ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ ޖޯޑަކީ ވަށް ނުވަތަ ހަތަރެސްކަން ޖޯޑެއްތޯ އެވެ؟ މިއީ މިހާރު އިންޓަނެޓުގައި ވައިގަ ހިފައިގެން އުޅޭ އާ އަރަތެވެ.

ޓޯނީ ފިޝާ ކިޔާ މީހަކު ހަދާފައިވާ މި ޖޯޑު ބަލާބެލުމަށް ހަތަރެސްކަން ވެފައި ވަށް ވެސް މެއެވެ. ނަތީޖާއަކީ މިޖޯޑުގެ ބައްޓަން ދެނެގަތުމަށް އެތައް ބަޔަކު މަސައްކަތްކުރަމުން ދިއުމެވެ.

ޔޫޓިއުބުގައި އާއްމުކޮށްފައިވާ މި ޖޯޑުގެ ވީޑިއޯއަކުން ފެންނަ ގޮތުގައި ބެލުންތެރިންނާ ގާތުގައި ޖޯޑު ހުންނައިރު އެއީ ވަށް ޖޯޑެކެވެ. އެހެންނަމަވެސް، ބެލުންތެރިންނާ ދުރުގައި ބަހައްޓާފައި ހުރި ލޯގަނޑަކުން ޖޯޑު ފެންނައިރު އޭގެ ބައްޓަމަކީ ހަތަރެސްކަން ބައްޓަމެކެވެ.

ވީޑިއޯގައި ޖޯޑު އުފެއްދި ޓޯނީ ޖޯޑަށް ކިރު ފޮދެއް އެޅުމަށް ފަހު ގިރާލާތަން ފެނެ އެވެ. ފަހަތުގައި ހުރި ލޯގަނޑުން ވެސް މި މަންޒަރު ފެންނާތީ މިކަމުގައި ކެމެރާގެ އުކުޅުތަކެއް ނެތްކަން ހާމަވެ އެވެ. އެހެންކަމުން މި އަރަތަކީ ޖޯޑުގެ ބައްޓަމާއި ޖޯޑު ބަހައްޓާފައި ހުރި ދުރު މިނުގެ ސަބަބުން އުފެދިފައިވާ އެއްޗެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިފަދަ އަރަތްތައް އަންނަނީ ދުވަސް ދުވަސްކޮޅުން އިންޓަނެޓުގައި މަގުބޫލުވަމުންނެވެ. އެގޮތުން މީގެ އެންމެ ފުރަތަމަ އަރަތަކީ 2015 ވަނަ އަހަރު އާއްމުވި ހެދުމެއްގެ ފޮޓޯއެއްގައި އެ ހެދުމުގެ ކުލަ ދެނެގަތުމުގެ އަރަތެވެ. އެއަށްފަހު ދެން އައި ބަހުސަކީ ލޯރެލް އަދީ ޔާނީގެ ބަހުސެވެ. މިއީ ވޮކެބިއުލަރީ.ކޮމް ކިޔާ ސައިޓަކަށް އަޅާދީފައިވާ ބަހެއް ކިޔާ ގޮތުގެ ރެކޯޑިން އިން އެބަސް އިވޭ ގޮތާ މެދު އުފެދުނު ބަހުސެކެވެ.