ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.

ގަލޮޅުގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މާލޭގެ ހުރިހާ އަވަށެއްގައި ދިރިއުޅޭ ރައްޔިތުން ގާތަށް ޒިޔާރަތްކުރައްވައި ބައްދަލުކުރައްވަމުން ގެންދަވާއިރު ރައްޔިތުން އުޅޭ ދަތި ހާލު ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ކުރާނެ ފަދަ ތަނަަސްކަމެއް ނެތުން ފަދަ ކަންކަން ފާހަގަވާއިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ބޮޑެތި އާއިލާތައްވެސް ކުދިކުދި ތަންތަންކޮޅުގައި ވަރަށް ދަތި ހާލުގައި އުޅެމުންދާ ކަމާއި ހަމަނޭވާލާނެ ވަރުގެ ޖާގަވެސް ނުލިބޭ ވަރުގެ ތަންތަނުގައި ދަތި ހާލުގައި އުޅެމުންދާ ރައްޔިތުން ރޮއެފައި އާދޭސް ކުރަމުން އަންނަނީ ރަނގަޅު ބޯހިޔާވަހިކަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުން އުޅޭ ހާލު އަމިއްލަފުޅަށް ވަޒަން ކޮށްލެއްވުން ކަމަށެވެ. ރައްޔިތުން ގާތަށް ވަޑައިގެން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމުން ރައްޔިތރުންގެ ދަތިތަކާއި ހާލަތު ވަރަށް ރަނގަޅަށް އިހުސާސްވާ ކަމަށާއި ދޮރުންދޮރަށް ހިންގެވުމުގެ މަގްސަދު ހާސިލްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލޭގައި ކުދި ތަންތަނުގައި ދަތި ހާލުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ރަނގަޅު ބޯހިޔާވަހިކަމުގެ މަޝްރޫތައް ފަށާފައިވި ނަމަވެސް މިހާރު އެކަންތައް ވަނީ ހުއްޓުމަކަށް އައިސްފަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދޮރުންދޮރަށް ހިންގެވުމުގެ މަސައްކަތް މިހާތަަނަށް ވަރަށް ކާމިޔާބު ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ނެރޭނެ ކަމަށެވެ. އަދި އެ މެނިފެސްޓޯގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫތައް އެއަށްވުރެވެސް މާފުރިހަމަކޮށް ކުރިޔަށް ގެންދިޔުމަށް ހިމަނައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެމަސައްކަތް ފުރިހަމަ ކުރާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.