ގުޅިފައިވާ އިއްތިހާދަކީ ޒުވާނުންގެ ކޯލިޝަން ކަމަށާއި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން ގުޅިފައިވާ ޕާޓީތަކުން މާލޭގައި ހަދާފައިވާ ޖަގަހަ މިރޭ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން ނުކުމެތިބީ ޒުވާނުންނާ އެކީގައި ޒުވާނުން ބޭނުންވާ ކަންކަން ފުއްދައިދިނުމުގެ މަގުސަދުގައި ކަަމަށެވެ. އަދި އެއިއްތިހާދަކީ ޒުވާނުންނާއި އެކި އުމުރުފުރައިގެ ކޯލިޝަނެއް ކަމަށެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަކީ ޒުވާނުންނަށް ވީނަމަވެސް، އޭގެ ތެރެއިން 19 ޕަސެންޓާއި 23 ޕަސެންޓާ ދެމެދު ޒުވާނުންނަކީ ވަޒީފާއެއް ނެތް ޒުވާނުންކަން ފާހަގަކުރައްވައި ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ހޯދައިދިނުމަށް ވައުދުވެފައި ކަަމަށެވެ. ނަމަވެސް އެކަންކަން ފުއްދައިދެވިފައި ނުވާ ކަމަށާއި 95،000 ވަޒީފާ އުފައްދައި ވަޒީފާ ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ލިބޭނެ ކަމަށް ބުނި ނަމަވެސް އެކަންވެސް ނުވާ ކަމަށް ވިދާޅުވިއެވެ.

"19 ޕަސެންޓާއި 23 ޕަސެންޓާ ދޭތެރޭ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން. އޭގެ އިތުރަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިސަރުކާރުން ޒުވާން ކުޅުންތެރިން ޖަލަށްލާ މަންޒަރު. ޒުވާން ލޯޔަރުންނާއި ކައުންސިލަރުން ސަސްޕެންޑް ކުރާ މަންޒަރު. ގެޓްސެޓް ނަމުގައި ދޭންފެށި ލޯނު ނާޖާއިޒް ގޮތުގައި ބޭނުން ބަޔަކަށް ދޭން ފެށި މަންޒަރު" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި މިހުރިހާ ކަމަކަށް ހައްލު ގެންނާނެ ކަަމަށެވެ. އެގޮތުން ސަރުކާރުން ދެމުންގެންދިޔަ ސްކޯލާޝިޕްތައް ކުރިއެކޭ އެއްގޮތަށް ދީ، ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.

މީގެ އިތުރަށް މާލޭގައި އުޅޭ ޒުވާނުންނަށް ދަތުރު ދާނެ ރަށެއް މިހާރު ނެތް ކަމަށާއި އެބޭފުޅުންގެ ވެރިކަމެއްގައި ޒުވާނުން ދަތުރު ދިއުމަށް މާލެ ކައިރިން ރަށެއް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނީ ކޯލިޝަނުގެ ބައިވެރިން ކަމަށާއި އެބޭފުޅުންގެ ވެރިކަމެއްގައި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. ޒުވާނުން ތިބީ ރާއްޖެ އަނބުރާ ހޯދުމަށް ކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 18 އަހަރުން މަތީ ޒުވާނުންނަށް ވޯޓުލެވޭ ގޮތް ހެދުމަށް ވޯޓު ދެއްވި ހަމައެކަނި ދެބޭފުޅުންނަކީ އެމަނިކުފާނާއި އިބޫ ކަމަށެވެ. މިއީ ޒުވާނުންގެ ފަހަރު ކަމަށާއި އެބޭފުޅުންގެ ސަރުކާރެއްގައި ޒުވާނުންނަކީ ގައުމުގެ ތަރައްގީގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާނުންނަކީ ވަޒީފާއެއް ނެތިގެން މަގުމަތީގައި އުޅޭ ބައެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

"ޒުވާނުންގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި، ޒުވާނުންނަކީ ހަމަޖެހިގެން އުޅޭ ބަޔަކަށް ހެދުމަށްޓަކައި، ދަރުބާރުގެ ކަހަލަ ރީތި ތަންތަނުގައި ހަމަޖެހިލައިގެން ކައިވެނި ކުރެވޭނެ ބަޔަކަށް ހެދުމަށްޓަކައި، އަދި ދިރިއުޅެން ބޯހިޔާވަހިކަން ލިބޭނެ ބައެއްގެ ގޮތުގައި ޒުވާނުން ހެދުމަށްޓަކައި މިފަހަރު ޒުވާނުން ކޯލިޝަނަށް ވޯޓުދީ، ބޮޑު ބަދަލެއް ގެނެސް ޒުވާނުންގެ ރޯލް ދައްކާލަންޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި މިފަހަރު ނިކުމެ ބޮޑު ބަދަލެއް ގެނެސް ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އިލްތިމާސް ކުރައްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޒުވާނުންނަށް ޚާއްސަކޮށްގެން ހުޅުވި މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.