(5 އޯގަސްޓް 2018 އާ ގުޅޭ)

"ކިތަންމެ ބިރެއް ދެއްކިޔަސް މިފަހަރަކު އަހަރެން ވޯޓެއް ނުލާނަން. މިއީ އެންމެ ފަހުގެ ނިންމުން" އަހަރެން ބުނީމެވެ.

"ހުރޭ. މަށަށް ހެޔޮ ދުވަހަކު ކަލޭ ވޯޓު ނުލިޔަސް. އަދި ތިއުޅެނީ މީހަކާވެސް ނުއިދެ. އެހައި އަވަހަށް މާބޮޑުވެގެން ފާޑުފާޑުގެ ވާހަކަ ތިފެށީ. އަހަރެން ހިތަށް އަރައި ކޯންޗެއް އެނގިގެން ބާއޭ ތި އުޅެނީ؟ ބަފަޔާ ޖައްސަލަން ލަދެއް ނުގަނޭތަ؟ އަހަރެންގެ ކުރިމަތީ ޒުވާބުކުރަން ތީ ކާކު؟" މަންމަގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ނުތަނަވަސް ކަމެވެ. ހިތާމައާއި މޮޅިވެރިކަމެވެ. އެއީ ދުވަހަކުވެސް މަންމަ ބުނި ޒާތުގެ ޖުމުލަތަކެއް ނޫނެނެވެ. އެއީ ވަރަށް މަންމަ ނޫން ވާހަކަތަކެކެވެ. އެ ވާހަކަތަކުން ސުވާލުކުރެވުނީ އަމިއްލަ ނަފުސާއެވެ. އެހައި ގަދަ ރުޅިއެއް މަންމަ އެ އައީ ކީއްވެ ބާއެވެ؟ އެ ވާހަކަތަކުން މަންމައަށް އެހައި ބޮޑަށް އެ އަސަރުކުރީ ކޮން ކަމެއްގެ ސަބަބުން ބާއެވެ؟ އެހިސާބަށް ދާންޖެހުނީ ކޮންކަމެއް ފުރިހަމަ ނުވެގެންބާއެވެ؟ ވޯޓުލާންވީ ދުވަސް އައިސް ޖެހުނު އިރުވެސް އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކަކަށް ޖަވާބެއް ނުލިބުނެވެ. އެ ޖަވާބު ހޯދަން ކަންކުރާނެ ގޮތެއް ވެސް ނޭނގުނެވެ. ކުރެވުނީ އެންމެ ކަމެކެވެ. އެއީ ބައްޕަ ދެއްކި މީހާއަށް ވޯޓުލުމެވެ. އޭގެ ފަހުން ފަހަރު ވެސް އެކަން ތަކުރާރުވިއެވެ. ކޮންމެ ފަހަރަކު އަހަރެން ވަނީ ބައްޔެވެ.

"އައްދޭ ހާދަ ފުން ޚިޔާލެއްގައި. އަނެއްކާ ކިހިނެއްވީ؟" ގެއްލިފައި އިން ޚިޔާލުން އަހަރެންނަށް ނުކުމެވުނީ ފިރިމީހާ ކުރި ސުވާލުންނެވެ.

"މާބޮޑު ކަމެއް ނުވޭ. ހިނގާ ކާންދަމާ އަވަހަށް" އެނދުން ތެދުވަމުން އަހަރެން ބުނީމެވެ.

"އެބަޖެހޭ ވަރަށް ބޮޑުކަމެއް ކޮށްދެން. މިހެން ބުނާއިރު ވެސް އަހަރެންނަށް އެނގޭ އެކަން ޒީޝާ ކޮށްދޭނެކަން. އަހަރެން ބުނާކަމަކަށް ޒީޝާ ދެކޮޅު ނުހަދާނެކަން" ފިރިމީހާ ވާހަކަދެއްކީ ވަރަށް ޔަގީންކަމާއެކުއެވެ.

"ރަވާން ވިއްޔާ. އެހެންވީމާ ޖެހޭނީ ކުރާކަންނު" ފިރިމީހާގެ ގަމީހުގެ ގޮށްތައް ނައްޓައިދެމުން އަހަރެން ބުނީމެވެ.

"މިއަދު މިއައީ ޕާޓީއަށް ސޮއިކޮށްފައި. ވޯޓު ހޯދަން އެބަ މަސައްކަތް ކުރަންޖެހޭ" ފިރިމީހާގެ ދެ ޖުމުލައިން އަހަރެން ލިބުނީ ހައިރާންކަމެވެ. އެ ބޮޑު ނިންމުން ނިންމާލިއިރު އަހައިވެސް ނުލިޔޭ ހިތަށް އެރިއެވެ.

"ކީއްވެ އަހަރެންގާތުގައި ކުރިން ނުބުނީ؟" ބޭ އިޚުތިޔާރުގައި އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ.

"މިއީ ހަމަ ކުއްލި ނިންމުމެއް. ދެން މިކަން އެ ނިމުނީ. ކުރިއަށް އޮތީ ވޯޓު ހޯދުން. އެންމެ ފުރަތަމަ ވެސް އޮންނާނީ އަންހެނުންގެ ވޯޓު ކަށަވަރު ކުރުންތާ ދޯ؟" އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ރަވާން އަހަރެންނަށް ދޯ އަޅައިލިއެވެ. އަހަރެންނަށް އިސްދަށަށް ޖަހާލެވުނެވެ. ހައްގުގެ ވާހަކަ ދައްކަން ހިތަށް އެރިއެވެ. އެކަމަކު އަހަރެންގެ ދޫ މަސައްކަތެއް ނުކުރިއެވެ. އެ ބާރެއް ދުލަކަށް ނުލިބުނެވެ.

ލިބުނު މާޔޫސްކަމާއެކު އަހަރެން ހިނގައިގަތީ ކާގެއަށެވެ. ކާގެއަށް ނުވަދެވެނީސް ރަވާން އައިސް ދިއްކޮށްލީ އަހަރެންގެ ފޯނެވެ.

"ބައްޕަ އެ ގުޅަނީ؟ މަށަށް ވެސް މިއަދު ގުޅާފައި އޮތް. ހީވަނީ ރަށަށް އަންނަން ބުނަންހެން އެ އުޅެނީ" ރަވާން ކޮށްލީ ސަމާސާއެވެ.

"ހަލޯ... ދަރިފުޅުތަ؟ މިހާރު އެތައް ފަހަރަކު ގުޅިއްޖެ. މާލެއަށް ބަދަލުވި ފަހުން ޚަބަރެއްވެސް ނުވޭ." ވާހަކަދެއްކީ ބައްޕައެވެ.

"އަނެއްކާ ކިހިނެއްވީ ބައްޕާ؟ ފޯނު އޮތީ ޗާޖަށް ޖަހާފައި. އެހެންވީމާ ނުނެގުނީ" ފޯނު ނުނެގުނު ސަބަބު އަހަރެން ބުނީމެވެ.

"މާބޮޑު ކަމެއް ނުވޭ. މިހާރު ވޯޓުލާން ރަޖިސްޓްރީ ވެއްޖައިންތަ؟" ބައްޕަ ކުރި ސުވާލުން އަހަރެންނަށް ހީވީ ބޮލުގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. ވީފޫއްސާއެކު އަހަރެން ޖަވާބުދިނީމެވެ.

"އާނ. ހުރިހާ ކަމެއްވެސް ކޮށްފިން. މިހާރު މި އުޅެނީ ކާންހަދަން. ފަހުން ގުޅާނަން" އެހެން ބުނުމަށް ފަހު އަހަރެން ފޯނުކަނޑާލީމެވެ. ހިތަށް އެރިއެވެ. ދެރައެއް ނޫންތާއެވެ. މީހަކާ އިނަސް އެ މުސީބާތް ލައިގަނެއެވެ. މިހާރު ހަމައެކަނި ބައްޕައެއް ނޫނެވެ. ފިރިމީހާ ވެސް އެހުރީ ފައިވިއްދާފައެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އަހަރެންގެ ހައްގު ކޮބައި ހެއްޔެވެ؟ އަހަރެންގެ ހައްގަކީ އެހެންމީހުން ބުނާގޮތަށް ވޯޓު ދިނުން ހެއްޔެވެ؟

(ނިމުނީ)