މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެ ޓީމުގައި މަޑުކުރަން ބޮޑު މުސާރައެއް ހޯދަން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޕޮގްބާ ޔުނައިޓެޑުގައި ހުރީ ހަފްތާއަކު 290،000 ޕައުންޑުގެ މުސާރަ އަކަށެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޮގްބާ އެދިފައިވަނީ އޭނާގެ އެއްބަސްވުން އަލުން ބަދަލުކޮށް ހަފްތާއަކު އޭނާ އަށް 400،000 ޕައުންޑް ލިބޭ މުސާރަ އަކަށެވެ.

ޔުނައިޓެޑުގައި މަޑުކުރުމަށް ބޮޑު މުސާރައެއް ހޯދަން ޕޮގްބާ އެދުނު ކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓުކުރި ނަމަވެސް، ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށް ބޭނުންވާކަން ޔުނައިޓެޑަށް ޕޮގްބާ އަންގާފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޔުނައިޓެޑާއެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ޕޮގްބާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމަށް ދަނީ އަޑުތައް ފެތުރެމުންނެވެ. އެގޮތުން އޭނާ ހޯދުމަށް ބާސާގެ އިތުރުން އެހެން ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ޕޮގްބާ ހޯދުމަށް ބާސާއިން ހުށަހެޅި ހުށަހެޅުމަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފައެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އަލުން އެނބުރި ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު 89.3 މިލިއަން ޕައުންޑުގެ އަގަކަށެވެ. 2016 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ އޭނާ ވަނީ ޔުނައިޓެޑަށް 88 މެޗު ކުޅެދީ 15 ގޯލް ޖަހާފައެވެ.