ކައްދޫ އެއާޕޯޓުގެ މެނޭޖުމެންޓުން އެތާނގެ މުވައްޒަފުން އެ އެއާޕޯޓުގައި ބަަހައްޓާ ވޯޓުފޮއްޓަށް ވޯޓުލުމަށް ރީރެޖިސްޓަރ ކުރުމަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެެވެ.

ނަން ހާމަކުރަން ނޭދޭ ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ އެއާޕޯޓުގެ މެނޭޖުމަންޓުން އެއާޕޯޓުގައި ބަހައްޓާފޮއްޓަށް ވޯޓުލުމަން ރީރެޖިސްޓްރީ ކުރުމަށް ފޯމު ފުރުމަށް އަންގަމުންދާ ކަމަށާއި އެކަމުގައި، ވޯޓުލާ ދުވަހު އެއާޕޯޓުގައި ޑިއުޓީގައި ތިބޭނެ މުވައްޒަފުންނާއި އެނޫން މުވައްޒަފުންވެސް ތަފާތު ނުކުރާ ކަމަށެވެ.

"އާއްމުކޮށް ހަމަ ހުރިހާ މުވައްޒަފުންނަށްވެސް އަންގަމުން ދަނީ ރީ ރެޖިސްޓްރީ ކުރަން. އެކަމަކު އެހެން ބުނެފައި އެބަ ބުނޭ މަޖުބޫރެއް ނޫނޭ. ދެން މުވައްޒަފުންގެ ތެރެއިން ތަންކޮޅެއް ދޮށީ އުމުރުގެ މީހުން އެބަ ރީ ރެޖިސްޓްރޭޝަން ފޯމު ފުރާ." އޭނާ ބުންޏެވެ.

ކައްދޫ އެއާޕޯޓުގައި މީގެ ކުރިން އެއްވެސް އިންތިޅާބެއްފައި ވޯޓު ފޮއްޓެއް ބަހައްޓާފައި ނުވާއިރު މިފަހަރުގެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ސަބަބެއް އިލެކްޝަންސް ކޮމިޝަނަކުން ހާމައެއް ނުކުރެއެވެ. ކުރީގެ އިންތިޚާބުތަކުގައި ހޮރައިޒަން ފިޝަރީޒުން ހިންގާ މާންދޫގައި ވޯޓުފޮއްޓެއް ބެހެއްޓި ނަމަވެސް މިފަހަރު އެވޯޓު ފޮށި ނުބަހައްޓައި ފޮށި ބަހައްޓަނީ ކައްދޫގައެވެ.

ވީނިއުސްއަށް މައުލޫމާތު ދިން މުވައްޒަފު ބުނީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 99 އިންސައްތަ މީހުންނަކީ، ގަމާއި ފޮނަދޫގެ ރައްވެހީންގެ ގޮތުގައި ތިބި އެދެރަށުގެ ރައްޔިތުން ކަމަށެވެ. އަދި އެމީހުން މިހާތަނަށް ވޯޓުލަމުން އައީވެސް އެދެރަށުގެ ވޯޓުފޮށި ތަކަށް ކަމަށެވެ. އޭގެ އިތުރުން، ރީޖަނަލް ހެޑްކުއާޓަރޒް ލ ކައްދޫގައި ޤާއިމްވެ ތިބޭ ސިފައިންވެސް ރީރެޖިސްޓްރީވެ ވޯޓުލަމުން އައިސްފައިވަނީ، ފޮނަދޫ ނުވަތަ މާންދޫގައި ބަހައްޓާ ވޯޓުފޮއްޓަށެވެ.

ކައްދޫ އަކީ މާންދޫ އާއި ގަމާއި އަދި ފޮނަދޫ އާއި ކޯޒުވޭއަކުން ގުޅާލާަފައި އޮންނަ ރަށަކަށް ވާއިރު، ކައްދޫއިން ގަމަށް 10 މިނިޓުން އަދި ކައްދޫއިން ފޮނަދުއަށް 5 މިނިޓުން ދެވެއެވެ.

އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ކައްދޫގައި ވޯޓުފޮށި ބަހައްޓައި އެއާޕޯޓު މުވައްޒަފުން އެފޮއްޓަށް ރީރެޖިސްޓަރ ވުމަށް ބާރު އަޅަނީ، ވޯޓަށް ނުފޫޒު ފޯރުވުމަށެވެ.