އެންމެފަހުން ނީޝްއަކީ އަހަރެންގެ ދަރިއެއް ނޫންކަމަށް ވެސް ބުނީއެވެ.

"ބަލަ ކަލޭގެ ދަރިއެއްކަން ކިހިނެއް އެނގެނީ؟ އަހަރެން ކަލެއާ ކައިވެނި ކުރިންތަ؟ އަހަރެންނާއެކުގައި އުޅުމަކީ ކަލޭގެ ދަރިއަކަށް އޭނާ ވާންވީ ސަބަބެއްތަ؟" ނިޝާ ދައްކަން ފެށީ ވާހަކައިން އަހަރެންނަށް ލިބުނީ ޝޮކެކެވެ. އެއީ އޭގެ ކުރިން ދުވަހަކު ވެސް ދެއްކި ވާހަކައެއް ނޫންނެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް އުފެއްދި ސުވާލެއް ވެސް ނޫނެވެ.

"އެއީ އަހަރެންގެ ދަރިއެއް" އަހަރެންނަށް ބުނެވުނެވެ.

"ބަލަ ކަލޭގެ ދަރިއެއްކަން ކިހިނެއްހޭ އެނގެނީ. އެއީ އެހެން މީހެއްގެ ކުއްޖެއް. އެއީ ކަލޭގެ ކުއްޖެއް ނޫން. އަހަރެން ކަންތައް ކުރިގޮތް އެނގޭނީ އަހަރެންނަށް. ކަލެއަކަށް ނޭނގޭނެ. ދެންވެސް ތި ވާހަކަ ނުދައްކާ މިތަނުން ފުރައިގެންދޭ" ނިޝާ ދެއްކި ވާހަކަތަކުން އަހަރެން ހާސްވިއެވެ. އެހެންވާންވީ ސަބަބާމެދު ސުވާލު އުފެދުނެވެ.

"މި ބުނީނު އެއީ ކަލޭގެ ކުއްޖެއް ނޫނޭ. އެއީ އެހެން މީހެއްގެ ދަރިއެކޭ. އަހަރެންނާމެދު ގާތްކަމެއް އޮތަސް އެފަދަ ކިތަންމެ މީހަކު އަހަރެންނާ އެކު އުޅުނު. މިވަރުން ނޭނގެންޏާ މިތަނުން ހަމަ މިހާރު ނުކުމޭ" ނިޝާ ކުރީ އަމުރެކެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. އެބުނީ ކީކޭކަން އެނގި މުޅި މީހާ ގަނޑުވިއެވެ.

"އެއީ އަހަރެންގެ ކުއްޖާ. ކުރީގައި އެ ވާހަކަ ނުބުނަނީނު. މިއަދު ބުނަނީ. ގަބޫލު ނުކުރަނީ" އަހަރެންނަށް ގަބޫލުކުރެވޭ ގޮތް އަހަރެން ބުނީމެވެ.

"ގަބޫލުކުރިޔަސް ނުކުރިޔަސް އެއީ ހަގީގަތް. އެދަރިފުޅު ބައްޕައަކީ ތިއެއް ނޫން. އެއީ އެހެން މީހެއް" ނިޝާ ބުނަމުންދިޔަ ވާހަކަތައް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. މިއޮތް ހުރިހާ ދުވަހު އަހަރެންނަށް ގަބޫލުކުރެވިފައިވަނީ އެއީ އަހަރެންގެ ދަރިއެއްކަމެވެ. ކުރިން ނިޝާ ވެސް ބުނީ އެގޮތަށެވެ. ކޯޓުގައި އޭނާގެ ދަރިއެއް ނުހުންނާނެކަމަށް ބުނި ނަމަވެސް އެދުވަހު އެގޮތަށް ބުނީ ކީއްވެކަމެއް އަހަރެންނަކަށް ވިސްނައެއް ނުލެވުނެވެ. އަހަރެން ރޯންފެށީމެވެ. ބާރުބާރަށް ހަޅޭއްލަވާން ފެށީމެވެ. އަހަރެންގެ ދަރިއެކޭ ބުނެ އަޑުގައި ނެތްތަނަށް ގޮވަން ފެށީމެވެ.

އެ އަޑަށް ނުކުތީ ދަރިފުޅެވެ. އޭނާގެ އަޑު އަހަރެންނަށް ވުރެ ގަދައެވެ. ކަންވީގޮތް އޭނާއަށް އެނގެއެވެ. އެ ވާހަކަތައް ނިޝާ އޮތީ ދަރިފުޅަށް ކިޔައިދީފައެވެ. އަހަރެންނަކީ ބައްޕަ ނޫންކަން އޮތީ ވިސްނައި ދީފައެވެ. އެ ހީލަތްތެރި ރޭވުން އެނާ އޮތީ މާކުރިން ރަވާފައެވެ.

"ބައްޕައޭ. ކަލޭތީ އަހަރެންގެ ބައްޕަނަމަ މި ދުނިޔޭގައި ވެސް ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ލަދުން ބޯހަލާކު" ދަރިފުޅުގެ ޖުމުލަތަކުން އަހަރެންނަށް ވެރިވި އިތުރު ނުތަނަވަސްކަމާއެކު ހިނގަންފެށި ލޭގައި ރުޅިވެރިކަން އަނދަންފެށިއެވެ. ދަރިފުޅު ގޮވަމުން ދިޔައީ އަހަރެން އެގެއިން ނުކުތުމަށެވެ. ފުރައިގެން ދިއުމަށެވެ. އެންމެފަހުން ނިޝާގެ ދުލުން ވެސް އެހެން ބުނީއެވެ. އަހަރެން ނުކުތުމަށް އަމަރުކުރީއެވެ.

އަހަރެން ނުކުތީމެވެ. އެގެއިން ބެރުވީމެވެ. މާލެއާއި ގައުމުން ވެސް ބޭރުވީމެވެ. މިއަދުވެސް އަހަރެންނަށް ގަބޫލުކުރެވެނީ އެއީ އަހަރެންގެ ދަރިފުޅުކަމެވެ. އެދަރިފުޅުގެ ބައްޕައަކީ އަހަރެންކަމެވެ. އެކަމަކު އަހަރެން ހުންނަން މިޖެހުނީ އެ ދަރިފުޅާ ދުރުގައެވެ. އެދަރިފުޅުގެ ނަފުރަތާ އެކުގައެވެ. އެ މަންމަގެ ނުރުހުން ލިބިގެންނެވެ. ދުނިޔެއަކީ ހާދަހާވާ ތަފާތު ތަނެކެވެ. ހާދަހާ ގިނަ މަކަރެއް ހަދާތަނެކެވެ. ހާދަހާ ގިނަ އޮޅުވާލުންތަކެއް އޮޅުވާލާ ތަނެކެވެ. އަހަރެންނަށް އަދިވެސް މިހުރެވުނީ އޮޅުވާލުމެއްގެ ތެރޭގައެވެ. ހަގީގަތް ނޭނގޭ މަކަރެއްގެ މިޔަ މަތީގައެވެ.

(ނިމުނީ)