ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް ގާއިމުކުރުމަށް މަސައްކަތް ކުރަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރަން ނޫން ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އަންނަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރަން ނޫން ކަމަށެވެ. ނަަމަވެސް ސަރުކާރަކުން ހަތަރު، ފަސް އަހަރު ވަންދެން ޚިޔާނާތުގެ އަމަލުތައް ފެނި، ފައިސާގެ މުއާމަލާތްތަކާ ގުޅޭގޮތުން ނުކުރަންޖެހޭ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކައި ހެދުމުން ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އޮންނާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އެފަދަ ޝައްކުތަކާއި ވަހުމްތައް ރައްޔިތުންގެ ސިކުނޑިން ފުހެލާނެ ކަމަށެވެ.
"އަޅުގަނޑުމެން ދައްކައިދޭނީ އަމަލުން. ނަތީޖާ ނެރޭނީ އަމަލުން. ޔަގީންކޮށ ްމިއަރުވަނީ މިއޯގާތެރި ސަރުކާރުން ޖަޒިރާވަންތަ ރާއްޖޭގައި އުޅޭ އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް 24 ގަޑިއިރު އަތުކުރި އޮޅާލައިގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާނަން" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރަށްތަކުން ފެންނަ މަންޒަރުތަކުން ހިތްރޮއްވާލާ ކަމަށާއި ބޮޑެތި ބަލިތަކާ ހަނގުރާމަކޮށް އެތައް ސިޓީތަކެއް ފޮނުވައި މުޅި އާއިލާގެ ސިޔާސީ ފިކުރު ބަދަލުކުރުމުން ވެސް ފަރުވާ ލިބުމުގެ މަގު ތަނަވަސްވެފައި ނެތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ފޫގަޅައިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ފަދަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އޯގާތެރި އަތެއް ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެފަދަ އާއިލާތަކަށް ފިނިކަމެއް ހޯދައިދިނުމަކީ ގައުމީ އަދި ދީނީ ވާޖިބަކަށް ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޒާރުގެ ވަގުތު މަސްދުވަހަށް ކުރުވަނީ ކަަމަށާއި ރައްޔިތުންނަށް ފިނިކަން ލިބޭނެ ކަމަށެވެ.