އެއީ ވަރަށް ކުރިއްސުރެ ވެސް ހިތުގައި އޮންނަ ޢަޒުމެކެވެ. ކަނޑާ ބިންވަޅު ނެގިފައިވާ އުންމީދެކެވެ. އެ ސުކޫލަށް ވަން އިރުވެސް ވިސްނުމާ ގުޅިފައިވާ ލަނޑުދަނޑިއެކެވެ. ކަންތައްތައް ދިމާވީ ގޮތުން އެ ފުރުޞަތު އަހަރެންނަށް ފަހިވިއެވެ. އެ ކަމައިގެން ކުރިއަށް ދިއުމުގެ ދޮރު ހުޅުވިގެން ދިޔައެވެ. ނަމަވެސް އަހަރެންނަށް މަޖުބޫރުވީއެވެ. އެހެން ގޮތެއް ހޯދަން ޖެހުނީއެވެ. އަމިއްލަ ޒަމީރު ބޭނުންވި ކަންތައް ގުރުބާން ކުރަން ޖެހުނީއެވެ.

"އަހަރެންނަށް ކަމެއް ކޮށްދެންޏާ ރިޔާޒުގެ ނަން ނަގާ. މިކަމުން ދުރަށް ޖެހޭ. އެހެން ނޫންނަމަ މި ގުޅުން ނިމުމަކަށް އަންނާނެ" ދީމާ ބުނި ޖުމުލަތަކުން އަހަރެންނަށް ވިސްނަން މަޖުބޫރުވިއެވެ.

"ކިހިނެއްވީ؟" އަހަރެން ސުވާލުކުރީމެވެ.

"ރިޔާޒަށް ވެސް އެނގޭނެ ކެޕްޓަނަކަށް ވުމީ އަހަރެންގެ ޢަޒުމެއްކަން. އެއީ އަހަރެން ކުރަން ބޭނުންވާ ކަމެއްކަން. ދެން ކީއްކުރަން އަހަރެންނަށް ހުރަސް އަޅަންވީ؟" ދީމާ ސުވާލުކުރިއެވެ.

"އަހަރެން ދީމާއަށް އެބަ ހުރަސް އަޅަންތަ؟ ބަލަ ދީމާއެއް ނޫންތަ އަހަރެން ކުރިމަތި ލިޔަސް އޯކޭ ކަމަށް ބުނީ؟ މިހާރު ކިހިނެއްވީ؟" އަހަރެންވެސް ކުރީ ސުވާލުތަކެކެވެ.

"އަހަރެން ހީކުރީ ރިޔާޒު ކުރިމަތިލާ ވާހަކަ ބުނީ މަޖަލަކަށް ކަމަށް. މިހާރު އެނގިއްޖެ ސީރިއަސްކޮށްކަން. އެކަމަކު ހަނދާން ކުރާތި ތި ފުނޑުފުނޑުކޮށްލެވެނީ އަހަރެންގެ އުންމީދެއްކަން" ދީމާގެ ވާހަކައިން ހާމަވީ ހިތްހަމަ ނުޖެހުމެވެ.

"ދެން ކިހިނެއް ހަދަންވީ؟" އަހަރެން ސުވާލު ކުރީމެވެ.

"ހަދަންވީ ގޮތް މި ބުނީނު. ރިޔާޒު މިކަމުން ދުރަށް ޖެހެންވީ. މިފުރުޞަތު އަހަރެންނަށް ދޭންވީ" ދީމާގެ ވާހަކައިން އަހަރެންނަށް ފާހަގަކުރެވުނީ އޭނާ އަހަރެންނާމެދު ނުވިސްނާކަމެވެ.

"ބަލަ ކުރިން ތިކަން ދީމާ ބުނިނަމަ އެހެން ޕޯސްޓަކަށް އަހަރެންނަށް ކުރިމަތި ލެވުނީސް ދޯ؟ މިހާރު ވަކިވެއްޖެނަމަ އޮފީހުން ސުވާލު ވެސް ކުރާނެ. އަދި އެކުވެރީންވެސް ދެރަވާނެ. އެހެންވީމަ..." އަހަރެންގެ ވާހަކަ ދީމާ ހުއްޓުވިއެވެ. "އެހެންވީމާ .... ހަމަ ވަކިވާންވީ. އަހަރެންނަށް ކަމެެއް ކޮށްދެންޏާ ހަމަ ވަކިވާންވީ" ގޮތް ނިންމީ ދީމާއެވެ. އެނޫން ގޮތެއް އޮތްތޯ އަހައިނެ ފުރުޞަތު ވެސް ނުދިނެވެ.

އަހަރެން ވިސްނީމެވެ. ދީމާ ބުނާގޮތް ހަދަންވީ ހެއްޔެވެ؟ އެ ރޭހުން އަހަރެން ވަކިވަންވީ ހެއްޔެވެ؟ ދީމާއަށް ދޫކޮށްލަން ވީހެއްޔެވެ؟ އަހަރެން ބޭނުންވީ ދީމާއެވެ. އޭނާގެ ރުހުމެވެ. އޭނާގެ ލޯތްބެވެ. އެއީ އަހަރެންގެ ހިތުގައި ޚާއްޞަ މަގާމެއް ދެވިފައިވާ ފަރާތެވެ. ލޯތްބޭ މިކިޔާ އިހުސާސާ ގުޅިފައިވާ ބައިވެރިޔާއެވެ. ދީމާއަށް މޮޅު ގޮތާ ޝަރަފު ލިބުމަކީ އަހަރެންނަށް ވެސް ލިބޭނެ ޝަރަފެކެވެ. އެކަން އަހަރެން ގަބޫލުކުރީމެވެ.

އަހަރެންނަށް ވިސްނުނީ ނަން ނެގުމަށްވުރެ ކެންޕޭނުކުރުން ހުއްޓާލުން މާ ރަނގަޅު ކަމަށެވެ. ބަލިވެ އުޅޭކަމަށް ބުނެ ސުކޫލަށް ނުގޮސް ސަލާންބުނުން މާ މޮޅުކަމަށެވެ. މި ޚިޔާލު ދީމާއާ އަހަރެން ހިއްސާކުރީމެވެ. އެގޮތް ރަނގަޅު ތޯ އެހީމެވެ.

"ތިއީ ވެސް ގޮތެއް. އޭރުން އަހަރެން ހޮވޭނެހެން ހީވަނީ. ދެން ހުރި ކުއްޖާއަށް މާ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ. ގައިމުވެސް ރިޔާޒު ނެގުމަށްފަހު ދެން އެންމެ ގިނަ ވޯޓު ލިބޭނީ އަހަރެންނަށް. ރިޔާޒު ކެންޕޭނު ނުކުރާނަމަ އަހަރެންނަށް ލިބޭ ވޯޓު ގިނަވާނެ. އެކަމަކު ރިޔާޒުގެ މަންމަމެން ގާތު ބުނާނީ ކީކޭ؟" ދީމާ ސުވާލުކުރީ ދެންވެދާނެ ގޮތަކާމެދުއެވެ.

"މަންމަގާތުގައި ބުނާނީ ބަލިވެ އުޅޭ ވާހަކަ. ހަގީގަތުގައި ވެސް އަހަރެން މި އުޅެނީ ކުޑަކޮށް ބަލިވެ. މާދަމާއިން ފެށިގެން އަހަރެން ސްކޫލަކަށް ނުދާނަން. ބަލިވެ އުޅޭކަމަށް ބުނާނީ" ކަންތައް ކުރާނެ ގޮތް އަހަރެން ރާވާލީމެވެ. ދީމާގެ ރުހުމުގެ ބަހަކަށް އަހަރެން އިންތިޒާރު ކުރީމެވެ.

"އަހަރެން ގަބޫލުކޮށްފިން. އަހަރެން ދެކެ އެންމެ ލޯބިވާ މީހަކީ ރިޔާޒް. އަހަރެން ވެސް ވަރަށް ލޯބިވޭ" ދީމާގެ ދުލުން ބޭރުވި ޖުމުލައިން އަހަރެންގެ ހިތުގައި އޮތް ނުތަނަވަސްކަން މުޅިން ފިލަިއގެން ދިޔައެވެ. ދެހިތުގެ ވިންދު އެކުގައި ޖަހަން ފެށިއެވެ.

އަހަރެންނަށް ހަމަ އޮވެވެނީއެވެ. ދީމާގެ ޚިޔާލުގައެވެ. އެ ސޫރައިގެ ހަނދާނުގައެވެ. ދީމާ ދައްކާފައިވާ ވަހަކަތަކުން ހިތްހަމަ ޖެހުން ހޯދާށެވެ.

ހެނދުނު ހެނދުނާ މަންމަ އައިސް އަހަރެންނަށް ގޮވިއެވެ. ދެފަހަރަކު މަންމަ ގޮވި ނަމަވެސް އަހަރެން އޮތީއެވެ. ނުތެދުވާށެވެ. ބަލިކަމަށް ހެދިގެންނެވެ. ސްކޫލަށް ދެވޭވަރު ނުވާކަން ދެއްކުމަށެވެ.

(ނުނިމޭ)