މީގެ ކުރިން ދުވަހަކުވެސް އެއްވެސް ޖައްވީ އުޅަނދަކުން އިރާއި ގާތް ނުވާ މިންވަރަށް އިރާއި ކައިރިވުމަށާއި ފޮރުވިފައިވާ އިރުގެ ހަގީގަތްތަށް ދެނެގަތުމަށް ނާސާއިން މަސައްކަތް ފަށައިފިއެވެ.

ނާސާގެ ޖައްވީ އުޅަނދު 'ޕާކާ ސޯލާރ' އިރާ ކައިރިއަށް ފޮނުވާލުމުގެ އާ މިޝަން ނާސާއިން ފެށި މި މަހުގެ ކުރީ ކޮޅު އެވެ. އެގޮތުން 'ޕާކާ ސޯލާރ' ދަތުރު ފަށާފައިވަނީ މީގެ ކުރިން އެއްވެސް ސްޕޭސް އެޖެންސީއެއް ނުވަތަ ޖައްވީ އުޅަނދަކުން ދަތުރު ކުރަން ވިސްނާފައި އޮތް ކަމަކަށްވެސް ނޫނެވެ.

މުޅިން އަލަށް އިރާއި ކައިރިވެވޭތޯ ބެލުމަށް މި ފޮނުވާ ނާސާގެ ޖައްވީ އުޅަނދު ގެ ސަބަބުން އިންސާނުންނަށް ހަކަތަ ފޯރުވައިދޭ އިރާއި ގުޅޭ ގޮތުން ފޮރުވިފައިވާ އެތަކެއް ހަގީގަތަކެއް ހޯދޭނެ ކަމަށް ސައިންޓިސްޓުން ގަބޫލު ކުރެއެވެ.

މީގެ ކުރިން އެއްވެސް ބަޔަކުން ކުރަން މަސައްކަތްވެސް ކޮށްފައިނުވާ ފަދަ އާދަޔާއި ހިލާފު މިޝަން އެއް ނާސާއި ފަށާފައިވާއިރު މި ޕްރޮޖެކްޓްގައި ހިމެނިވަޑައިގަންނަވާ އެޕްލައިޑް ފިޒިކްސް ލެބޯޓްރީގެ ސައިންޓިސްޓް، ނިކީ ފޮކްސް ވިދާޅުވީ "މިދަނީ މީގެ ކުރިން އެއްވެސް ޖައްވީ އުޅަނދެއް ގޮސްފައިވާ ތަނަކަށް ނޫން، އަދި ދާން ހިތުލީވެސް ތަނަކަށް ނޫން ތަރިތަކުގެ ކޮރޯނާގެ ތެރެއިން، އިރާއި ގުޅޭ ކަންކަން މި އޮންނަނީ ސިއްރުވެފައި، ޕާކާ ސޯލާރ އިން މި ސިއްރުތައް ހާމަކޮށްދީ އެތަކެއް ސުވާލުތަކެއްގެ ޖަވާބު ހޯދަން ފަށާނެ" ކަމަށެވެ.

އެޕްލައިޑް ފިޒިކްސް ލެބޯޓްރީގެ އިންސްޓްރްމެންޓަލް ސައިންޓިސްޓް، ރާލްފް މެކްނަޓް ވިދާޅުވީ ޖައްވަށް ދަތުރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް އިރުގެ ވަށައިގެ މި އެނބުރޭ ދުނިޔެއަށް ވާގޮތް ބަލާ، އެކަންކަމުން އިންސާނުންނަށް ކުރާ އަސަރުތަށް ދެނެގަތުމަށް ބޭނުންވާ ނަމަ މި ފަދަ ދަތުރުތައް ކާމިޔާބުވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނާސާގެ 'ޕާކަރ ސޯލާ' އިން އިރުގެ ރީޖަންގައި މިހާތަނަށް ހޯދިފައިނުވާ ހަތަރުކަމެއް ހޯދަން މަސައްކަތް ކުރާނެއެވެ. އެގޮތުން މެގްނެޓިކް ފީލްޑްތަކާއި، ޕްލަސްމާ އާއި އެނާޖެޓިކް ޕާޓިކަލްސް އާއި އިރުގެ ކޮރޯނާގެ ނޭޗަރ އާއި ސޯލާ ވިންޑް ހުރި މިންވަރު ދެނެގަތުމަށް އެ އުޅަނދުން މަސައްކަތް ކުރާނެއެވެ.

އިރުގެ ސާފަސްގެ ފިނި ހޫނު މިނަކީ 5،600 ޑިގްރީ ސެލްސިއަސް ނަމަވެސް ކޮރޯނާ (އިރުގެ ވަށައިގެންވާ ގޭސް ފަށަލައެއް) ތެރޭގައި އެތައް މިލިއަން ޑިގްރީއެއް ހޫނުވާނެއެވެ.

އިރަށްވުރެ އިރުގެ ވަށައިގެންވާ ކޮރޯނާގެ ހޫނުމިން އެތައް މިލިއަން ޑިގްރީ އަކަށް ހޫނު ގަދައިރު އެކަމާއި ގުޅޭ ހަގީގަތްތަކާއި އުފެދިފައިވާ ސުވާލުތަކަށް ޕާކާރ ސޯލާއިން ޖަވާބު ހޯދާނެ ކަމަށް ސައިންވެރިން ގަބޫލުކުރެއެވެ.

"މިއީ މީހަކު ހޫނުގަދަ އަލިފާން ގަނޑެއްކައިރީގައި ހުރެފައި ދުރަށް ދާ ތަނުން ކުއްލިއަކަށް ހޫނުވުން ކަހަލަ ކަމެއް" ފޮކްސް ވިދާޅުވިއެވެ.

މެކްނަޓް ވިދާޅުވީ އެއްވެސް ތަރިއަކާއި މިހާ ގާތްވުމަކީ ފަސޭހަ ކަމެއް ނޫން، ނާސާގެ މި އުނދަގޫ މިޝަންގައި ފޮނުވާ ޖައްވީ އުޅަނދު ބަހައްޓަން ޖެހޭނީ ހުރިހާ ވަގުތެއްގައިވެސް ތާމަލް ޝީލްޑެއްގެ ފަހަތުގައި ކަމަށެވެ. 'ކާބަން ފޯމް' އާއި 'ކާބަން ކޮމްޕޮސިޓް' ބޭނުންކޮށްގެން އުފައްދާފައިވާ މި ތާމަލް ޝީލްޑްގެ ބޯމިނުގައި ގާތްގަނޑަކަށް 4.5 އިންޗި ހުންނާނެ ކަމަށާއި، ވަށަމިނުގައި އަށް ފޫޓު ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުއެވެ.

މި ޝީލްޑަށްވެސް ހިފަހައްޓާލެވޭނީ އެންމެ ގަދަވެގެން 1،300 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައެވެ. އެއީ ދުނިޔޭގައި ދަނގަޑު ވިރޭހާ ގަދަ ހޫނު މިނެކެވެ. ޕާކާރ ސޯލާ އުފެއްދި އިރު މި އުޅަނދަށް މާ ގިނަ ވަގުތަކަށް އިރާއި މާ ގާތުގައި މާ ގިނަ ވަގުތަކުގެ ހިފަހައްޓައެއް ނުލެވޭނެ އެވެ. ނުވަތަ އިރާއި އެހާ ކައިރީގައި އެހާ ގިނަ ވަގުތު ވަންދެން މަޑެއް ނުކުރެވޭނެ އެވެ.

އޭގެ ބަދަލުގައި މާކިއުރީ އާއި އިރާއި ދޭތެރޭގައި ކުރިޔަށް އޮތް ހަތް އަހަރު ދުވަހު ހޯދާ ހޯދުންތަކެއް ހޯދުމަށް ޕާކާއިން ބޭނުން ކުރާނީ ވީނަސް ޕްލެނެޓެވެ. ސޯލާ ސާފަސް އާއި 3.8 މޭލަށް ޕާކާއިން ދަތުރު ކުރާނެއެވެ. މިއީ އެހެން އެއްވެސް ޖައްވީ އުޅަނދެއް އިރާއި ގާތްވެފައިވާ މިންވަރަށްވުރެ ކައިރިއެވެ.

އިރުގެ ގްރެވިޓީގެ ވަރަށް އެތެރޭގައި އެންމެ ހަލުވިކޮށް ދަތުރު ކުރާ ޖައްވީ އުޅަނދަށް ޕާކާ ވާނެ ކަމަށާއި، އެއީ ގަޑިއިރަކު 430،000 މޭލުގެ ބާރުމިނެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މި ބާރުމިނުގައި ގޮސް އެންމެ ކައިރިން އެޕްރޯޗް ކުރާ ސަރަހަދަށް އެ އުޅަނދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2024 ގައެވެ.

އަދި މި އުޅަނދަކީ ދިރިހުރި އިންސާނެގެ ނަމުން ނަން ދެވިފައިވާ ފުރަތަމަ އުޅަނދެވެ.އެއީ އިޔުގީން ޕާކާ އެވެ. އޭނާ އަކީ 1958 ވަނަ އަހަރު ސޯލާ ވިންޑް ހުރިކަމަށް ލަފާކުރި ސައިންސިސްޓެވެ. އެއީ އޭގެ ތިން އަހަރު ފަހުން ނާސާގެ މެރީނާ 2 ނަމަކަށް ކިޔާ އުޅަނދުން ވަނީ އެކަން ޔަގީންކޮށްދީފައެވެ.