އަހަރެންނަކީ އެއްވެސް އިރަކު ސިޔާސީ ކަންކަމަށް ލޯބިކުރި މީހެއް ނޫނެވެ. އެފަދަ ކަމެއްގައި ބައިވެރިވި މީހެއް ވެސް ނޫނެވެ. އެފަދަ ޖަލްސާތަކާއި އެއްވުންތަކަށް ދިޔަ މީހެއް ވެސް ނޫނެވެ. އެކަމާ އަހަރެންގެ ދަރިފުޅު ސުވާލުކުރެއެވެ. އަހަރެން ވޯޓުލާން ނުދާތީ އެ ޝަކުވާ އަބަދު ވެސް ކުރެއެވެ.

"ރަށު އެންމެން ވޯޓުލާން ދާއިރު، ކީއްވެ މަންމަ ވޯޓުލާން ނުދަނީ؟" ސުވާލުކުރީ ދަރިފުޅެވެ.

"މަންމަ ބޭނުން ނުވަނީ ވޯޓުލާން. އެއީ މަންމަ ކުރާހިތްވާ ކަމެއް ނޫން" އަހަރެން ޖަވާބު ދިނީމެވެ.

"އެކަމަކު އެއީ މަންމަގެ ހައްގެއްނު. އެ ހައްގު މަންމަ ބޭނުން ކުރަންވާނެއްނު" ދަރިފުޅު ދެއްކީ ޓީވީން ދެއްކި އިސްތިހާރަކުން އިވިފައިވާ ވާހަކަތަކެކެވެ.

"ދަރިފުޅު ތިބުނީ މަންމަގެ ހައްގެކޭ. އެހެންވިއްޔާ މަންމަ ބޭނުމިއްޔާ ދޯ އެ ހައްގު އަދާކުރާނީ" އަހަރެން ޖަވާބު ދިނީ ވަރަށް ވިސްނައިގެންނެވެ.

"އެހެންވިއްޔާ ބުނެބަލަ؟ މަންމަ އެ ހައްގު ބޭނުން ނުކުރަނީ ކީއްވެ؟" ތޭރަ އަހަރަށްދާ އެ ދަރިފުޅު އަނެއްކާ ވެސް ކުރީ ތަފާތު ސުވާލެކެވެ. އެ ސުވާލަށް ދޭނެ ޖަވާބަކާމެދު އަހަރެން ވިސްނީމެވެ. ދަރިފުޅު ގާތުގައި މި ހެދެނީ ހައްތާ ވެސް ދޮގުކަން އަހަރެންނަށް އެނގެއެވެ. އެކަން ކުރަން އުނދަގޫ ވެސް ވިއެވެ. ނަމަވެސް ތެދަށް ބުނަން އަހަރެންގެ ހިތް ބޭނުން ނުވަނީއެވެ.

"މަންމަ ހިތްހަމަ ޖެހޭ މީހަކު ކުރިމަތި ނުލަނީ؟" އަހަރެން ޖަވާބުދިނީ ވަރަށް ކުރުކޮށެވެ. އެތައް ވާހަކައެއް ސިއްރުކޮށްފައެވެ.

"އެންމެ ހިތްހަމަ ޖެހޭ މީހަކު ކުރިމަތި ނުލާފާނެ. އެކަމަކު އެއީ ގިނަ މީހުން ހިތްހަމަ ޖެހޭ މީހަކަށް ވެދާނެއްނު. އެ މީހުންނަށް ތާއީދު ކުރުމަކީ ވެސް ޒިންމާއެއްނު" ދަރިފުޅުގެ ރައްދު އަޑުއިވިފައި އަހަރެން ވަރަށް އުފާވިއެވެ. އެ ވިސްނުމަށް ތާއުރީފު ކުރެވުނެވެ.

"ދެން ތި ވާހަކަ ނުދައްކާ. މަންމަ ބޭނުމެއް ނޫން ތި ކަހަލަ ވާހަކަ ދައްކާކަށް" އަހަރެން ބޭނުންވީ ދަރިފުޅު ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވާށެވެ.

"އަހަރެންނަށް އެނގޭ މި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް މަންމަ ހަދަނީ ތިހެންކަން. މި ވާހަކަދައްކަން މަންމަ ބޭނުން ނުވާކަން. އެކަމަކު މަންމަ ވޯޓުލާން ނުދާ ސަބަބު އޮޅުންފިލުވަން އަހަރެން ބޭނުން. ގައިމު ކޮންމެވެސް ކަމެއް ވެގެންތާ ނުދާނީ" ދަރިފުޅު އަނެއްކާ ވެސް ފެށީ އެ ވާހަކައެވެ.

"ދެން ހުއްޓާލަބަލަ. ބުނެފީމެއްނު ތި ވާހަކަ ނުދައްކާށޭ. ތި ސުވާލުތައް ނުކުރާށޭ" އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަފުސުގެ ކޮންޓްރޯލް ހިނދުކޮޅަކަށް ގެއްލުނެވެ. ހަޅޭއްލަވައި ގަންނަ ގޮތަށް ދަރިފުޅާ މުޚާތަބު ކުރެވުނެވެ.

"އަހަރެންނަށް ކަންތައް ވާގޮތް އެނގޭނީ އަހަރެންނަށް" އަހަރެން ޖަވާބާއެކު ލޮލުން ފޭދިގަތީ ކަރުނަތަކެވެ. އެއީ އެފަދަ އިހުސާސަކާއެކު އެގޮތަށް ފޭބި ފުރަތަމަ ކަރުނަތިއްކެވެ. އެކަން ސިއްރުކުރަން އަހަރެން ވަނީ ކޮޓަރިއަށެވެ.

ކޮޓަރީގައި އަހަރެން އޮތީމެވެ. ދިމާ ކުރިމަތީ ހަރުކޮށްފައިވާ ފިރިމީހާގެ ބޮޑު ފޮޓޯގަނޑު އަހަރެންނާ ވާހަކަދައްކަން ފެށިކަހަލައެވެ. ތި ހިތާމަކުރަނީ ކޮން ކަމަކާ ހެއްޔެވެ؟ ތި ކަން މާކުރިންވެސް އެނގޭނެއެވެ. ތި ސުވާލުތައް ކުރިމަތިވާނެކަން ވެސް އެނގޭނެއެވެ. ތިހެން ނުހެދުމަށް ވެސް ބުނީމެވެ. މިއަދު ތިވަނީ ކޮން ދެރައެއް ހެއްޔެވެ؟

ފިރިމީހާގެ ހަނދާންތަކުން އަހަރެންގެ ލޮލަށް ޖަމާވިކަރުނަވީ އިތުރެވެ. ލިބުނު ހިތްދަތިކަމުން އަޑުނަގާ ރޯން ފެށުނީއެވެ. އަހަރެންގެ ވާހަކަތައް ފިރިމީހާ ގަބޫލެއް ނުކުރެއެވެ. އޭނާގެ ދުނިޔޭގައި ވެސް އަހަރެންނަށް ދިމާވީ އެހެންނެވެ. ވޯޓުލާން އޮންނަ ދުވަސްދުވަހު އަހަރެން ގެއަކުން ނުނިކުންނަމެވެ. ނުކުންނަން ނުކެރެނީއެވެ. ނުކުންނަން ބޭނުން ނުވަނީއެވެ. ވާނެ ގޮތް އަހަރެންނަށް އެނގޭތީއެވެ.

ހަނދާން އެބަހުއްޓެވެ. އެންމެ ފުރަތަމަ ވޯޓުލާން ދިޔައީ ބައްޕައާއެކުއެވެ. އެދުވަހު އަހަރެން ނުކުތީ އަހަރެންނަށް ވޯޓުލެވޭތީ އެކަމުގެ އުފާ ލިބުގަތުމަށެވެ. ބައްޕަމެން ބުނި މީހަކަށް ވޯޓުލައި ދިނުމަށެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ ޚިލާފަށެވެ. ވަކި ހިސާބަށް ދިޔަތަނާ ދެން ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހޭ އެރިއިރު އޮތީ ގޭގައެވެ. ބައްޕަމެންގެ ވާހަކަތަކުން އެނގުނީ އަހަރެން ހޭނެތިގެން ވެއްޓުނީކަމަށެވެ. ނޭނގެނީ އެކަން މެދުވެރިވީ ސަބަބެވެ.

(ނުނިމޭ)