ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ ކެމްޕޭން ދަތުރުތަކުން އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނަމުންދާ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށެވެ. މިގޮތުން މިހަފުތާގައި ރިޔާސީ ކެންޑިޑޭޓް ހދ.ގެ ރަށްތަކަށް ވަޑައިގެންފައިވާއިރު ރަނިންމޭޓް ފ.އަތޮޅާއި ދ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އދ.ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަކީ ވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކެންޑިޑޭޓް އުޅުއްވީ ހދ.ގައި. ލޮލުކޮޅަށް ނުފެންނަ ވަރަށް ރައްޔިތުން ތިބީ ނުކުމެ. ދެކެވުނު ވާހަކަތައް ރައްޔިތުން ވަރަށް މަގުބޫލުކަމާއެކު ބަލައިގެންފި. ރަނިންމޭޓް އުޅުއްވީ ފ. އާއި ދ.ގައި. ފެނުނު މަންޒަރުތަކަށް ބަލާއިރު އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރު 2018 ގައި އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބުވާ ތަން އެބަފެނޭ. އަދި އދ.ގައި އުޅުއްވި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ ދަތުރުފުޅުންވެސް ފެނުނު މަންޒަރުތަކުން ވެސް ފެނުނީ ރައްޔިތުން ނުކުމެ އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދޭނެކަން" މާރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ގެންދަވާ ސްޕީޑުގައި އިބްރާހީމް މުހައްމަދު ސޯލިހަށް ތަރައްގީ ނުގެނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާތީ މާރިޔާ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. ހަތަރު އަހަރު ވަންދެން ބަޖެޓުގައި ޖަހަމުންދިޔަ މާލޭގެ މަގުތަކުގެ މަސައްކަތް ނުނިމި އޮތުމާއި، އެމްއާރުޑީސީ ވީތަންވެސް ނޭގުމާއި، ޖުލައި 26 އަށް ބްރިޖު ހުޅުވައި ބްރިޖުމަތީ ކުރެވޭނެ ކައިވެނިތަކުގެ ވާހަކަ ދެއްކި ނަމަވެސް އެއިން އެއްވެސް ކަމެއް އަދި ނުފެންނަކަން މާރިޔާ ފާހަގަކުރެއްވިއެވެ. މިނޫނަސް ސަރުކާރުން ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކޮށް، ކޮރަޕްޝަން ހިމެނޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއުތައްވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށާއި ތަރައްގީގެ ހަގީގީ ސްޕީޑެއް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ މާރިޔާ ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށާއި ވަޒީރުންނަށް ފާޑުވިދާޅުވެފައެވެ.

ރީރަޖިސްޓްރޭޝަން މައްސަލައިގައި އާންމު ރައްޔިތުންނާއި އިދިކޮޅު ޕާޓީތަކުގެ ބޮޑެތި ޝަކުވާތަކެއް ހުރި ނަމަވެސް އަދިވެސް އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ނުބުނާތީ ވެސް މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މާރިޔާ ވިދާޅުވީ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބެންޖެހޭ ކަމަށާއި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެސް މަސައްކަތް ކޮށްދެއްވަންޖެހޭ ކަމަށެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކޭ މިބުނަނީ މިރާއްޖޭގައި ހުރި ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވާހަކަ. އެމީހުން ކަންބޮޑުވެގެން ވާހަކަ ދައްކާނަމަ ރައީސް ޔާމީން ވެސް ބައްލަވަންޖެހޭނީ މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށް. އެމަނިކުފާނު ޕީޕީއެމް ކެންޑިޑޭޓުގެ ހައިސިއްޔަތަކުން ނޫން އެކަމަކު ރައީސުލްޖުމްހޫރިއްޔާ ކިޔާ ކަމަށް ވަންޏާ މިކަމުގެ ޖަވާބެއް ހޯއްދެވުމަށް އެމަނިކުފާނު ވެސް މަސައްކަތް ކުރައްވަން ވާނެ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަހެއް ބުނަންދެން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

މިމަހުގެ 31 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ތަނެއް ހޯދުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާކަން ފާހަގަކުރައްވައި މާރިޔާ ވަނީ ކުރީފަހަރު ހެއްދެވި ގޮތަށް އެންމެ ފަހުވަގުތު ތަނެއް ހަމަޖެހިއްޖެ ކަމަށް ވިދާޅުނުވެ މިކަން ކުރެވޭނެ ގޮތަކަށް ވަގުތު އޮއްވައި ތަން ހަމަޖައްސަވައި އެކަން އަންގަވައިދެއްވުމަށް މިނިސްޓަރަށް ގޮވާލައްވާފައެވެ.