ހުނަރުވެރި ފަންނާނުން ހޯދުމަށް ސޯޝަލް މީޑިއާ ވަރެއް ނެތެވެ. މިފަހަރު ވެސް މިއޮތީ ތަފާތު ހުނަރުވެރިއެއް މަޝްހޫރު ކުރުމަށްޓަކައި ސޯޝަލް މީޑިއާ އަދާކުރާ ދައުރެވެ.

ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ވީޑިއޯގައި ފެންނަނީ ޕާކިސްތާނުގެ ދަވާދުލާ މީހަކު މަޝްހޫރު ލަވަތަކެއް ކިޔާ މަންޒަރެވެ. އޭނާގެ ލަވަކިޔުން ވަނީ ގިނަ ބައެއްގެ ހިތް އަތުލާފަ އެވެ.

މުހައްމަދު އާރިފް ކިޔާ މިމީހާ މަޝްހޫރުވެފައިވަނީ ފޭސްބުކް ލައިވްއެއްގައި މަޝްހޫރު ލަވަތައް ކަމަށްވާ 'ހަމާރީ އަދޫރީ ކަހާނީ' އާއި 'ޗަންނަ މޭރޭޔާ' އާއި 'ފިރް ލޭ އާޔާ ދިލް' ފަދަ ލަވަތައް ހުށަހަޅައިދީގެންނެވެ. މިވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އެލަވަތައް ފަހަރަކު ލަވައަކަށް ފަހު ލަވައެއް ކިޔާފައިވަނީ ގެއެއްގެ ފާރުގައި ކުލަލުމުގެ މަަސައްކަތްކުރަމުންނެވެ.

އޮގަސްޓު އެކެއްގައި ފޭސްބުކްގައި ޝެއާ ކުރެވުނު މި ވީޑިއޯއަށް މިހާތަނަށް އައި އިރު 3.7 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު 96،000 އަށް ވުރެ ގިނަ ރިއެކްޝަނާއި 66،000 އަށް ވުރެ ގިނަ ޝެއާ ލިބިފައިވެ އެވެ.

އޮރިޖިނަލް ވީޑިއޯއިން ފޭސްބުކާއި ޓްވިޓާގައި ޝެއާކޮށްފައިވާ އެހެން ވީޑިއޯތަކަށް ވެސް ގިނަ އަދަދެއްގެ ވިޔުސް ވަނީ ލިބިފަ އެވެ.

މުހައްމަދު އާރިފްގެ އަމިއްލަ ފޭސްބުކް ޕޭޖެއް ވެސް މިހާރު ހަދާފައިވާއިރު އޭނާގެ އާ ވީޑިއޯއަށް ވެސް އަންނަނީ ގިނަ ބައެއްގެ ތައުރީފު އޮހެމުންނެވެ. ގިނަ ބަޔަކު އަންނަނީ އޭނާ ރެކޯޑު ލޭބަލަކަށް ސޮއިކޮށް އޭނާގެ އަމިއްލަ ލަވަތަކެއް ނެރުމަށް ގޮވާލަމުންނެވެ.