އއ އަތޮޅުގެ ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ވަނީ ނުލިބިކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑީޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމާލުމަށްފަހު، މިއަދު މާލެ ވަޑައިގެން ދެއްވި ބަސްދީ ގަތުމުގައެވެ.

ފައިސަލް ވިދާޅުވީ މި ކެމްޕޭން ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީގެ ހުރިހާރަށަަކަށް ވަޑައިގެންނެވި އިރު އެހުރިހާރަށަކުންވެސް ވަރަށް ގިނަ ޝަކުވާތައް ލިބިވަޑައިގެންނެވި ކަމަށެވެ.

މިގޮތުން ލަފާ ފުރުމުގެ ދަތިކަމާއި ފެނާއި ސިއްޙީ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާތަކަކީ އެންމެ ބޮޑު ޝަކުވާކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ރަށްތަކުގައި ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައްވެސް ނުލިބި ވަނިކޮށް، އެތައް ސުވާލުތަކެއް އުފެދޭ ގޮތަށް ސަރުކާރުން ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންގެންދާ ގެންދިޔުމާއި މެދުވެސް ރައްޔިތުން ސުވާލު ކުރާކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ދެވުނީ އއ ހިމަންދޫއަށް. ހިމަންދޫގެ ޖެޓީ މިހާރު އޮތް ހާލަތުން އެޖެޓީއަކީ މިހާރު އިންސާނުން އަރާފައިބަން، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލައިފި ކަަމަށް ވަންޏާ ހެޔޮވާވަރު ފާލަމެއް ނޫން. ރައްޔިތުން އެދެނީ ރައްޔިތުންނަށް ބޭނުންވާ މިބާވަތުގެ ކަންކަން ކޮށްދިނުމަށް" ފައިސަލް ވިދާޅުވިއެވެ.

އަރިއަތޮޅު އުތުރުބުރީގެ ރައްތަކަށް ބުރާސްފަތި ދުވަހު، ރަނިންމޭޓު ފައިސަލް ނަސީމް ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެވަޑައިގެންނެވި އިރު، މީގެ ކުރިންވެސް ފައިސަލް ވަނީ ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށްވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

އަދި އެރަށްރަށުންވެސް ރައްޔިތުންގެ ޝަކުވާތައް ވަރަށް ބޮޑު ކަމަށާއި، އަސާސީ ޚިދުމަތްތައް ޤާއިމްކޮށް ނުދެވިވާކަން ފައިސަލް ދަނީ ފާހަގަކުރައްވަމުންނެވެ.