(14 އޯގަސްޓް 2018 އާ ގުޅޭ)

ހަނދާން އެބަހުއްޓެވެ. އެންމެ ފުރަތަމަ ވޯޓުލާން ދިޔައީ ބައްޕައާއެކުއެވެ. އެދުވަހު އަހަރެން ނުކުތީ އަހަރެންނަށް ވޯޓުލެވޭތީ އެކަމުގެ އުފާ ލިބުގަތުމަށެވެ. ބައްޕަމެން ބުނި މީހަކަށް ވޯޓުލައި ދިނުމަށެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ ޚިލާފަށެވެ. ވަކި ހިސާބަށް ދިޔަތަނާ ދެން ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހޭ އެރިއިރު އޮތީ ގޭގައެވެ. ބައްޕަމެންގެ ވާހަކަތަކުން އެނގުނީ އަހަރެން ހޭނެތިގެން ވެއްޓުނީކަމަށެވެ. ނޭނގެނީ އެކަން މެދުވެރިވީ ސަބަބެވެ.

އެ ދުވަހު ދެވަނަ ފަހަރަށް ވެސް އަހަރެން ވޯޓުލާން ދިޔައީމެވެ. ހަވީރުގެ އެ ފިނި ވަގުތު ބައްޕައާއެކު ދެވުނީ ރަށުގެ ސުކޫލާ ހަމައަށެވެ. އެފަހަރު ވެސް ވީ އެހެންނެވެ. އަހަރެންނަށް ވާ ގޮތް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ފާޑެއްގެ އަނދިރި ގަނޑެއް ވާށާލައި ބޮލަށް އެނބުރުން އަރަނީއެވެ. ހޭ އެރިއިރު އަހަރެން އޮތީ ގޭގައެވެ. އޭރު އިރު އޮއްސެނީއެވެ.

ދިމާވި ކަންތަކާމެދު އަހަރެން ވިސްނީމެވެ. ވޯޓު ނުލެވުނީތީވެ ހިތާމަކުރީމެވެ. އެކަމާ ބައްޕަ ބުނަނީ އަހަރެން ހާސްވަނީ ކަމަށެވެ. ނަމަވެސް އެއީ ތެދެއްކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވެއެއެވެ. ހާސްވާންވީ ސަބަބެއް ޚުދު އަހަރެންނަކަށް ނުވިސްނެއެވެ. އެހެން ނޫންނަމަވެސް ހާސްވާނަމަ އެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އަހަރެންނަކަށް ނޫން ހެއްޔެވެ؟

އޭގެ ފަސް އަހަރު ފަހުން ވެސް ވޯޓުލާ ދުވަސް އަހަރެންނާ ބައްދަލުކުރިއެވެ. އެދުވަހަށް އަހަރެން ތައްޔާރުވީމެވެ. ކުރީ ފަހަރާ ޚިލާފަށް ވަރަށް ނަލަ ހެދުނީމެވެ. ނަމަވެސް ކަންތައްވީ ކުރީ ފަހަރުވެސް ކަންތައް ވީގޮތަށެވެ. އެހިސާބަށް ދެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ ކުރިން އަހަރެން ވެއްޓެނީއެވެ.

އެދުވަހަށް ފަހު އަހަރެން ނިންމީ ވޯޓުލާން ނުދާށެވެ. އެކަން ނުކުރާށެވެ. އެކަން ކުރާނަމަ އަހަރެންނަށް ގޮތްތަކެއް ވާނެކަމަށް އަހަރެންނަށް ގަބޫލުކުރެވެއެވެ. އެކަން ޔަގީން ވެސް ކުރެވެއެވެ. އެކަން ވާގޮތް ބައްޕަ އޮތީ އަހަރެންނަށް ކިޔައިދީފައެވެ. އެއީ ކިހިނެއް ވެގެން ވާކަމެއްކަން ފައިލުބަލާ މީހެއްގެ އެހީގައި ބައްޕަ އަހަރެންނަށް ކިޔައިދިނެވެ. އެކަން ރަނގޅު ކުރަންވެސް ބައްޕަ މަސައްކަތް ފެށިއެވެ. ނަމަވެސް އެކަން ރަނގަޅު ނުކުރެވި އުޅެނިކޮށް އެމީހާ މި ދުނިޔެއާ ވަކިވީއެވެ. އެދުވަހަށް ފަހު ބައްޕަގެ ނަސޭހަތަކީ އަހަރެން ވޯޓުލާން ނުދިއުމެވެ. އެކަން ނުކުރުމެވެ. އެކަމަކު މިއަދު ދަރިފުޅު އެ އެދެނީ އެކަން ކުރާށެވެ. އެ ހައްގުގެ ބޭނުން ކުރާށެވެ.

ފޭބި ކަރުނަތައް އަހަރެން ފުހެލީމެވެ. އެނދުން ތެދުވީމެވެ. ނަފުސުގެ މައްޗަށް ގަދަވެގަތީމެވެ. ކުޑަކޮށް ރީތިވެލީމެވެ. އެއަށްފަހު ކޮޓަރީންވެސް ނުކުމެ ދަރިފުޅުގެ ގާތަށް ދިޔައީމެވެ.

"ކޮބާ ހިނގާބަލަ މަންމައާއެކު ސްކޫލު ދޮށަށް" އަހަރެން ބުނީމެވެ.

"ވޯޓުލާން" ވަރަށް ހިނިތުންވެ ހުރެ ދަރިފުޅު ސުވާލުކުރިއެވެ.

"ދަރިފުޅު ބުނީތީވެ މަންމަ ބޭނުންވީ މިކަން ކުރާން. މިކަމުގެ ހަގީގަތް ދަރިފުޅަށް ބުނެދޭން. މަންމަ ވޯޓުލާން ނުދާ ސަބަބު ދަރިފުޅަށް ދައްކައިދޭން" އަހަރެން ޖަވާބުދިނީމެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަމެވެ. ހިތުގައިވާ ހާސްކަން ހާމައެއް ނުކުރަމެވެ. ހިތް ބުނަމުން ދިޔައެވެ. މިފަހަރު އެހެން ނުވެ ހިނގައިދާނެއެވެ. މިއީ އެތައް އަހަރެން ފަހެވެ. އެގެ ބާރު ވެސް ކެނޑިދާނެއެވެ. މިއީ އެހެން ޒަމާނެކެވެ.

އަހަރެން ހުރީ ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރަށުގެ ބޮޑުމަގަށް ނުކުން އިރު މީހުންތައް ކޮޅުކޮޅަށް ހިނގަނީއެވެ. ބައެއް މީހުން ހަޅޭއްލަވާ އަޑުވެސް އިވެއެވެ. ހާސްކަމާއި ނުތަނަވަސްކަން ބައެއް މީހުންގެ މޫނުމަތިން ފެންނައިރު އަހަރެންނާ ދިމާއަށް ވަރަށް ނޫން ގޮތަކަށް ބައެއް މީހުން ބަލާކަން ވެސް އަހަރެންނަށް ފާހަގަކުރެވުނެވެ.

ހޭއެރިއިރު އަހަރެން އޮތީ ގޭގައެވެ. ލޯ ހުޅުވާލިއިރު ދަރިފުޅު އިނީ ރޯށެވެ. އަހަރެންނަށް ދެ ފަރާތަށް ބަލައި ލެވުނެވެ.

"މަންމާ. ކިހިނެއްވީ؟" ސުވާލުކުރީ ދަރިފުޅެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އަނެއްކާ ވެސް ލޯމަރާލޯމެވެ. ދެން ލޯހުޅުވީ އޭގެ އިރުތަކެއް ފަހުންނެވެ.

"ދަރިފުޅާ... މަންމަ ވޯޓުލާން ނުދަނީ މިހެންވެ. މަންމަ ދާ ކޮންމެ ފަހަރަކުވެސް މަންމަ ގެއަށް ގެންނަނީ ހޭނެތިގެން. މިކަމާ ހަދާ މީހުން ތިބެނީ ރުޅިއައިސްފައި. އެހެން ވާކަން އެނގޭއިރު މަންމަ ދާތީ ތިބެނީ ހިތްހަމަ ނުޖެހިފައި. މަންމަ މިފަހަރު ވޯޓުލާން ނުކުތީ މަންމަ ހަދަނީ ތެދުކަން ބުނެދޭން. މިކަން މަންމަ ނުކުރާ ސަބަބު ބުނެދޭން. މިހާރު ދަރިފުޅަށް އެނގޭނެ މަންމަ ވޯޓުލާން ނުދާ ސަބަބު" އަހަރެން ބުނީމެވެ.

"އާނ. ދެން ދުވަހަކު ވެސް މިކަންކުރާކަށް މަންމަ ގާތަކު ނުބުނާނަން" ދަރިފުޅު ވަރަށް މަޑުމަޑުން އަހަރެންގެ ކަންފަތް ދޮށުގައި ބުނެލި އެވެ.

(ނިމުނީ)