ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ތާރީޚާ ގުޅޭގޮތުން ބަންޑާރަ ނާއިބު ދެއްވި ލަފަޔާއެކު ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

މިކަން ހާމަކުރީ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރިން ނިންމާފައި އޮތީ ޖުލައި މަހުގެ 15 ދުވަސް ނަމަވެސް މިހާރު ޖުލައި 23 އަށް އެކަން ފަސްކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިގޮތަށް ނިންމީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ދުވަހާ މެދު ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ބަންޑާރަ ނާއިބުގެ ގާނޫނީ ލަފަޔަކަށް އެދުމުން އެމަނިކުފާނު ދެއްވި ލަފަޔާ އެއްގޮތަށް ކަމަށެވެ.

"ބައެއް ފަރާތްތަކުން ޚަބަރު ފެތުރި އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ލަފަޔަށް އެދުނު ކަމަށް. ސުޕްރީމް ކޯޓުގެ ލަފަޔަކަށް ނޫން އެދުނީ. އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދުނީ. ރަސްމީކޮށް އަޅުގަނޑުމެންނަށް ލިޔުމުން ޖަވާބު ލިބިއްޖެ. ރިޔާސީ ދައުރު ހަމަވާނެ ވަކި ތާރީޚެއް ގާނޫނުއަސާސީގައި ނޯންނަ ކަމަށް. ދައުރު ގުނަނީ ވަކި މުއްދަތަކަށް ކަމަށް. އެހެންވީމަ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށް ކަމަށް. އެއަށް ބަލައި އަޅުގަނޑުމެން 23 ޖުލައި ނިންމީ ކެންޑިޑޭޓުންނަށް ހުޅުވާލަން" ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 11 ގައި ތޯ ނުވަތަ ނޮވެމްބަރު 17ގައި ތޯ މީގެ ކުރިންވެސް ބަހުސްކުރެވިފައިވާއިރު ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރައްވާފައިވަނީ، އޭގެ ކުރީގެ ރިޔާސީ ދައުރު ހަމަވެ 5 ދުވަސް ފަހުން 2013 ނޮވެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ ގޮތުން ޖުލައި 23 އިން އޮގަސްޓް 4 އަށް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އިއުލާން ކުރާނީ އޮގަސްޓު 18 ވަނަ ދުވަހު ކަމަށާއި އެތާރީޚުން ފެށިގެން އިންތިޚާބު އޮންނަ ދުވަހުގެ ކުރީ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 6:00 އާ ހަމައަށް ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޖުލައި 17 ގައި ރީރަޖިސްޓަރީ ކުރަން ހުޅުވާލާނެ ކަމަށާއި 11 އޮގަސްޓާ ހަމައަށް ރީރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ. ރީރަޖިސްޓަރީ ކުރަން ބޭނުންވާ ފޯމު ކޮމިޝަނުގެ ވެބްސައިޓުން މިހާރުވެސް ލިބެން ހުންނާނެ ކަމަށާއި ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.