ސައުދީ ސަރުކާރުން ރާއްޖެއަށް އިތުރުކޮށްދިން 1000 ހައްޖުކޯޓާގައި މީހުން ހައްޖަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަހަރު ހައްޖު ދަތުރުގައި ބައިވެރިވި ފަރާތްތަކާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވައި ވާހަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ސައުދީން ރާއްޖެއަށް އިތުރު 1000 ކޯޓާ ދިނުމުން އެކަމާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ދަނީ ކުރިޔަށް ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ މިއަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުގެ އިތުރުން، ހައްޖަށް މީހުން ގެނދިޔުމުގެ މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ 4 ކުންފުންޏަކުން ކަމަށާއި މި ކުންފުނިތަކާ މަަޝްވަރާކޮށް މިހާރުވާނީ އޭގެތެރެއިން 2 ކުންފުންޏަކާ އަލަށް ލިބުނު 1000 ކޯޓާގެ ޖާގައިން ޖުމްލަ 100 ޖާގަ ހަވާލުކޮށްފައި ކަމަށާއި ބާކީ 900 ޖާގަ ދިނީ ހައްޖު ކޯޕަރޭޝަނަށް ކަމަށެވެ.

އަމިއްލަ ފަރާތްތަކާ ހަވާލުކުރި ޖާގައަކީ ބަހާލި އެއްޗެއް ނޫން ކަމަށާއި އެއީ އެފަރާތްތަކުން ކުރު މުއްދަތެއްގައި ފުރުސަތު ހޯދައިދެވޭނެ ކަމަށް ބަލައި ނެގި 100 ޖާގަ ކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކުރި 900 މީހުންގެ ޖާގައިގައި މީހުން ގެންދިޔުމުގެ މަސައްކަތް ރެއިންފެށިގެން ކުރިޔަށްދާ ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން އިތުރު 1000 ކޯޓާ ދިނުމާއިގުޅިގެން ހައްޖު ކޯޕަރޭޝަނުން ވަނީ ކުރިޔަށް އޮތް ދެއަހަރު ތެރޭގައި ހައްޖަށް ދިޔުމަށް ނަންނޯޓު ކޮށްފައިވާ ފަރާތްކުގެ ތެރެއިން މިއަހަރު ހައްޖަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ.