ކުރިމަތީ އޮތީ އިންތިޚާބެވެ. ގައުމުގެ ވެރިއަކު ކަނޑައެޅުމުގެ މަސްޢޫލިއްޔަތެވެ. އެކަމަށް ތައްޔާރުވެ ވޯޓު ލުމުގެ ދުވަސްތަކެވެ. އެ ޒިންމާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންނަށް ލިބެނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ހިތްހަމަ ނުޖެހުމާއި މާޔޫސްކަމެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ފާއިތުވީ ކޮންމެ ވޯޓެއް އަހަރެންލީ މަޖުބޫރު ވެގެންނެވެ. އާއިލާގެ ނުފޫޒާއި މައިންބަފައިންގެ އޮބިއެޅުމުގެ ތެރެއިންނެވެ.

މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. ހަމަ ދެންމެ ވީކަމެއް ފަދައިންނެވެ. ވޯޓުލާން އޮތް ދުވަހަކު ގޭތެރޭގައި ދެކެވުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ވާހަކައެވެ. އެ ވާހަކަތަކުގެ ތެރެއަށް އަހަރެން ވެސް ވަނީ އަހަރެންނަށް ފެންނަ ޚިޔާލެއް ހުށަހެޅުމަށެވެ.

"އަހަރެން ވޯޓުލާނީ އަހަރެން ބޭނުންވާ މީހަކަށް. ކޮންމެ ކޮންމެ މީހަކަށް މިފަހަރު ވޯޓެއް ނުލެވޭނެ" އަހަރެން އެހެން ބުނީ މަންމައާ މުޚާތަބު ކޮށެވެ. ބައްޕަ ބުނާ އެއްޗެއް ބެލުމުގެ ނިޔަތުގައެވެ.

"ކާކަށްތަ ވޯޓުލާން ތިޔަ ވިސްނަނީ؟" އަހަރެންގެ ޖުމުލަ ނުނިމެނީސް ބައްޕަގެ ސުވާލު އަހަރެންނަށް އަމާޒުވިއެވެ.

"ދެން ފެންނަ އެންމެ ރަނގަޅު މީހަކަށް ވޯޓުދޭނީ. މިފަހަރު އެއީ ސިއްރެއް" އަހަރެން ބުނީ ހިނިތުންވެލުމާއެކުއެވެ.

"ނޫން. ނޫން. ކޮންމެ ކޮންމެ މީހަކަށް ވޯޓުލައިގެން ކަމަކު ނުދާނެ. ދަރިފުޅު ވޯޓުލާންޖެހެނީ ބައްޕަ ދައްކާ މީހަކަށް. އެނޫން މީހަކަށް ނުލެވޭނެ. ލައިގެން ވެސް ނުވާނެ" ބައްޕަ ކުރީ އަމުރެކެވެ. އެއީ ކޮންމެ ފަހަރަކު ކަންތައް ވާގޮތެވެ. ބައްޕަމެން ބޭނުން މީހަކަށް އަހަރެންގެ ވޯޓު ދޭންޖެހެއެވެ. އަހަރެން ބޭނުން މީހަކަށް ވޯޓުލެވޭކަށް ނޯވެއެވެ.

"އެކަމަކު ބައްޕާ. އަހަރެމެންނަށް ވެސް އެނގޭ ދޯ އެންމެ ރަނގަޅީ ކާކުކަން؟ އެންމެ ރަނގަޅަށް އެކަން ކުރެވޭނީ ކާކަށްކަން؟ އެ ބުނާ ވަޢުދުތައް ފުއްދޭނީ ކާކަށްކަން؟ ދެން ކީއްވެ؟ ކޮން ސަބަބަކާ ހުރެ؟" އަހަރެންގެ ސުވާލުތައް ހުއްޓުވީ ބައްޕައެވެ. "ފާޑުފާޑުގެ ވާހަކަ ނުދައްކާތި. ސިޔާސީ ކަންކަން ހިނގާ ގޮތް ޒިޝާއަކަށް ނޭނގޭނެ. ބުނާ މީހަކަށް ވޯޓުލާފައި އައިމާ އެ ނިމުނީ" ބައްޕަގެ ހިތްހަމަ ނުޖެހުން އިތުރު ވެދާނެތީ އަހަރެންގެ ވާހަކަ ހުއްޓާލީމެވެ. އިތުރު ޒުވާބަކަށް ހިނގައިދާނެތީ މަޑުން އިނީމެވެ.

"ހަނދާން ބަހައްޓާތި. އަހަރެން ބުނާ މީހަކަށް ނޫނީ ވޯޓުލައިގެންނުވާނެ. މި ގޭގައި އުޅެމުން ހިތަށް އެރިގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ" ބައްޕަގެ ފަހު ބަސް އިއްވުމަށް ފަހު ވަނީ ކޮޓަރިއަށެވެ. އެއީ އަބަދުވެސް ކަންތައް ވާގޮތެވެ. ބައްޕަ ބޭނުންވާ މީހަކަށް ނޫނީ ވޯޓެއް ނުލެވޭނެއެވެ. ހީވަނީ އެއީ ބައްޕައަށް އެކަނި އޮންނަ ހައްގެއް ހެނެވެ.

"ކީއްވެތަ ބައްޕަ އެހެން އެ ހަދަނީ؟ ބަލަ ވޯޓުލުމަކީ އަހަރެންގެ ވެސް ހައްގެއްނު. އަހަރެން ބޭނުމެއް ނޫން ކޮންމެ ކޮންމެ މީހަކަށް ވޯޓުދޭކަށް. ކުރީ ތިން ފަހަރުވެސް އަހަރެން ވޯޓު ދިނީ ހިތާ ދެކޮޅަށް. ބައްޕަ އެ ވިސްނަނީ ހަމައެކަނި އަމިއްލަ ފައިދާއަށް. މިފަހަރަކު ނުދާނަން. ވޯޓެއް ނުލާނަން" ކުޑަ ކުއްޖަކުފަދައިން އަހަރެންގެ ބޮޑާހާކާލީމެވެ.

"ނޫން ދަރިފުޅާ. ތިހެން ހަދާކަށް ނުވާނެ. ދަރިފުޅަށް ވެސް އެނގޭނެ ބައްޕައަކީ ވަކި ޕާޓީއަކަށް ތާއީދުކުރާ މީހެއްކަން. ބައްޕައަށް އެހެން ޕާޓީއެއް ކަމަކު ނުދާނެކަން. ބައްޕަ ރުޅި ގަދަ ވެއްޖެނަމަ ދެންވާނެ ގޮތް ދަރިފުޅަށް އެނގޭނެ. ތިކަހަލަ ކަންކަމަކީ މާ ފިކުރު ބޮޑުކުރަންޖެހޭ ކަންކަމެއް ނޫނޭ. މަންމަ ވެސް މި ހުންނަނީނު ބައްޕަ ބުނާ މީހަކަށް ވޯޓުދީގެން. މަންމައަށް ގަބޫލުކުރެވެނީ ބައްޕައާއި މަންމައަކީ އެކައްޗެއް ކަމަށް. އެހެންވީމާ ބައްޕަ ބުނާގޮތް ހަދައިގެން އުޅުނީމާ ހުންނާނީ ރަނގަޅަށް" މަންމަ ވިސްނައިދޭން އުޅުނީ މަންމަ ކަންތައް ކުރާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

"ތިއީ މަންމަ ކަންތައްކުރާ ގޮތް. އަހަރެން ބޭނުމެއް ނޫން ތިގޮތަށް ކަންތައް ކުރާކަށް. ތިބުނާ މީހަކަށް ވޯޓުލައިގެންވީ ކޮންކަމެއް؟ ލިބުނީ ކޮން މޮޅެއް؟ ވީ ކޮން ފައިދާއެއް؟" އަހަރެން ސުވާލުކުރީމެވެ.

"ތިކަހަލަ ވާހަކަދައްކަން ދަރިފުޅަކީ ކާކު؟ ދަރިފުޅުމެން އަދި ޅަވާނެ. ތި ވާހަކަތައް އަޑު އިވެއްޖެނަމަ ބައްޕަ ވަރަށް ހިތްހަމަ ނުޖެހޭނެ" މަންމަ އުޅުނީ އަހަރެންނަށް ބިރުދައްކާށެވެ.

"ކިތަންމެ ބިރެއް ދެއްކިޔަސް މިފަހަރަކު އަހަރެން ވޯޓެއް ނުލާނަން. މިއީ އެންމެ ފަހުގެ ނިންމުން" އަހަރެން ބުނީމެވެ.

(ނުނިމޭ)