ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ވޮލީބޯޯޅަ މުބާރާތް ކަމަށްވާ އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ޑަބްލިއު މޯލްޑިވްސް ހޯދައިފި އެވެ.

މިފަހަރުގެ ޒޯން ހަތަރެއްގެ ކުޅުން ޑަބްލިއު މޯލްޑިވްސްގައި ކުރިއަށް ދިޔައިރު، އެޓީމުން ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޒޯން ހަތަރެއްގައި މިފަހަރު ވާދަކުރީ ޑަބްލިއު މޯލްޑިވްސް އާއި ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ޒޯން ހަތަރެއްގެ ފައިނަލްގައި ޑަބްލިއު މޯލްޑިވްސްއާ ދެކޮޅަށް ނުކުތީ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއެވެ. މިމެޗު ޑަބްލިއު މޯލްޑިވްސްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޑަބްލިއު މޯލްޑިވްސްއިން ގެންދިޔައީ 25-19، 25-21 އަދި 26-24 އިންނެވެ.

މިފަހަރުގެ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތްވެސް ފަސް ޒޯނެއްގައި ކުރިއަށްދިޔައިރު، ފަސް ޒޯނުގެ ކުޅުން މިހާރު ވަނީ ނިމިފައެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް ހޯދިއިރު، ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ ޖުމެއިރާ ވިޓަވެއްޔެވެ. ޒޯން ތިނެއްގެ ޗެމްޕިއަންކަން ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޯދިއިރު، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑަބްލިއު މޯލްޑިވްސް އެވެ. އަދި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނެވާފުއްޓެވެ.

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތު ޒޯން ބުރުގެ ކުޅުންނިމި، އަންނަ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލީގުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވަނީ ފަސް ޒޯނުގެ ޗެމްޕިއަނުންގެ އިތުރުން ޒޯން އެކެއްގެ ދެވަނަ ޓީމު ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ތިންވަނަ ޓީމު ވަން އެންޑް އޮންލީ ރީތި ރަށާއި ޝެރެޓަން މޯލްޑިވްސް އެވެ.