ފިޔަވަޅު އެޅިޔަސް ހެޔޮކަމަށް ވިދާޅުވެ، މުގާބޭ ހެދިގެން ހުރެވޭނީ މަދު ދުވަސްކޮޅަކުކަމަށް ވިދާޅުވެ ރައީސް އަބުދުﷲ ޔާމީނަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަމީތު، ރައީސް ޔާމީނަށް ފާޑުވިދާޅުވެފައިވަނީ އީޔޫ އިން މިމަހުގެ ތެރޭގައި ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން މިއަދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އަމީތު ވިދާޅުވީ މިވެރިކަން ގާނޫނީ އިމުގެ ތެރެއިން ވަރަށް އަވަހަށް ނިމިގެންދާނެކަމަށާ ރައީސް ޔާމީނަށް މުގާބޭ ހެދިގެން ހުރެވޭނީ މަދު ދުވަސްކޮޅަކުކަމަށެވެ.

މީގެ އިތުރަށް އަމީތު ވަނީ ރައީސް ޔާމީންގެ ވާހަކަފުޅުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ.

އަމީތު ވިދާޅުވީ ފާރިސް މައުމޫން ކުރެއްވިހާވެސް ކަމަކީ ރައްޔިތުންނާއި، ގައުމުގެ ހައްގުގައި އިސްލާހީ މަސައްކަތްކުރެއްވުންކަމަށާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަބުދުﷲ މަސީހު އިސްވެ ހުންނަވާ ހިންގަމުންދިޔަ ޖަރީމާތަކާއި ދެކޮޅަށް ފާޅުގައި ތެދުވެ އެ ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރެއްވުންކަމަށެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން މިސަރުކާރުން 11 މަސްދުވަސްވަންދެން ފާރިސް މައުމޫނަށް ޖަލުގައި ލާއިންސާނީ އަނިޔާދީފިކަމަށާ މިއަދުވެސް ފާރިސް އޮންނެވީ އެ އަނިޔާގައިކަމަށް އަމީތު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ނުހައްގު އަނިޔާއަށް ކުޑަނަމަވެސް ތަންކޮޅެއް ފަހަތަށް ޖެހިވަޑައިނުގެން އިސްލާހީ މަސައްކަތުގައި ފާރިސް މައުމޫން ސާބިތުކަމާއިއެކު ހުންނެވުމަކީ ދިވެހި ހުރިހާ ޒުވާނުންނަށް ފާރިސް ދެއްވި ހިތްވަރަކާއި، ދެއްކެވި ނަމޫނާއެއްކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މަޖިލީހުގެ ބާރު ކަނޑުވާލުމަށްފަހު މަޖިލީހުގެ ތެރެއިން ގައިރުގާނޫނީ ކަންތައްތަކެއް ކުރެވެމުންދިއުމަކީ ކާމިޔާބީއެއްކަމަށް ރައީސް ޔާމީނަށް ހީފުޅުވީނަމަވެސް އެއީ ކާމިޔާބެއް ނޫންކަމަށެވެ.

ފާރިސް ދިއްގަރު ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރުމަކީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށާއި ދިއްގަރު ދާއިރާގެ ރައްޔިތުން އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓަވަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން އަމީތު ވިދާޅުވީ ފާރިސް މައުމޫން އިންތިޚާބުކުރެވުމުން ދިއްގަރު ދާއިރާ ފަޚުރުވެރިވާނެކަމަށެވެ. އަދި މުޅި ރާއްޖެވެސް ފާރިސްގެ ހިތްވަރަށް ސާބަސްދޭނެކަމަށާ އެކަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ކަށަވަރުވެގެންދާނެކަމަށެވެ.

"ފާރިސް އިންތިޚާބުކުރެވުމުން ދެރަވާނެ ރައްޔިތެއް ދިއްގަރު ދާއިރާގައި ކީއްކުރަންތޯ މުޅި ރާއްޖޭގައިވެސް ނުތިބޭނެ. އެކަން ޔާމީނަށް ރިޔާސީ އިންތިޚާބުގައި ކަށަވަރުވާނެ. އެ ހަގީގަތް ހާމަވާން ދެން އޮތީ މަދުދުވަސްކޮޅެއް." އަމީތު ވިދާޅުވިއެވެ.

މީގެ އިތުރަށް ދިއްގަރު ދާއިރާގެ މެންބަރުކަން މިއަދު ކޮށްދޭންޖެހިފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲކަމަށް އޭނާ ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވީ ވެރިކަމުގެ ބާރުތައް ނެތިގެންދާން ކައިރިވާކަމުގެ އިހްސާސްކުރެވުމުން މިހާރު މި ބޭފުޅުން ދައްކަވަމުން ގެންދަވަނީ މުޅިންވެސް ގައިރުގާނޫނީ ވާހަކަތައްކަމަށެވެ. އަދި ލަދުވެތިކަމެއްނެތި މިފަދަ މެންބަރުން މިއަދު ވާހަކަދައްކަމުންދަނީ ވެރިކަން ނިމޭނެކަން ޔަގީންވާތީކަމަށް އަމީތު ވިދާޅުވިއެވެ.

"މިއީ ހައްތަހާވެސް ގައިރުގާނޫނީ ވާހަކަތައް. އެއީ އައުކަމެއް ނޫން. ބައްލަވާ މަސީހު، އޭނާވެސް އެ އިންނެވީ މަޖިލީހުގެ ރައީސް ހެދިގެން ރިޔާސަތުގައި. ނަމަވެސް ގަދަބާރުން ޖައްބާރުކަމުގައި ދެމި ހުންނަން ދެން އޮތީ މަދު ވަގުތުކޮޅެއް." އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އަބްދުއްރަހީމް އަބުދުﷲގެ ވާހަކަތައް ސިފަކުރެވެނީ އެމްޑީޕީގެ ވެރިކަމުގައި ރީކޯ މޫސާ މަނިކު ރާޅުގަނޑު ސަރަހައްދުގައި އަމިއްލައަށް ކޯޓް ހަދައިގެން ތިމަންނަމީ އުއްތަމަ ފަނޑިޔާރޭ ވިދާޅުވެ ހުކުމްކުރެއްވުމާއި އެއްފަދަ ކަމެއްގެ ގޮތުގައިކަމަށެވެ.