ގުޅިފައިވާ ޕާޓީ ތަކުގެ ވެރިކަމެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައިވީ ނަމަވެސް އެތަނުން ލިބެންޖެހޭ ހަގީގީ ފައިދާ ހަނިމާދޫއާ އެ ދާއިރާއަށް ލިބެމުން ނުދާ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހަނިމާދޫ ހިމެނޭ ސަރަހައްދުގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް އެއާޕޯޓު އިތުރަށް ތަރައްގީކުރަން ބަޔަކާ އެކު މަޝްވަރާކުރެވުނު ކަމަށާއި ނަަމަވެސް އޭގެ ފަހުން ވެރިކަން ބަދަލުވުމުން އެ މަސައްކަތް ކުރިއަށް ނުދިއައީ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ގުޅިފައިވާ ޮޕާޓީ ތަކުގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.