ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ އުސޫލެއް ތައާރަފްކޮށް އެކަމުގެ އަޖުމަ ބެލުމަށް ފަހު އެއީ ވަރަށް ކާމިޔާބު ކަމެއް ކަމަށް އެކަން ތަޖްރިބާ ކުރި ނިއުޒިލޭންޑްގެ ކުންފުންޏަކުން ބުނެފިއެވެ.

"ޕާޕެޗުއަލް ގާޑިއަން" ކިޔާ މި ކުންފުނިން ބުނީ ހަފްތާގެ ހަތަރު ދުވަހު މަސައްކަތް ކުރާ އުސޫލު ވަރަށް ކާމިޔާބު ކަމަށާއި، އެކުންފުނިން މިހާރު ބޭނުން ވަނީ އެ އުސޫލު ދާއިމީކޮށް ދަމަހައްޓަން ކަމަށެވެ.

އެކުންފުނިން ވަނީ އެ އުސޫލު ކާމިޔާބުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ދެ މަސް ދުވަސް ވަންދެން އެކުންފުނީގެ މުވައްޒަފުންގެ ލައްވާ ހަފްތާގެ ހަތަރު ދުވަހު މަސައްކަތް ކުރުވާފައެވެ.

ދެ މަސްދުވަހުގެ "ޓެސްޓް ރަން" އަކަށް ފަހު އެ ކުންފުނިން ބުނީ ހަފްތާގެ ހަތަރު ދުވަހު މުވައްޒަފުން މަސައްކަތަށް ނެރުމުން އެ މުވައްޒަފުންގެ ކޮންމެ ދުވަހެއްގެވެސް އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއެރި ކަމަށެވެ.

މިގޮތަށް އަމަލުކުރަމުން ދިޔަ ދެ މަސްދުވަހުވެސް ހުރިހާ މުވައްޒަފުންވެސް މަސައްކަތަށް ނިކުތީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިޔަށްވުރެ ރަނގަޅު މަސައްކަތުގެ މާހައުލެއްގައި އުޅެލުމުގެ ފުރުސަތު ލިބުމާއި އެކު މުވައްޒަފުންގެ ހާސްކަން ނުވަތަ ސްޓްރެސް ލެވެލްވެސް ބެލެންސް ކުރެވުނު ކަމަށެވެ.

ނިއުޒިލޭންޑްގެ މި ކުންފުނިން ހަފްތާގެ ހަތަރު ދުވަހު މަސައްކަތް ކުރާ އުސޫލު ތަޖްރިބާ ކުރި ދެ މަސްދުވަހުވެސް އެކުންފުނީގެ 240 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅުނީ ހަފްތާއަކު ފަސް ދުވަހު މަސައްކަތް ކޮށްގެން އުޖޫރަދޭ ގޮތަށެވެ.

އެހެންނަމަވެސް އެ ދެ މަސްދުވަހު ހުރިހާ މުވައްޒަފުންވެސް މަސައްކަތަށް ނިކުތީ ހަފްތާގެ ހަތަރު ދުވަހު އެކަނި އެވެ. ބާކީ ދުވަސްތަކަކީ އެ މުވަޒަފުންގެ ޗުއްޓީ ދުވަސްތަކެވެ.

ހަފްތާގެ ހަތަރު ދުވަހު މަސައްކަތް ކުރާ އުސޫލުގެ އަޖުމަ ބެލުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުން މިގޮތަށް މަސައްކަތަށް ނެރުނީ މާޗް މަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. މި ތަޖްރިބާގެ ނަތީޖާ ނިކުންނަ ގޮތެއް ބެލުމަށްޓަކައި އެ ކުންފުނިން އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ކުންފުންޏާއި ގުޅުމެއް ނެތް ދިރާސާ ކާރުންނާއެވެ.

"ޕާޕެޗުއަލް ގާޑިއަން" ކުންފުނީގެ ސީއީއޯ އެންޑްރޫ ބާނެސް ވިދާޅުވީ މިއީ ތިއަރީއެއް ކަމަށާއި، މި ތިޔަރީ ޓެސްޓް ކުރަން ބޭނުންވީ މުވައްޒަފުންނަށް މިހާރަށްވުރެ ރަނގަޅު މަސައްކަތުގެ މާހައުލެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ އަހަރެންގެ ޓީމުން މިކަމަށް އިޖާބަދިނީމަ، އަދި އަހަރެން އުންމީދު ކުރިވަރަށް ވުރެ ނުވަތަ ދެކެމުންއައި ހުވަފެނަށް ވުރެ މާ ރަނގަޅަށްވެސް އެ މުވައްޒަފުން މަސައްކަތް ކޮށްފި" އެންޑްރޫ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެ ކުންފުނިން ކުރި ސާވޭއެއްގައި، ވަޒީފާ އަދާކުރަމުން އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރެވޭ ކަމަށް ބުނެފައިވަނީ 54 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް "ޕާޕެޗުއަލް ގާޑިއަން" ގެ މި ތަޖްރިބާ އަށް ފަހު އެ އަދަދު މިހާރު ވަނީ 78 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ.

ހަފްތާގެ ހަތަރު ދުވަހު މަސައްކަތް ކުރާ އުސޫލުގެ އަޖުމަ ބެލުމުގެ ދެ މަސްދުވަހަށް ފަހު މުވައްޒަފުންގެ ސްޓްރެސް ލެވެލްވެސް ވަނީ ގާތްގަނޑަކަށް 7 އިންސައްތައަށް ދަށްވެފައެވެ. އަދި ހުރިހާ މުވައްޒަފުންގެ ބަދަހިކަންވެސް އިތުރުވެ 20 އިންސައްތަ ކުރިއަށް ޖެހިލާފައިވާ ކަމަށް މި ދިރާސާއިން ދެއްކި އެވެ.

ނިއުޒިލޭންޑްގެ ކުންފުންޏަކުން މި ފަދަ ތަޖްރިބާއެއް ކޮށްފައިވާއިރު ކޮންމެ އަހަރުވެސް ވަޒީފާގެ ހާސްކަމާއި ގުޅިގެން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން 2015 ވަނަ އަހަރު އެމެރިކާގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި "ވާކް ސްޓްރެސް" އާއި ހެދި ކޮންމެ އަހަރަކުވެސް 120،000 މީހުން މަރުވެއެވެ.