މާފުއްޓަކީ ޖަޒީރާވަންތަ ތަރައްގީގެ ނަމޫނާ ރަށެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މާފުށި ފަދަ އެތައް ރަށެއް ފެންނާނެ ކަަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާފުއްޓަކީ ދުރު މުސްތަގުބަލަށް ވިސްނައިގެން ކަންކަން ކުރުމުގެ ނަތީޖާ ވަރަށް ރަގަޅަށް ދައްކުވައިދޭ ރަށެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުކުރަން ފެށި ގެސްޓްހައުސް ސިޔާސަތާ އެކު މާފުށި ވަނީ މުޅިން ބަދަލުކޮށްލާފައި ކަމަށެވެ. ލޯކަލް ޓުއަރިޒަމްގެ ފެށުމަކީ މާފުށި ކަމަށާއި އޭގެ މަންފާ ރަށުގެ ކޮންމެ ދިމާއަކުން ވެސް ފެންނަ ކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބިމުގެ އަގަށް ބަލާއިރު 800 ޕަސެންޓު މައްޗަށް ޖެހި، ވިޔަފާރި 500 ޕަސެންޓު ކުރިއަރާފައިވާ ކަމަށާއި ރަށުގައި ހުރި ހަރުމުދަލުގެ ޖުމްލަ އަގު އުޅެނީ 300 މިލިއަނުގައި ކަމަށެވެ. އަދިވެސް މިކަންކަން ފުޅާކުރެވެން އެބައޮތް ކަަމށާއި ރަށުގައި ބިންފުރި ގޯތި ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެރަށަށް ބަދަލުވާން ބޭނުންވާ އެތައް ބަޔަކުވެސް އެބަތިބި ކަމަށާއި އެފުރުސަތު ސަރުކާރުން ހުޅުވާލަން ޖެހޭ ކަމަށެވެ.

"މިރަށުގައި 52 ގެސްޓްހައުސް ނުވަތަ ކުދި ހޮޓާ އެބަހުރި. 1200 އެނދު އޮޕަރޭޓް ކުރޭ. 600 އެނދު ގާއިމުކުރުމުގެ މަސައްކަތް އެބަދޭ ކުރިއަށް. 5 ޑައިވިން ސެންޓަރު އަދި 3 ވޯޓާސް ސްޕޯޓްސް ސެންޓަރު އެބަހުރި. އާބާދީގައި 1900 މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅޭ އޭގެ ތިންގުނަ. ވަޒީފާއި އުޅޭ 1200 އަށްވުރެ ގިނަ މީހުން. ވަޒީފާއެއް ނުލިބި މީހަކު ނެތް. ހުސް ވަޒީފާ އަދިވެސް އެބަހުރި. މިފަދަ ރަށެއް މިރާއްޖޭގެ އެހެން ތަނެއްގައި އޮތްހެނެއް ހިއެއްނުވޭ" އިބޫ ވިދާޅުވިއެވެ.

ޖަޒީރާ ރާއްޖޭގެ ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ މާފުށި ފަދަ ރަށްތައް އިތުރުވާނެ ގޮތަށް ކަމަށާއި މާލެ ވަށައިގެން މީހުން ތޮއްޖެއްސުމުގެ ބަދަލުގައި މިހެން ތަރައްގީވާން ހުރި ރަށްތައް ތަރައްގީކޮށް ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ. ރައީސް ޔާމީންގެ ކެމްޕޭން ވައުދެއްގެ ގޮތުން މާފުށިން ބިންހިއްކައި 2 އަހަރުތެރޭ ގޯތި ދޫކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ބަޖެޓުގައި ނެތް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަމަށް މިހާރު އުޒުރު ދައްކަވަމުން ގެންދަވާ ކަމަށެވެ. ބަޖެޓުގައި ޖަހަނީ ސަރުކާރުން ކަމަށާއި އެކަންނުކޮށް ސަރުކާރުން އިހުމާލުވީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ބިންހިއްކާ ރަށްރަށުގެ ތެރޭގައި މިރަށް ހިމެނިގެންދާނެ. އަދި ގޯތި ބޭނުންވާ މީހުންނަށް ގޯތި ދިނުމަށް ލޭންޑްޔޫސް ޕެލޭނެއް 6 މަސް ދުވަހުގެ ތެރޭ އެކުލަވާލައި އެކަން ކުރާނަން" އިބޫ ވިދާޅުވިއެވެ.

މާފުއްޓަކީ ދައުލަތުގެ ބަޖެޓަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް ރަށް ކަަމާއި އެގޮތުން މިލިއަން ޑޮލަރު ހިއްސާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ކުނީގެ މައްސަލަ ހައްލުނުކުރެވި، މަގުތައް ނުހެދި، ގޯތިގެދޮރު ނުލިބި ރައްޔިތުން ތިބެންޖެހިފައިވުމީ އެކަން ވާންޖެހޭ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ. ގްރީން ޓެކްސްއިން ޚަރަދުކުރެވެން ޖެހޭނީ ކުނި ނައްތާލުމާއި ތިމާވެށީގެ ކަންކަމަށް ކަމަށާއި، އެބޭފުޅުންގެ ވެރިކަމެއްގައި އެކަމަށް ޚާއްސަ ފަންޑެއް އެކުލަވާލައި އެފަންޑަށް ގްރީން ޓެކްސް ޖަމާކޮށް، ރަށްރަށުގެ ކައުންސިލްތަކަށް ފައިސާދީގެން މިފަދަ މައްސަލަތައް ހައްލުކުރާނެ ކަަމަށެވެ. ރަށްރަށުގެ ބިންބިމުން ލިބޭ އާމްދަނީ ވެސް ދޭނި ކައުންސިލްތަކަށް ކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ވޯޓަރ ސްޕޯޓްސް ކުރިއެރުވުމަށް އެފަދަ ސެންޓަރުތައް ތަރައްގީކޮށް، ޒުވާނުންނަށް ތަމްރީން ދޭނެ ކަމަށެވެ. ރާއްޖޭގެ 75 ރަށެއްގައި 470 އަށްވުރެ ގިނަ ގެސްޓްހައުސް އެބަހުރިކަން ފާހަގަކުރައްވައި ވިދާޅުވީ މީގެ ސީދާ ނަފާ ލިބެނީ ރައްޔިތުންނަށް ކަމަށާއި ގެސްޓްހައުސް ސިޔާސަތު މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ކަމަށެވެ. ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށް ބަޖެޓުގައި ވަކިން ފައިސާ ހިމަނާނެ ކަަމަށެވެ.

އިބޫ ވަނީ މާފުށީ ޖަލުގައި ތިއްބެވި ސިޔާސީ ބޭބޭފުޅުންގެ ހަނދާން އައުކުރައްވައި، އެބޭފުޅުންނަށް ލިބެމުންދާ އަނިޔާއާ މެދު ހިތާމަ ފާޅުކުރައްވާފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެބޭފުޅުން މިނިވަންކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.