ކައިރި މުސްތަގުބަލެއްގައި ފްރާންސްގެ ކްލަބަކަށް ބަދަލުނުވާނެ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވާ ޖިރޫ ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް މައުލޫމާތު ދެމުން ޖިރޫ ބުނީ އޭނާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ދެކެވެމުން އަންނަ ކަމަށާއި، އެހެންނަމަވެސް ކައިރި މުސްތަގުބަލެއްގައި ފްރާންސްގެ ކްލަބަކަށް ބަދަލުވުމުގެ ވިސްނުން ނުގެންގުޅޭކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 31 އަހަރުގެ ޖިރޫއަށް ފްރާންސްގެ މާސޭއިން ޝައުގުވެރިވެއެވެ. އަދި އެކްލަބުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޖިރޫ ބުނީ އޭނާއަކީ ޗެލްސީގެ ކުޅުންތެރިޔެއް ކަމަށާއި، މިވަގުތު އޭނާހުރީ ފިޒިކަލީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ދުވަހެއް ކަނޑަނާޅާކަން ފާހަގަކުރަމުން ޖިރޫ ބުނީ އޭނާ އަދިވެސް ޒުވާން ކަމަށެވެ.

އާސެނަލްއިން ވިދާލި ޖިރޫ އެޓީމުގައި ހަ ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެކްލަބަށް ކުޅުނު 253 މެޗުގައި 105 ލަނޑު ކާމިޔާބު ކޮށްފައެވެ. ޖިރޫ ވަނީ އާސެނަލްއާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ތިންފަހަރު ކާމިޔާބު ކޮށްފައެވެ.

އާސެނަލް ދޫކޮށް ޖިރޫ ޗެލްސީއަށް ބަދަލުވީ މިދިޔަ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީއަށް ކުޅުނު 18 މެޗުގައި ފަސްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެކްލަބާއެކު އެފްއޭކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސް ގައުމީ ޓީމާއެކު ނިމިދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރި ޖިރޫ ވަނީ ގައުމީ ޓީމަށް ކުޅުނު 81 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.