ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ދައުވާކުރި ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ދައުލަތުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް މައްސަލަ ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައި ނުވާތީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަންވެސް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ހުޅުމާލެއިން ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރަކީ އާލިފްގެ ކާރެއް ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވުމަށްފަހު ޝަރީއަތުގައި އެކަމަށް ދެކޮޅު ހަދާފައިވާތީ އެ ކާރަކީ އާލިފްގެ ކާރެއްކަން ސާބިތުކޮށްދިނުމަށް ރަޖިސްޓްރީ ފަދަ ފަސޭހައިން ލިބޭ ލިޔުމެއް ހޯދާފައި ނުވާ ކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ރިލްވާން ގަދަ ކަމުން ކާރަށް އެރުވި މަންޒަރު ފެނުނު ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ނަމަވެސް ފުލުހުން އެ ތަނަށް ދިޔައީ މައްސަލަ ރިޕޯޓްކުރިތާ އެތައް އިރެއް ފަހުން ކަމަށްވެސް ހުކުމްގައިވެ އެވެ.

ހުކުމުގައި ބުނެފައިވަނީ ގަދަކަމުން އެ ރޭ ކާރަށް އެރުވީ ރިލްވާން ކަމަށްވުމުގެ ފުރުސަތު އޮތް ނަމަވެސް ހެކިބަސް ދިން އެއްވެސް މީހަކަށް އެ ސަރަހައްދުން އާލިފާއި ނޫރައްދީން އަދި ރިލްވާން ފެނުނު ކަންވެސް ސާފުކޮށް ބުނެދޭން އެނގިފައި ނުވާ ކަމަށެވެ.

ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ދެ މީހުން ސިއްރުން ހެކިބަސް ދެމުން ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ތަނުން ވަޅިއެއް ވެއްޓިފައި އޮއްވާ ފެނުނު ކަމަށް ބުނެފައިވާ ކަަމަށްވެސް ހުކުމްގައިވެ އެވެ. އަދި އެ ވަޅި ފުލުހުންގެ ފޮރެންސިކާ ހަވާލުކުރި ކަމަށް މިމައްސަލަ ތަހުގީގުކުރުމަށް ސީން އަށް ދިޔަ ފުލުހުންގެ މީހަކު ހެކި ބަސް ދީފައިވީ ނަމަވެސް ވަޅިން އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ. އެ ވަޅީގެ ފޮރެންސިކް ރިޕޯޓެއް ހެދިކަން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނެތް ކަމަށްވެސް ހުކުމްގައިވެ އެވެ. މައްސަލާގައި ސިއްރު ހެކިބަސް ދިން މީހުންނަށް މިމައްސަލައިގެ ތަހުގީގު މަރުހަލާގައި އާލިފާއި ނޫރައްދީންއާއި ރިލްވާންގެ ފޮޓޯ ދައްކާ އެމީހުން ދެނެގަތުމަށް ތަހުގީގުގެ އެންމެ އަސާސީ ކަންކަން ވެސް ފުލުހުންގެ ތަހުގީގުގައި ކޮށްފައި ނުވާ ކަމަށްވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.

'

މިހުކުމްގައި ވަނީ ދައުވާ ކޯޓަށް ހުށަހެޅިއިރު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް އިހްމާލުތަކެއް ވެފައި ހުރިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ތަހުގީގުގައި ހިފެހެއްޓި ކާރަކުން ރިލްވާންގެ މަންމަގެ އިސްތަށި ފެނުނުއިރު މިކަމާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ޕީޖީ އޮފީހުން ހުށަހަޅާފައި ނުވުމަކީ އިހްމާލެއް ކަމަށް ހުކުމްގައިވެ އެވެ. އަދި ޗެއިން އޮފް ކަސްޓަޑީ އަކީ ދައުވާ ލިބޭ ފަރާތުން އެކަމާ ގުޅޭގޮތުން ސުވާލު އުފެއްދުމުން ހުށަހަޅަންޖެހޭ އެއްޗެއް ނޫން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާގައިވާ ގޮތުން ހުށަހަޅަންޖެހޭ އެއްޗެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

މިމައްސަލަ ސާބިތުކުރުމަށް ދައުލަތުން 29 ހެއްކެއް ހުށަހަޅާފައިވާއިރު އާލިފާއި ނޫރައްދީން ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ދައުވާއަށް ތަކުރާރުކޮށް އިންކާރުކޮށްފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި އާލިފާއި، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިޔާގޭ މުހައްމަދު ސުވައިދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެެވެ. ނަމަވެސް ސުވައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާތީ ސުވައިދުގެ ޝަރީއަތް ކޯޓުގައި ކުރިއަކަށް ނުގެންދެ އެވެ.