ކާރުގައި އަންނި ޖެޓީއާ ހަމައަށް ދެވުނު އިރު މުޅި ބަނދަރުމަތި ވަނީ މީހުންނާ ހެދި ތޮއްޖެހިފައެވެ. އެކި ކަންކޮޅަށް ފުރާ މީހުންނެވެ. އެކި އުމުރުފުރައިގެ މީހުންނެވެ. ޢީދުގެ އުފާ ލިބިގަތުމަށް އަތޮޅުތަކަށް ފުރާ މީހުންނެވެ. އެ މީހުންގެ ތެރެއަށް އަހަރެންނާއި އަންހެނުން ވަދެގަތީމެވެ. މަޑު ހިނގުމުގައި ގޮސް، ހުދާއި ނުލުގެ އަގޯޓާ އެކްޕްރެސްއާ ދިމާގައި މަޑުކޮށްލީމެވެ. އެއީ އަހަރެން ފުރަން އޮތް ބޯޓެވެ. ތުޅާދޫގައި ދުއްވާ އެންމެ ބޮޑު ބޯޓެވެ.

"ކޮބާ ރަށަށް ދަނީތަ؟" ފަހަތް ބަލައިލިއިރު ޖެހިގެން ހުރީ އަހަރެންގެ އެކުވެރިއެކެވެ.

" ދެން ދާންވާނެތާ. މިފަހަރު ވަރަށް ކަންތައް ވެސް އެބަ އޮތެއްނު" އަހަރެން ޖަވާބު ދިނީމެވެ.

"އާނ. ވަރަށް ގިނަ ކުޅިވަރުތައް އޮވޭ. އެކަމަކު މަށަށް ހީވަނީ އަންހެނުން ގޮވައިގެން ތި ދަނީ ހަނީމޫނަށްހެން" އެކުވެރިޔާ އަހަރެންނާ ދިމާކޮށްލިއެވެ.

"ތިހެން ވެސް ބުނެވިދާނެ. ރަށަށް ދިޔައިމާ އެނގިދާނެތާ ވާގޮތެއް ވެސް" އަންހެނުންނަށް ނިތް އަރުވާލަމުން އަހަރެން ޖަވާބުދިނީމެވެ.

އޭރު އެއްވެފައި މީހުންތައް ބޯޓަށް އަރަނީއެވެ. އެކަކަށްވުރެ ކުރިން އަނެކަކު އެރޭތޯ އުޅެއެވެ. ފޮށިފޮއްޓާ ދަބަސްތައް ބޯޓަށް އަރުވަމުން ދިޔައެވެ. މީހުންގެ އަޑުފައްގަނޑުން މުޅިތަން އޮތީ ގުގުމާލާފައެވެ. އަހަރެން ވެސް އަންހެނުން އަތުގައި ހިފައިގެން ބޯޓަށް ފުންމާލީމެވެ. މުޅި ބޯޓު އޮތީ ފުރިފައެވެ. ކޮށްޕަމުން ގަޅުވަމުން ކަހަލަ ގޮތަށް އަހަރެން ވެސް ދެމިގަތީމެވެ. އެއަށްފަހު ފައިވާން އަތަށް ނަގައި ފުރަތަމަ ބުރިއަށް އެރީމެވެ.

ކަމަކުދާކަށް ނެތެވެ. އެތަން އަދި މާބާރު ބޮޑެވެ. ހިނގަން އޮންނަ މަގަށް ދަންދެން މީހުން އޮތީ ބަރިޖަހާލާފައެވެ. އަތްވަށް ލާފައިފައިވާ މަސްއަށިގަނޑެކޭ އެއްފަދައެވެ. އެކަކު ގައިމަތިން އަނެކަކުގެ ފައިމަތިން ދެން އޮތް މީހާގެ ބޯމަތިން ގޮސް އަހަރެންނަށް ކަނޑައެޅިފައިވާ ސީޓާ ހަމައަށް ދިޔައިމެވެ. ސީޓު ނަންބަރު ޔަގީން ކުރުމަށްފަހު އަހަރެންނާ އަންހެނުން އެތަނުގައި ޖައްސާލީމެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

ހިތަށް އެރިއެވެ. މިއޮތީ ވާ ކަމެއްތާއެވެ. ރަށަށް ދިއުމަކީ ވެސް ބޮޑު މަޖާގަނޑެއްތާއެވެ. ލޯންޗުން ރަށަށް ދެވެން އޮއްވާ ވެސް ބޯޓުންދާން ނިންމީ އަހަރެންނެވެ. އެއީ އަންހެނުން ވެސް ބޭނުންވި ގޮތެވެ. މަޖަލާއި ސަކަރާތުގައި ދަތުރު ކުރުމަކީ އަންހެނުން ބޭނުންވި ގޮތެވެ. އަހަރެން ވެސް ބޭނުންވި ގޮތެވެ.

އިސާހިތަކު އިންޖީނު ސްޓާޓް ކޮށްލިއަޑު އިވުނެވެ. މުޅި ދޯނިގަނޑު ގުޑުވާލުމަށްފަހު މާލޭ ފަޅުތެރެއިން ދޯނި ނެރުމުގެ މަސައްކަތް ފެށިއެވެ. އިންޖީނުގެ އަޑުފަށްގަނޑުގެ ތެރެއިން އެކި ދިމަދިމާއިން މީހުންގެ ހަޅޭކުގެ އަޑު އިވެމުން ދިޔައެވެ. އެ އަޑުގެ ތެރެއިން ވެސް ދޯނީގެ ކައްޕީގެ އަޑު ވަކިން ގަދައެވެ. އެއީ އޭނާގެ ގޮތެވެ. ބުނާ ގަޑިއަށް ނައްޓާލާނެއެވެ. ވަކި މީހަކަށް ނުބަލާނެއެވެ. ކޮންމެ ގޮތަކުން ވިޔަސް ދަތުރުގެ ކޮންޓްރޯލް އޭނާގެ އަތުގައި ބާއްވާނެއެވެ.

ހިސާހިތަކު ދޯނީގެ ސްޕީޑް ބާރުވިއެވެ. އަރާމު ދަތުރަކަށް ކަނޑުގެ ރާޅުތައް ކަފަމުން މާލެއަށް ފަސްދެމުން ދޯނި ދިޔައެވެ. ދިމާ ބޯމަތީ ހުރި ސްވިޗް އަހަރެން ޖައްސާލީމެވެ. ބާރު ސްޕީޑްގައި އެނބުރެން ފެށި ފަންކައިގެ ވައިން އިތުރު ހިތްހަމަ ޖެހުމެއް އަހަރެންނަށް ލިބިގެންދިޔައެވެ.

"ކޮބާ. ދެން މި ހަމަޖެހުނީ. ދެންވީ ނިދާން" އަންހެނުންގެ ބުރަކަށީގައި ފިރުމާލަމުން އަހަރެން ބުނީމެވެ.

"ހާދަހާ މީހުނެއް އޮވެޔޭ ދޯ؟ މީ ހައްތާވެސް ތި ރަށު މީހުންތަ؟" ސުވާލުކުރީ އަންހެނުންނެވެ.

"ނޫން. މީގައި އެބަ ތިބި ހިތާދޫ މީހުން ވެސް. އެ މީހުން އެ ރަށަށް ބާލާފައި އަހަރެމެން ރަށަށްދާނީ" އަންހެނުން ކޮށްފާނެ އިތުރު ސުވާލަކަށް ވިސްނައިގެން އިނދެ އަހަރެން ޖަވާބުދިނީމެވެ. "އެރަށުގައި މާގިނައިރެއް ނުވާނެ. ފަސްވަރަކަށް މިނެޓު ވާނީ. އެރަށު މީހުން އެ ރަށަށް ބާލާފައި އަހަރެމެން ރަށަށް ދާނީ" އިތުރު ތަފުސީލު އަހަރެން ދިނީމެވެ.

(ނުނިމޭ)