ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމަށް ސުޕްރީމު ކޯޓުން އަންގައިފި އެވެ.

ސުޕްރީމު ކޯޓުން އިއްޔެ ނެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތްތައް ފެށޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާތީ ހައިކޯޓު އުތުރު ގޮފީގައި ޝަރީއަތް ހިންގަން ފެށުމާ ބެހޭ ސުޕްރީމް ކޯޓުގެ ގަރާރާ އެއްގޮތަށް ހައިކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީއެއްގައި އިތުރަށް ބުނެފައިވަނީ އުތުރުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށް އެދި އެމައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާ އެކު ސީދާ ހައިކޯޓު އުތުރު ގޮތްޕަށް ފޮނުވަމުން ގެންދިއުމަށް އަންގާ ކަމަށެވެ.

ހައިކޯޓުގެ އުތުރު ގޮފި ގާއިމުކޮށްފައިވަނީ ރާއްޖޭގެ އުތުރުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ ހދ. ކުޅުދުއްފުށީގަ އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް އެއްގޮތަކަށްވެސް ނުފެށި އޮތީ ހައިކޯޓުގައި މަސައްކަތް ކުރާ ފަނޑިޔާރުން ހަމަކުރެވިފައި ނުވާތީ އުތުރު ގޮތްޕަށް ފަނޑިޔާރުން ފޮނުވުމަށް ދަތިވުމާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ފަނޑިޔާރުން ހިމެނޭ ޝަރުއީ ވަފްދުތައް ހައިކޯޓުގެ ގޮފިތަކަށް ފޮނުވައިގެން މައްސަލަ ނިންމާ ގޮތަށް އުސޫލެއް ހަމަޖައްސާ އެގޮތަށް އަމަލުކުރަން ފަށާފަ އެވެ.

ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ ކޯޓުތަކެވެ.