ޔަމަނުގެ އުތުރުގައި، ހޫޘީންގެ ބާރުގެ ދަށުގައިއޮތްނަ ސަރަހައްދަކުން ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ އަރަބިއްޔާއާއި، ގުޅިފައިވާ އަރަބި ކޯލިޝަނުން ދިން ވައިގެ ހަމަލާގައި 29 ކުޑަކުދިން މަރުވެފައިވާ ކަމަށް ރެޑް ކްރޮސްއިން ހާމަކޮށްފިއެވެ.

"ޔަމަނުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ޓީމުގެ އެހީތެރިކަން ލިބިގެން ޔަމަނުގައި ހިންގާ ހޮސްޕިޓަލަށް މަރުވެފައިވާ 29 ކުއްޖެއްގެ ހަށިގަނޑުވަނީ ގެނެވިފައި. އެއީ މުޅިންވެސް އުމުރުން 15 އަހަރުން ދަށުގެ ކުދިން. އިތުރު 30 ކުދިން ޒަޚަމްވެގެންވެސް އެ ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ސަންއާގައި ހަރަކާތްތެރިވާ ރެޑް ކްރޮސްގެ ތަރުޖަމާނެއް ވިދާޅުވީ، ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި މަރުވި ކުދިންގެ ޖުމްލަ އަދަދު އަދި މުޅިން ކަށަވަރު ނުވާ ކަމަށާއި، ސަބަބަކީ މިހަމަލާގައި ޒަޚަމްވި ކުޑަކުދިންތައް އެހިސާބުގެ އެކި ހޮސްޕިޓަލްތަކަށް ގެންދެވިފައިވާތީ ކަމަށެވެ.

ޔަމަނުގެ ވެރިކަމަށް އަތްގަދަކޮށްގެންތިބި ހުޘީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައުދީ އަރަބިއްޔާ އިސްވެއޮވެ އުފައްދައިގެންއުޅޭ އަރަބި ކޯލިޝަނުން މިއަދުގެ ހަމަލާއާ ގުޅިގެން ބުނެފައިވަނީ، މިއަދު ދެވުނު ވައިގެ ހަމަލާއަކީ "މުތުލަގު" ހަމަލާއެއް ކަމަށެވެ. ނުވަތަ އެއީ ދޭންޖެހޭ ހަމަލާއެއް ކަމަށެވެ.

މިއަދު ވައިގެ ހަމަލާދިނީ، ސައުދީ އަރަބިއްޔާގެ ޖިޒާންއަށް އިއްޔެ މިސައިލް ހަމަލާދިން ހުޘީ ހަނގުރާމަވެރިންގެ މަގާމަކަށް ކަމަށްވެސް ބުނެފައި ވެއެވެ. ހޫޘީން އިއްޔެ ފޮނުވާލި މިސައިލް ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ކުރިން ބުނެފައި ވެއެވެ.

ނަމަވެސް އަރަބި ކޯލިޝަނުން ކުޑަކުދިން ގޮވައިގެން ދަތުރުކުރި ބަހަށް ހަމަލާދިނުމާ ގުޅޭގޮތުން ކޯލިޝަނުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ރެޑް ކްރޮސްއިން ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަރަބި ކޯލިޝަނުން ވައިގެ ހަމަލާދިނީ، ޔަމަނުގެ އުތުރުގެ ސައާދާގެ ދަހިޔާން މާރުކޭޓް ސަރަހައްދުން ކުޑަކުދިން އަރުވާ ފުރައިގެން ދަތުރުކުރި ބަހަކަށް ކަމަށެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން، ހަނގުރާމައިގެ ވަގުތުތަކުގައިވެސް މަދަނީންނަށް ރައްކާތެރިކަން ދޭންޖެހޭ" ރެޑް ކްރޮސްގެ ޓްވީޓްގައި ބުނެފައި ވެއެވެ.