އިންޑޮނޭޝިޔާއަށް ރޭގައި ބާރުގަދަ ބިންހެލުން އައިވަގުތު ބާލީގެ ކުޑަ މިސްކިތެއްގައި ޖަމާއަތުގައި ކުރަމުންދިޔަ އިޝާނަމާދު، މިސްކިތުގެ އިމާމް ހުއްޓާނުލައި ކުރިއަށްގެންދިޔަ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އިންޓަރނެޓްގައި އެ އިމާމަށް އެތައްބައެއްގެ ތައުރީފް އޮހެމުން އެބަދެއެވެ.

ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި ރޭ ބިންހެލުން އައިސްފައިވަނީ ބާލީއާ ޖެހިގެން އޮންނަ ލޮމްބޮކް އައިލެންޑަށް ނަމަވެސް، މިބިންހެލުމާއި ގުޅިގެން ބާލީއަށްވެސް ބޮޑެތި ލޮޅުންތައް އެރިއެވެ.

އެގޮތުން، ބާލީގެ އަވަށެއް ކަމަށްވާ ޑެންޕަސަރްގެ ކުޑަ މިސްކިތްވެސް ވަރަށް ބޮޑަށް ގުޑަމުންދިޔައިރު، މިސްކިތުގެ އިމާމް ނަމާދު މެދުކަނޑާނުލައި ގުރުއާން ކިޔެވުން ކުރިއަށް ގެންދިޔައީ އޭނާ ވެއްޓިދާނެތީ ފާރުގައި އަތްޖައްސައި ހުރެގެންނެވެ. މިސްކިތް ތެޅެމުންދިޔަ ވަގުތު އިމާމްމީހާ ޤުރުއާން ކިޔަވަމުންދިޔައީ ގިސްލަމުންނެވެ. ވީޑިއޯއިން އެނގޭގޮތުގައި، ބިންހެލުމާ ގުޅިގެން މިސްކިތް ވަރަށް ބޮޑަށް ތެޅެމުންދިޔައެވެ.

ނަމާދުގައި ތިބި ބައެއް މީހުން ގުޑުންތައް އަރާން ފެށުމުން ޖަމާއަތް ދޫކޮށްދިޔަ މަންޒަރު ވީޑިއޯއިން ފެނުނު ނަމަވެސް ބައެއްމީހުން ޖަމާއަތް ދޫކޮށެއް ނުލައެވެ. މި ވީޑިއޯކޮޅަކީ މޮބައިލް ފޯނަކުން ނަގާފައިވާ ވީޑިއޯ ކޮޅެއްކަމަށް ވެއެވެ.

މިވީޑިއޯ ފޭސްބުކްގައި ޝާއިރުކުރީ މިސްކިތް ހިންގާ ފަރާތުން ކަމަށް ވެއެވެ. އެއާއެކު، މިވީޑިއޯކޮޅުވަނީ އިންޓަރނެޓްގައި ވަރަށް ބާރަށް ފެތުރިގެންގޮސްފައެވެ.

އެތައްހާސްބަޔަކު މިވީޑިއޯކޮޅު ބަލާފައިވާއިރު، ފޭސްބުކާއި، ޔޫޓިއުބް، އިންސްޓަގްރާމް އަދި ޓްވިޓަރގައިވެސް މިވީޑިއޯކޮޅު އެތައްބަޔަކު ޝެއަރކޮށްފައި ވެއެވެ.