ކަންކަމާ ހެސްގަނެގެން ބޫތުކެއުމުގެ ސަބަބުން ބުއްދިފަސްވެ އަބަހައްދަވެފައި ތިބޭ މީހުންގެ ފުށުން ބަދުބަސް ލިބިނުގަތުމުގެ އެދުމުގައި މިޒާތުގެ ވާހަކަ ނުދައްކާންކަމަށް ހިތުލާންޖެހޭ ދަނޑިވަޅު އާދެއެވެ. އެހެނަސް ހިތަށް ނުކުޅަދާނަވީމާ ހިމޭނުން ނުހުރެވެނީއެވެ. މިފަހަރު މިއޮތީ އެހެންވެފައެވެ.

މި ގައުމު ހިންގަވާން އެހުންނެވި މަނިކުފާނު ބޮޑުތިލަދުންމައްޗަށް ވަޑައިގެން ނިކަން ކޮށި ކަމެއް ކުރައްވައިފިއެވެ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަ ސިއްހީ މަރުކަޒުގެ ނަން އާމިނާ ތަކުރުފާނު ހަނދާނީ ސިއްހީ މަރުކަޒުގެ ނަމަށް ބަދަލު ކުރައްވައިފިއެވެ. ހިތުގައި ޖެހުނެވެ. ހަމަޖެހި އެކަށައެޅިފައި އޮންނަ އުސޫލުތައް މިމަނިކުފާނާ ޖެހުނީމާ އެއްވެސް އެއްޗަކަށް ނުވަނީތާއެވެ. ސަރިޔަތަކަސް ސަގާފަތަކަސް ދުސްތޫރަކަސް ތާރީޚަކަސް މިމަނިކުފާނާ ހަމައިން އޮންނަނީ ސަޓަނިގަޑަކަށް ވެފައެވެ. ހަމަގައިމުވެސް އާދަކާދަޔާއި ތާރީޚު މިއޮތީ ގަޑުބަޑު ކުރައްވައިފައެވެ. މިކަމާ ހިތަށް ލޮޚުސާންކުރިވަރުން އެއްޗެއް ބުނާން ޖެހުނީއެވެ.

ތަކުރުފާނަކީ ފިރިހެނުންނަށް ޚާއްސަ ނަމެކެވެ. އެދަރަޖައިގެ އަންހެނުންނަށް ކިޔާނީ ބީފާނު ނުވަތަ ފާނެވެ. އާމިނާ ތަކުރުފާނޭ ކިޔައިފިނަމަ ގޯސްވީއެވެ. އިހަވަންދޫ ސިއްހީ މަރުކަޒަށް އާމިނާ ތަކުރުފާނޭ ކިޔައިގެން ނަންދިނީ އިހަވަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ކަނބަލަކަށް ނިސްބަތްކޮށްފައި ކަމަށް ވެރި މަނިކުފާނު ވިދާޅުވިއެވެ. އެބޭކަނބަލަކީ އުތީމު ތިން ބަތޮލުން ކަމަށްވާ ބޮޑު ތަކުރުފާނާއި ހަސަން ތަކުރުފާނާއި އަލިތަކުރުފާނުގެ މައިކަނބަލުންނެވެ. އެއީ އިހަވަންދޫ ކައްފީނި ތަކުރުފާނުގެ އާމިނާދިޔޯއެވެ. ނުވަތަ އާމިނާފާނެވެ.

ވެރި މަނިކުފާނު ވިދާޅުވިގޮތުންނަމަ މަރުކަޒުގެ ނަމަށް ބަދަލު ގެންނެވީ ރަށުގެ ވަރަށް ގިނަ ބަޔަކު އެދިގެންނެވެ. ކޮންމެބަޔަކުވެސް އެބައެއްގެ ތެރެއިން މަޝްހޫރު މީސްމީހުންގެ ހަނދާން އާކުރަން ބޭނުންވާނެތާއެވެ. އެކަމަކު ކަށަވަރުކަމަކީ އިހަވަންދޫ ހަމައެކަކުވެސް އާމިނާ ތަކުރުފާނެކޭ ނުކިޔާނެ ކަމެވެ. އާމިނާ ތަކުރުފާނެއް ނޫންކަން އިހަވަންދޫ މީހުން ދަނެއެވެ. ތާރީޚު ދިރާސާ ކުރާ މީހުންވެސް ދަނެއެވެ. އެކަމަކު ވެރި މަނިކުފާނު އެއިން މީހެއްގެ އަޑެއް ނާއްސަވައި ލަފަޔެއްވެސް ނެތި ހިތަށް އައިގޮތަކަށް މިކަން ނިންމަވައިލެއްވީއެވެ. މަމެން އަބަދު ނުރުހިގެން ވާހަކަ ދައްކަނީ މިކަންކަމާމެދުގައެވެ.

ބޮޑުތިލަދުންމައްޗަކީ ބަތޮލުންގެ ގޮވައްޗެވެ. އެކަމަށް އިންކާރުކުރާނޭ ދިވެއްސަކު ނުހުންނާނެއެވެ. ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ތެދުވެ ހައްގުބަސް ބުނުމުގައި އަދި ހައްގު ޖިހާދު ކުރުމުގައި ތަކުރުފާނުންނާއި އެބޭކަލުންގެ މައިކަނބަލުންގެ ވާހަކަ ދައްކާފައި އަދި ނިންމައިލެވޭކަށްވެސް ނޯންނާނެއެވެ.

ހަސަން ފަރީދާއި މުހައްމަދު އަމީނުގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ބަސްބުނާން ނިކުތީވެސް ބޮޑުތިލަދުންމަތީގެ ހިތްވަރުގަދަ ބަތޮލުންނެވެ. އެދުވަސްވަރު އަނިޔާވެރިކަމުގެ ކުރިމަތީގައި އެމީހުން މިހެންވެސް ބުންޏެވެ. އަހަރެމެން ވަކިމީހަކު ބޭނުންވެގެން ނޫޅެމެވެ. އަހަރެމެން ބޭނުމީ އަހަރެމެންނަށް ލުއި ހޯދައިދޭނޭ ބައެކެވެ. މިހައިތަނަށްވެސް މިހާލުގައި ތިބޭން ޖެހުނީ ތިޔަހެން ވަކިމީހަކަށް އެދިފައި ތިބޭން ހަދައިގެންނެވެ. ހައްތާވެސް ދޭނަމޭ ދޭނަމޭއެވެ. ކޮށްދޭނަމޭ ކޮށްދޭނަމޭއެވެ. ދުވަހަކުވެސް ނުދެވުނެއް ނޫންހެއްޔެވެ. ތިޔަގޮތް ދެނެއް ކަމަކު ނުދާނެއެވެ.

ތަންކޮޅެއް ލާނެތް މީހުން މިހެންވެސް ބުންޏެވެ. އަހަރެމެން ބަނޑަށް މަރަނީއެވެ. މިހާރަކު ލަދެއް ބިރެއްނެތެވެ. މިތިބީ ލަދާއި ބިރު ކަޑުވައިފައެވެ. ތިޔަ އުޅެނީ ބަނޑުހައިގެން ތިއްބާ އަހަރެމެން ލައްވާ ގޯސްހައްދާށެވެ. ދެބައިކުޅަ ކައިގެން ދިރިތިބެވޭނީ ކިހިނަކުންހެއްޔެވެ. ތިޔަ މަރަނީއެވެ. ކޮންކާޑެކޭ ކިޔާކަށްހެއްޔެވެ. އޮރިޔާންކާޑުހެއްޔެވެ.

މިހިރަމިހިރަ ވާހަކަތަކަކީ ކޮންމެކޮންމެ މީހަކަށް އެނގޭ ވާހަކަތަކެއް ނޫނެވެ. މިވާހަކަތައް އެނގޭނީ ތާރީޚުގެ ތެރެއަށް ފީނައި އުޅޭ ބަޔަކަށެވެ. އެގޮތަށް ފީނީމާ ވެރިކަން ހިންގާންތިބޭ މީހުން ބޮޑުތިލަދުންމަތީގެ ބަތޮލުންނަށް ސަނާ ކިޔަނީ އިޚުލާސްތެރި ނިޔަތެއް އޮވެގެން ނޫންކަމާއި އެއީ ހަމަ ހައްލާންވެގެން ދައްކާ ދަޅައެއްކަންވެސް އެނގޭނެއެވެ.

ކުޑަކުޑަ މިސާލެކެވެ. ބޮޑުތިލަދުންމައްޗާމެދު ބަދުބަސްބުނާ މީހަކު ހަގީގީ ދިވެއްސަކަށް ނުވާނެޔޭ ވިދާޅުވެ މުހައްމަދު އަމީނު ވާހަކަފުޅު ދެއްކެވި އަދަދެއްވެސް ނޭނގެއެވެ. ލިޔުއްވި ލިޔުންތަކުގެ އަދަދެއްވެސް ނޭނގެއެވެ. އެކަމަކު ކުޑައިކޮށް ކޯފާވެ ހިތުގައި އޮތް އަސްލު އެތި ބޭރުވެވޭގޮތްވީމާ މުހައްމަދު އަމީނުވެސް ކުރެއްވީ ފުރައްސާރައެވެ. ބޮޑުތިލަދުންމަތީ އުދާސްތަކުގެ ދުވަސްވަރު އަމީނު ވިދާޅުވިކަމަށް ޖަމީލުދީދީ ލިޔުއްވާފައިވެއެވެ. ތިލަދުންމަތީ މޮޔައިން ދިޔަކަންތަކެއް ނުވިއެވެ. އެމީހުން މާލެއިން ފުރާންފަށައިފިއެވެ. އަމީނުގެ ވެރިކަން ކަމަކު ނުދެޔޭ ބުނީމާ ބޮޑުތިލަދުންމައްޗެއް ކަމަކު އެވީ މޮޔައިންނަށެވެ. މިހިރީ މިކަންކަން ހިނގާ މަގެވެ.

އަފުރެމެންގެ ވެރި މަނިކުފާނުގެ ބަސްމަގުވެސް ހުންނަނީ މިޒާތަށެވެ. ބޮޑުތިލަދުންމައްޗަށް ވަޑައިގެންފައި މިމަނިކުފާނުގެ ސުންބުލި އުފުލައިދޭކަމަށް އަމިއްލަޔަށް ބުނާ ހުވަރަފުށީ ތަކުރު ޝަރަފުވެރިކޮށްދެއްވަމުން ވިދާޅުވީ އެއީ ބޮޑުތިލަދުންމަތީ ޔާގޫތެއް ކަމުގައެވެ. ބަލަ މަނިކުފާނޫއޭ މަނިކުފާނުގެ ވެރިކަން ކަމަކުނުދެޔޭ ބުނާ ދިއްދޫ ތަކުރު ކުށްވެރި ކުރެއްވީ ބޮޑުތިލަދުންމައްޗަށް ކުރިމަތިވެފައިވާ ނުހޮރުއްޕާނެއްގެ ގޮތުގައެވެ.