ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ވަނީ ގައުމަށް ނަމޫނާ ދައްކަވާފައި ކަމަށާއި އިއްތިހާދުގެ ވެރިކަމެއްގައި އެނަމޫނާއާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު އުކުޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައިސަލް ވިދާޅުވީ ގްރީން ޓެކުހުގެ ގޮތުގައި އުކުޅަހުން އެކަނިވެސް ދިވެހި ދައުލަތަށް ހަތަރު ލައްކަ ޑޮލަރު ދެއްކުމީ އެރަށު ރައްޔިތުންގެ ކެރުމާއި އަޒުމު ދައްކުވައިދިން ކަމެއް ކަމަށެވެ. މީގެ މަހެއްހާ ދުވަސް ކުރިން އުކުޅަހުގައި ބޭއްވި އެމްޑީޕީ ކޮންގްރެސްއަށް އިޝާރާތްކުރައްވައި، އުކުޅަހު ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދީފައިވާ ކަމަށާއި ގޮންޖެހުންތަކާ އެކުވެސް އެއްބައެއްގެ ގޮތުގައި ތިބެ ނަތީޖާ ނެރޭނެކަން ދައްކައިދީފައިވާ ކަމަށް ވިދާޅުވެ އެރައްޔިތުންނަށް ތައުރީފު ކުރެއްވިއެވެ.