އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް މިވަޑައިގެންނެވީ، އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތުމާ ދެކޮޅަށް އިނގިރޭސި ރައްޔިތުން ވަރުގަދަ ކެމްޕެއިންތައްކޮށް، ޕެޓިޝަންތައް ހަދައި، ޓްރަމްޕްގެ ދަތުރުފުޅާ ދެކޮޅު ހެދުމުގެ އެތައް ހަރަކާތެއް ހިންގާފައި ވަނިކޮށެވެ. މިކަމުގެ ތެރޭގައި އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން، އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރަށް ނިސްބަތް ކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅު ތަކާ ގުޅިގެން އިތުރު މައްސަލަތަކެއް ނުކުންނާނޭ ކަމަށްވެސް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ.

ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގައި ބޮޑުވަޒީރު ތެރީސާ މޭގެ ސަރުކާރަށް ލިބިގެންވާ ގާބިލްކަމާމެދު ޓްރަމްޕްވަނީ ސުވާލު އުފައްދަވައި ވާހަކަފުޅު ދައްކަވާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅާއި ގުޅިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި، އެހެންނިހެން ރަށްތަކުގައިވެސް ވަރުގަދަ މުޒާހަރާތަކެއް ކުރުމަށް ވަނީ ތައްޔާރުވެފައެވެ.

އޭނާގެ ދަތުރުފުޅާ ދިމާކޮށް ފެށުމަށް ތައްޔާރުވެފައިވާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ބްރަސަލްސްއިން ލަންޑަނަށް ފުރާވަޑައި ގަންނަވަމުން، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އިނގިރޭސި ރައްޔިތުން އޭނާއާ ވަރަށް ލައިކްވާ" ކަމަށެވެ.

ހިޖުރަވެރިންގެ މައްސަލާގައި އިނގިރޭސި ރައްޔިތުން އޭނާއާ އެއްގަލަކަށް އަރާ ކަމަށާއި، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ރައްޔިތުން ނިންމީވެސް އެ ސަބަބަށްޓަކައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެކަން އެމަގަށް ނިމިގެން ހިނގައިދާނެކަން ޔަގީންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ބޮޑުވަޒީރު ތެރީސާ މޭއާ ބައްދަލު ކުރެއްވުމުގެ އިތުރުން، އިނގިރޭސި ރާނީ އެލިޒަބަތާއެކު ސައިފޮދެއްގައިވެސް ބައިވެރިވެވަޑައި ގަންނަވާނެއެވެ. އަދި އޭގެފަހުން ޓްރަމްޕް އަމިއްލަފުޅު ހައިސިއްޔަތުން ވަގުތު ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ ސްކޮޓްލޭންޑްގައެވެ.

ޓްރަމްޕްގެ ފުޅާ ވިޔަފާރި ސްކޮޓްލޭންޑްގައި އޮވެއެވެ. އޭނާއާ ދެކޮޅަށް އެންމެ ވަރުގަދައަށް މުޒާހަރާ ކުރުމަށްވެސް ތައްޔާރުވެފައިވަނީ ސްކޮޓްލޭންޑްގައެވެ.