ރިޔާސީ ކެނޑިޑޭޓުންނާއި އެކެނޑިޑޭޓުންގެ ރަނިންގ މޭޓުންނަށް ދައުލަތުގެ މުއައްސަސާތަކުން ހަމަހަމަ ފުރުސަތު ދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެންގެވީ ސުރުޚީތަކުން ޖާގަ ހޯދާ، ދިވެހި ރައްޔިތުންނާއި، ބޭރު ދުނިޔެއަށް ދަޅަ ދެއްކުމުގެ ގޮތުންކަމަށް މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ރޭ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައިވެސް ހުންނެވި ހުސައިން މުހައްމަދު ވިދާޅުވީ ބަންޑާރަ ނާއިބަކީ އިޚްލާސްތެރިކަމެއްނެތް އަދި މަގާމުގެ މަސްއޫލިއްޔަތު އުފުލުގައި ފެއިލްވެފައިވާ މީހެއްކަމަށެވެ.

ހުސައިން ވިދާޅުވީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ދޭން އެންގީ ދައުލަތުގެ ބަންޑާރަ ނާއިބްތޯ ނުވަަތަ ސަރުކާރުގެ ބަންޑާރަ ނާއިބްތޯވެސް ސާފްވާންޖެހޭކަމަށެވެ.

އަދި ބަންޑާރަ ނާއިބަށް ހުންނެވި އަނިލް ދައްކާ ވާހަކަތައް މިއަދު ގަބޫލުކުރަނީ ކޮންރައްޔިތެއްތޯ ސުވާލު ކުރައްވާ އެފަދަ ބަޔާނެއް ސަރުކާރު ހިންގާ ޕީޕީއެމްއިން ނެރުނުނަމަވެސް ގަބޫލްކުރަން ތަންކޮޅެއް ފަސޭހަވީސްކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ.

"ތިޔަ ވާހަކަ ޕީޕީއެމުން ބުނިނަމަވެސް ތަންކޮޅެއް ގަބޫލުކުރަން ފަސޭހަވީސް. ދަންނަވަންތޯ. މިއީ ސުރުޚީއެއް، އެއީ އަނދުނެއް، ދައްކާ ދަޅައެއް." ހުސައިން މުހައްމަދު ވިދާޅުވިއެވެ.

ހުސައިން މުހައްމަދު ވިދާޅުވީ ޕާޓީތަކުން ކޮންގްރެސްތައް ބޭއްވުމަށް ތަންތަން ހަމަޖައްސައިދިނުމަށް ބަންޑާރަ ނާއިބް ހައުސިން މިނިސްޓްރީއަށް އެންގިއިރު، މިހުރިހާ ދުވަހު ބަންޑާރަ ނާއިބް އޮންނެވީ އަވަހާރަފުޅުގައިތޯ ސުވާލު އުފެދިއްޖެކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއަށް ކޮންގްރެސް ބާއްވަން ތަނެއް ނުދިނުމުން މާލެއިން ބޭރުގައި ކޮންގްރެސް ބާއްވާ ނިންމާފައިވާކަން އަނިލްއަށް ނޭންގެނީތޯ ހުސައިން ވަނީ ސުވާލު ކުރައްވާފައެވެ.

"ތިޔަ ވިދާޅުވާ ބަންޑާރަ ނާއިބު މިއަދާއި ހަމައަށް އޮތީ ނިދާފައިތޯ؟ ބަލަ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން އެޕާޓީތަކުގެ ކޮންގްރެސް މާލެއިން ބޭރުގައި ބޭއްވިކަން ތިޔަ މީހަކަށް ނޭންގެނީތޯ. ފަސޭހަކަމެއްތޯ ނުވަތަ ޚަރަދުކުޑަކަމެއްތޯ 400 މީހުން ބައިވެރިކޮށްގެން ރިސޯޓެއްގައި ކޮންގްރެސް ބޭއްވުމަކީ." ހުސައިން ވިދާޅުވިއެވެ.

ހުސައިން މުހައްމަދު ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ކެންޕެއިނަށް ހުރަސްއެޅުނު ގޮތަކަށް ހުރަސްއަޅާނެކަމަށެވެ. އަދި އިންސާފުވެރި މިނިވަން އިންތިޚާބަކަށްވެސް ފުރުސަތު ނުދޭނެކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެންޕެއިން ނުކުރެވޭނެކަމަށާ ނަމަވެސް ރައީސް ޔާމީން އެކަންކުރައްވަމުން ގެންދަވާއިރު، އެކަންކަން ހުއްޓުވާނެ ބަޔަކު ނެތުމަކީ މިނިވަން އިލެކްޝަންސް ކޮމިޝަނަކާއި، މިނިވަން ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކެއް މިގައުމުގައި ނެތްކަން ހާމަވާކަންކަންކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ ކިތަންމެ ހުރަހެއް އަޅާ، މާރާމާރީ ހިންގާ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރިނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކުރާނެކަމަށެވެ.

ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިހަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށް އަދި ކެމްޕޭންޓީމުގައި ހަރަކާތްތެރިވި ބޭފުޅުންގެ ގައިކޮޅަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ މައްސަލަ ބަލަންވެސް ދައުލަތުގެ މުއައްސަސާތައް އޮތީ ބިރުންކަމަށް ހުސައިން ވިދާޅުވިއެވެ. އެފަދަ ބަޔަކަށް މިނިވަން އިންސާފުވެރި މާހައުލެއް ކެންޑިޑޭޓުންނަށް ފަހިކޮށްދެވޭނީ ކިހިނަކުންތޯވެސް ހުސައިން ވަނީ ސުވާލުކުރައްވާފައެވެ.