ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށްފި އެވެ.

ޗެލްސީގެ ކޯޗުގެ މަގާމުން ކުއްލި ގޮތަކަށް ކޮންޓޭ ވަކިކުރިއިރު، ޗެލްސީން އެޓީމުގެ ކޯޗަކަށް އިޓަލީގެ މައުރީޒިއޯ ސާއްރީ ގެންނަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީގެ ކޯޗުކަމާ 2016 ވަނަ އަހަރު ކޮންޓޭ ހަވާލުވިއިރު، އޭނާ ވަނީ އެސީޒަނުގައި ޗެލްސީއަށް އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ފަހުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ޗެލްސީއަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްދީފައެވެ.

މިނިމުނު ސީޒަނުގެ އެފްއޭ ކަޕް ޗެލްސީން ކާމިޔާބުކުރި ނަމަވެސް، ޕްރިމިއަރ ލީގުގައި އެޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލީގުގެ ފަސްވަނަ ޗެލްސީއަށް ލިބުނުއިރު، ކުރިއަށް އޮތް ސީޒަނުގައި ޗެލްސީ ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.

ޗެލްސީގެ އައު ކޯޗުގެ މަގާމާ ނާޕޮލީގެ ކުރީގެ ކޯޗު ސާއްރީ ހަވާލުވާއިރު، އޭނާ ވަނީ 2016/17 ވަނަ ސީޒަނުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާަމުވެސް ހޯދާފައެވެ. އޭނާ މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ އިޓަލީގެ ކްލަބުތަކަށެވެ.