އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތް "އިންޑިއާސް މޯސްޓް ޕަވަފުލް ޕްރައިމް މިނިސްޓަރު"ގެ މައްޗަށް ތައްޔާރު ކުރަނީ ވެބްސީރީޒެއް ކަމަށް އިންދިރާ ގާންދީގެ ރޯލު އަދާކުރާ ވިދްޔާ ބާލަން ބުނެފި އެވެ.

އިންދިރާ ގާންދީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އިންޑިއާގެ އެންމެ ބާރުގަދަ ބޮޑުވަޒީރުގެ ނަމުގައި ފޮތް ލިޔެފައިވާ ނޫސްވެރިޔާ ސާގަރިކާ ގޯޝް ވަނީ އެ ފޮތުގެ މައްޗަށް ސީރީޒް ހެދުމަށް ވިދްޔާ އަށް ހުއްދަ ދީ އެވެ.

ބޮލީވުޑްގެ ބަތަލާ ވިދްޔާ ބުނީ އެ ފޮތުގެ މައްޗަށް ފިލްމެއް ހަދަން ބަލާއިރު އޭގައިވާ މައުލޫމާތު މާގިނަ ކަމަށާއި، ފިލްމަކަށް ފުދޭ ވަރަށްވުރެ މާގިނަ ކަންކަން އިންދިރާ ގާންދީގެ ދިރިއުޅުމާއި ގުޅޭ ގޮތުން ސާގަރިކާގެ ފޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ފިލްމަކަށް ހަދަން މީ މާ ބައިވަރު މެޓީރިއަލް، އެހެންވެ އަހަރެމެން ނިންމީ ވެބް ސީރީޒަކަށް ހަދަން، އަދި ނޭނގޭ ކިތައް ސީޒަން ކަމެއް ނެރޭނީ، މިހާރު މި މަސައްކަތް ކުރަނީ ޓީމެއް އެކުލަވާލަން" ވިދްޔާ ބުންޏެވެ.

ވިދްޔާ ބުނީ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއްގައި އިންދިރާ ގާންދީގެ ރޯލް އަދާކުރުމަކީ އޭނާ ދެކެމުން އައި ޒަމާންވީ ހުވަފެނެއް ކަމަށާއި، އިންޑިއާގެ ސިޔާސީ ހަޔާތުގައި އެންމެ ބާރުގަދަ ޝަހްސިއްޔަތުގެ ތެރެއިން އިންދިރާ ގާންދީގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.