(9 އޯގަސްޓް 2018 އާ ގުޅޭ)

ހެނދުނު ހެނދުނާ މަންމަ އައިސް އަހަރެންނަށް ގޮވި އެވެ. ދެފަހަރަކު މަންމަ ގޮވި ނަމަވެސް އަހަރެން އޮތީއެވެ. ނުތެދުވާށެވެ. ބަލިކަމަށް ހެދިގެންނެވެ. ސްކޫލަށް ދެވޭވަރު ނުވާކަން ދެއްކުމަށެވެ.

"މިއަދު މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ" އަހަރެން ބުނީމެވެ.

"ޕެނަޑިން ގުޅައެއް ކާލަނިކޮށް ރަނގަޅު ވެދާނެ. ދަރިފުޅު ކެމްޕޭނު ވެސް ކުރަންވާނެއްނު" އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ.

"ކެންޕޭނު ކުރާ ހިތެއް ނެތް. އެހެން ނޫނަސް ކެޕްޓަންކަމަކީ އެހައި މުހިންމު ކަމެއް ނޫން" އަހަރެން ބުނީމެވެ.

"ކީއްވެ ތިހެން ތިބުނީ؟ ގައިމު ދަރިފުުޅު ކުރިމަތިލީ ތިކަން ބޭނުން ވެގެންނެއްނު؟" މަންމަ ސުވާލު އުފެއްދިއެވެ.

"މިހާރު ބޭނުމެއް ނޫން. އެކަންކުރަމުން ކިޔެވުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންވެ އެހައި ބޮޑަށް އެކަމާ އުޅޭ ހިތެއް ނެތް" އަހަރެންގެ ވާހަކަ މަންމަ ގަބޫލުކުރިއެވެ. މަންމައަށް ޝައްކު ނުވާނެ ފަދަ ގޮތަކަށް ޚިޔާލު ބަދަލުކޮށްލެވުނެވެ. އެ ހިތްހަމަ ޖެހުން އަހަރެންނަށް ލިބުނެވެ.

އަހަރެން ސުކޫލަށް ނުދާތީ އެކަމާ ކަންބޮޑުވެގެން ދަރިވަރުން އުޅުނެވެ. ސުކޫލު ޓީޗަރުންވެސް އަހަރެންގެ ވާހަކަދެއްކިއެވެ. ޚުދު ޕްރިންސިޕަލް ވެސް އަހަރެންގެ ޚަބަރު ބެލިކަމަށް ވެއެވެ.

އަހަރެންގެ ކެންޕޭން ހުއްޓުމަކަށް އައުމުން އެކަމާ ހިތްހަމަ ނުޖެހުނު ކުދިންވެސް އުޅުނެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން އަހަރެންގެ ގެއަށް ވެސް އައެވެ. އަހަރެންނާ ބައްދަލުކުރަން ވެސް ކުރިއެވެ. އަހަރެންދެއްކީ ބަލިވެ އުޅޭ ވާހަކައެވެ. ނުތެދުވެވޭ ވާހަކައެވެ. ކެޕްޓަންކަން ކުރަން އުޒުރުވެރިވާ ވާހަކައެވެ.

ކެމްޕޭނު ނިމި އިންތިޚާބު ވެސް ނިމުނެވެ. އަހަރެން އެންމެ އުފާވީ ކެޕްޓަނަކަށް ދީމާ ހޮވުމުންނެވެ. އެ ޝަރަފް އޭނާއަށް ލިބުމުންނެވެ. އެއީ އަހަރެން ބޭނުންވި ކަމެއް ނަމަވެސް އެކަން ދީމާއަށް ވުމަކީ އަހަރެންނަށް ވެސް ލިބޭ އުފަލެކެވެ. އެ އުފަލުގައި އަހަރެން ބައިވެރިވީމެވެ. ސްކޫލަށް ނުކުތީމެވެ. ކިޔެވުމައިގެން ކުރިއަށް ދިޔައީމެވެ.

މަހެއް ނުވަނީސް އަހަރެންނަށް ފާހަގަކުރެވެން ފެށީ ދީމާ އަހަރެންނާ ދުރުވާކަމެވެ. ވާހަކަދެއްކުން މަދުވާކަމެވެ. އަހަރެންނާއެކު ސްކޫލުން ގެއަށް އައުމަށް ވަގުތު ނުވާކަމެވެ.

ދެން އިވެން ފެށި ވާހަކަތަކުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ސްކޫލު ތެރޭ ފެތުރެން ފެށި އަޑުތަކުންނާއި އެކުވެރީންގެ ވާހަކަތަކުން އަހަރެންނަށް އުނދަގޫވިއެވެ.

ސްކޫލުގެ ވައިސް ކެޕްޓަނާ ޚާއްޞަ ގުޅުމެއް ދީމާ އޮންނަކަން އަހަރެންނަށްވެސް ހީވާން ފެށިއެވެ. އެގޮތަށް ހީވެގެން އެތައް ފަހަރަކު އެވާހަކަ ދެއްކުނެވެ. ލިބުުނު ފުރުޞަތުގެ ބޭނުންކޮށް އަނެއްކާވެސް އެ ވާހަކަ އަހަރެން ދެއްކީމެވެ.

"ހާދަ ފާޑުފާޑުގެ އަޑުތައް އެބަ އިވެޔޭ. އެއީ؟" ގެއަށް ދިޔަ މަގުމަތީ އަހަރެން ސުވާލުކުރީ ދީމާ ދޭ ޖަވާބެއް ބަލާށެވެ.

"ދެން އެކުގައި އުޅެންޏާ އަޑުވެސް އިވޭނެ. ފާޑު ފާޑުގެ ވާހަކަ ވެސް ދައްކާނެ. ކޮބާ މައްސަލައަކީ؟ އަބަދު ތި ވާހަކަ ތި ދައްކަނީ ކީއްވެ؟" ދީމާ އައީ ރުޅިއެވެ.

"ތިހައި އަވަހަށް ރުޅި ތި އަންނަނީ ކީއްވެ؟" އަހަރެން ސުވާލުކުރީމެވެ.

"ރުޅި އަންނާނެ. އަބަދު ތި ވާހަކަ އަހައިކަށް ނުޖެހޭ. އަހަރެން އޭނާއާ ގުޅުން އޮތަސް ރިޔާޒަށް ކީއް؟ އޭނާއަކީ ވެސް ޚާއްޞަ މީހެއް" ދީމާ ދިން ޖަވާބުން އަހަރެންގެ ހިތް ތެޅެންފެށިއެވެ. މުޅި މީހާ ހާސްވާގޮތްވިއެވެ. ދައްކާނެ ވާހަކަ ހުސްވިއެވެ. އަހަރެންނަށް ކުރިއަށް ދެވުނީ ވަރަށް ހާލުންނެވެ.

"ތިބުނީ ކީކޭ؟" އަހަރެން ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.

"މިބުނީ އެއީ ވެސް ޚާއްޞަ މީހެކޭ. ދެން ތި ސުވާލުތައް ނުކުރާށޭ. ރިޔާޒާ މި އޮތް ގުޅުން ބާއްވާކަން އަހަރެން ބޭނުމެއް ނޫނޭ" ދީމާ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެން ފެންކަޅިވިއެވެ. އަހަރެންގެ ހިނގުން މަޑުވިއެވެ. ދީމާ ގޮސް ވަނީ އެނާ އުޅޭ ގެއަށެެވެ. އަހަރެންނަށް ހުރެވުނީއެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ދާނެ ދިމާއެއް ނޭނގިފައެވެ. އެއްވެސް ދިމާއަކަށް ދާން ބޭނުން ނުވެފައެވެ.

ގެއަށް އައިސް އަހަރެން ރުއީމެވެ. ގިސްލީމެވެ. މާޒީގެ ހަނދާންތަކާއެކު ވަގުތުތައް ހޭދަކުރީމެވެ. އަހަރެންގެ އުންމީދުތައް ފުނޑުފުނޑުވީއެވެ. ކިޔެވުމުގައި ކަނޑައެޅި ޢަޒުމު އަންހެން ކުއްޖަކަށްޓަކައި ދޫކޮށްލެވުނީއެވެ. ކެޕްޓަނަކަށް ވާން އޮތް ފުރުޞަތު ވެސް ބީވީއެވެ. ހިތަށް އެރިއެވެ. އިއްޔެ ކެންޕޭނު ކުރެވުނު ނަމައެވެ. މިއަދު މި ހިތާމަތަކެއް ނުޖެހުނީހެއެވެ. އިއްޔެ އެފުރުޞަތުގެ ބޭނުން ކުރެވުނުނަމައެވެ. މިއަދު މި ބަދަލެއް ނައީހެވެ. އިއްޔެ ވިސްނައި ލެވުނު ނަމައެވެ. މިއަދު ލޯތްބެއް ދަށުވެ މި ހިތާމަތަކެއް ތަހައްމަލު ކުރާކަށް ނުޖެހުނީހެވެ. ގަބޫލުކުރަމެވެ. ގޯސް ހެދުނީ އަހަރެންނަށެވެ. ހެދުނު ގޯހަކީ ކެންޕޭނު ނުކުރުމެވެ. އެ ފުރުޞަތުގެ ބޭނުން ނުކުރުމެވެ.

(ނިމުނީ)